އިންޑިއާގެ ހުޅަނގު މަހަރާޝްތްރަ ސްޓޭޓުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 20 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ތާށިވެއްޖެ އެވެ.
އެ ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހުގެ ރޭ ރައިގަދް ޑިސްޓްރިކްޓުގެ އިރްޝަލްވާދީ އަވަށުގަ އެވެ. އެ ހާދިސާގައި ގިނަ ގެތަކަކަށް ފަސްއެޅުނެވެ.
މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބުރާސްފަތި ދުވަހު ބޯކޮށް ވާރޭވެހުމުން މެދުކަނޑާލަން ޖެހުނެވެ. އެކަމަކު އަނެއްކާވެސް ރެސްކިއު އޮޕަރޭޝަން ދަނީ ކުރިއަށެވެ.
މަހަރާާޝްތްރަ ސަރުކާރުން ބުނީ ގާތްގަނޑަކަށް 105 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އެ އެންމެން ވެސް ވަނީ ބިންގަނޑު ކަނޑައިގެން ދިޔަ ހިސާބުގައި ތާށިވެފަ އެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިންޑިއާގެ ބޮޑު ބަޔަކަށް ވަނީ ބޯކޮށް ވިއްސާރަކޮށްފަ އެވެ. މޫސުން ލަފާކުރާ ފަރާތްތަކުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވިއްސާރަ ކުރާނެ ކަމަށެވެ.
ބުދަ ދުވަހުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 6000 ޑޮލަރު ފޯރުކޮށްދޭނެ ކަމަށް މަހަރާޝްތްރަ ސްޓޭޓުގެ ޗީފް މިނިސްޓަރު އެކްނަތު ޝިންދޭ ވިދާޅުވި އެވެ.










