މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ގްރޫޕް ބީގައި ރޭ ޓީމު އެފްއެސްއެމް އިން އުރީދޫ އަތުން 9-0 އިން މޮޅުވެ، ޓީމުގެ އެނބުރި އައުން ވަރުގަދަކޮށްފި އެވެ.
އެފްއެމްއެސް އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 3-2 އިން ކްލަބް ވެމްކޯ އަތުން ބަލިވެފަ އެވެ. އަދި މި ގްރޫޕްގެ ތިން ވަނަ މެޗުން، ވެމްކޯ އިން ޓީމު އާރްއޯއެލް ބަލިކޮށް، ގަދަ 16 ބުރަށް ދަތުރުކޮށްފައިވާއިރު، ރޭގެ މެޗަށް ނުކުތްއިރު، އުރީދޫ އާއި އެފްއެސްއެމް އަށް ވެސް އޮތީ މޮޅުވުން މަޖުބޫރުވެފަ އެވެ.
ވިއްސާރަ ތެރޭގައި ރޭ ކުޅުނު މެޗުގައި އެފްއެސްއެމްގެ ކެޕްޓަން، މުހައްމަދު ނާފިއު އަހުމަދު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެފްއެސްއެމްގެ އަނެއް ގޯލުތައް ޖެހީ، އަލީ އަލްސަން ދެ ގޯލާއި އަހުމަދު އައިހަމް (އައިހު) ގޯލަކާއި އަބްދުﷲ ޒިޔާން (ޖަންކީ) އާއި މުހައްމަދު ޒިޔާދު އަދި އިބްރާހިމް ހުސެއިން ގޯލެކެވެ.
ގްރޫޕް އޭގައި މޯލްޑިވިއަން އިން ވަނީ 5-1 އިން ބަރޮސް މޯލްޑިވްސްގެ މައްޗަށް ކުރިހޯދައިފަ އެވެ. ބަރޮސް އާއި މޯލްޑިވިއަން ވެސް ފުރަތަމަ މެޗުން ވަނީ އެއްވަރުވެފަ އެވެ. ރޭގެ މެޗުގައި މޯލްޑިވިއަން ޓީމަށް ގޯލުތައް ޖަހައިިދިނީ ހުސެއިން އަފްސަލް އާއި އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ.
ކްލަބް މޯލްޑިވްސް ކްލަސިކް: މީރާ އާއި އެމްއެމްއޭ ފެށީ މޮޅަކުން
ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ހަތަރު މެޗެއް އިއްޔެ ހަވީރާއި ރޭ ކުޅުނެވެ. އެ ގޮތުން، ގްރޫޕް އީގައި ހާރިޖީ އާއި އޭޖީ އޮފީސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ގްރޫޕްގައި ހަޔާ އެޑިއުކޭޝަން އާއި ހެލްތު ރެކްރިއޭޝަން ކްލަބް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ހާރިޖީ ޓީމުގެ މުހައްމަދު ނާޝިދު (ނާއްޓެ) އެ ޓީމަށް ލީޑުނަގައިދިންއިރު، އޭޖީ އޮފީހަށް އެއްވަރުކޮށްދިނީ ނާފިއު ޒާހިރު އެވެ. ހަޔާ އެޑިއުކޭޝަން އަށް ރޭގެ މެޗުގައި ގޯލު ޖަހައިދިނީ މާޖިދު އަމީން، އިބްރާހިމް އާތިފް އަދި އާދަމް އަބްދުﷲ އެވެ. ހެލްތު ޓީމުގެ އަހުމަދު ނާސިރު ދެ ގޯލު ޖެހިއިރު، ހަސަން ރިއުމާން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
ގްރޫޕް އެފް އަށް ބަލާއިރު، ފެހި ފަހި ކްލަބް އަތުން އެމްއެމްއޭ ސޯޝަލް ކްލަބް ވަނީ ފަހަތުން އަރައި 5-2 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން، މީރާ އިން ވަނީ 2-0 އިން އުމްރާނީ ކްލަބް ބަލިކޮށްފަ އެވެ.
ފެހި ފަހި ކްލަބްގެ ކެޕްޓަން މައުމާން އަބްދުލް ރަޝީދު އާއި އީމާން އިސްމާއިލް އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިިދިންއިރު، ދެ ވަނަ ހާފުގައި އެމްއެމްއޭ ޓީމުން ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ، ނާއިފް މުހައްމަދު އާއި އަހުމަދު ފާރިޝް ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި މުހައްމަދު އައްފާން ގޯލެކެވެ.
މީރާ ޓީމުން އުމްރާނީ ބަލިކުރިއިރު، ލަނޑުތައް ޖެހީ އަހުމަދު ހުސެއިން އާއި ނާހިލް ނައީމް އެވެ.












