މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުން ކްލަބް ވެމްކޯ އިން 6-0 އިން ޓީމު އާރްއޯއެލް ބަލިކޮށް މުބާރާތުގެ ގަދަ 16 ބުރަށް ޖެހިިލިއިރު، ސްޓެލްކޯ އިން 2-1 އިން ޓީމު އެމްޓީސީސީ އަތުން މޮޅުވެ، ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ހޯދައިފި އެވެ.
ގްރޫޕް އޭގައި ފުރަތަމަ ކުުޅުނު މެޗުން އެމްޓީސީ ވަނީ ބަރޮސް މޯލްޑިވްސްއާ އެއްވަރުވެފަ އެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި މޯލްޑިވިއަން އާއި ސްޓެލްކޯ ވެސް ވީ އެއްވަރެވެ. އެހެންވެ، ރޭގެ މެޗަށް ނުކުތްއިރު، ސްޓެލްކޯ އަށް ވެސް އަދި އެމްޓީސީސީ އަށް ވެސް އޮތީ މޮޅެއް މުހިންމުވެފަ އެވެ. މި މެޗުގައި ސްޓެލްކޯ އަށް ދެ ވަނަ ހާފުގައި ލީޑުނަގައިިދިނީ އިބްރާހިމް ރިމާހު (ރިމޭ) އެވެ. އެމްޓީސީސީގެ އިބްރާހިމް އާޒިމް ހަނި އޭންގަލަކުން ވައްދާލި ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރި ނަމަވެސް އަލީ މާއިޝް (މައްޓު) ޖެހި ގޯލުން ސްޓެލްކޯ މޮޅުވީ އެވެ.

ސްޓެލްކޯ ޓީމުގެ މައްޓު (ކ) އެމްޓީސީސީގެ އާޒިމް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ވެމްކޯ އިން މި ވަނީ ގްރޫޕް ބީގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން ފުރަތަމަ މެޗުގައި ޓީމު އެފްއެސްއެމް އަތުން 3-2 އިން މޮޅުވިއިރު، ރޭ އާރްއޯއެލް ބަލިކުރީ ބޮޑު ތަފާތަކުންނެވެ. ދެ މެޗުން މޮޅުވެ، ވެމްކޯ ވަނީ ގަދަ 16 ބުރު ކަށަވަރުކޮށްފަ އެވެ.
ވެމްކޯ ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ، އިސްމާއިލް ވަޖީހު (ވައްޖެ)ގެ އިތުރުން އަލީ ޝިޔާހު (ޝިޔަޅޭ)، އަަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ.
ޑީޖީއޭ އާއި ކްލަބް 220 އަށް ބޮޑު މޮޅެއް
ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގައި ހަތަރު މެޗެއް އިއްޔެ ވަނީ ކުޅެފަ އެވެ. އެ ގޮތުން، އިއްޔެ ހަވީރު ޓީމު ޑީޖީއޭ އިން ވަނީ ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް އަތުން 10-2 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ތައުލީމީ ގުޅުމާއި އައިޖީއެމްއެޗް ކްލަބް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ޓީމު ޑީޖީއޭގެ އަބްދުﷲ ރިމާހު އާއި ސައުދުﷲ އަހުމަދު ކޮންމެ ކުޅުންތެރިއަކު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ހަތަރު ގޯލަށް ބަލާއިރު، ދެ ގޯލު ޖެހީ މުހައްމަދު އަޖުވަދު ސޮލާހު އެވެ. އަދި ހުމައިދު އަބްދުﷲ އާއި އިބްރާހިމް ނައީމް ވެސް ގޯލު ޖެހި އެވެ. ޓްރާންސްޕޯޓްގެ ލަނޑުތައް ޖެހީ މަޒުހަރު އަބްދުﷲ (މަޒޭ) އެވެ. އައިޖީއެމްއެޗަށް އިބްރާހިމް ސޯލިހު ގޯލު ޖަހައިދިންއިރު، ތައުލީމީ ގުޅުމުގެ ލަނޑު ޖެހީ އުމަރު ފާރޫގު އެވެ.

ޓީމު ޑީޖީއޭ އިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ގްރޫޕް ޑީގައި އިއްޔެ ހަވީރު ރައީސް އޮފީހުން ވަނީ 2-1 އިން ޓީމު ބަދަހި ބަލިކޮށްފަ އެވެ. އެ ގްރޫޕްގައި ރޭ ކުޅުނު މެޗުން މެޓް އޮފީސް އަތުން ކްލަބް 220 މޮޅުވީ 8-2 އިންނެވެ.
ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގައި މިއަދު އޮތް މެޗުތަކަށް ބަލާއިރު، ކްލަސިކް ޑިވިޝަނުގެ ހަތަރު މެޗާއި ކްލަބް މޯލްޑިވްސް ކަޕްގެ ދެ މެޗެއް އޮންނާނެ އެވެ.
އެ ގޮތުން، ހަވީރު 17:00 ގައި ކުޅޭ ދެ މެޗަކީ ކްލަސިކް ޑިވިޝަނުގައި އޮޑިޓާ ޖެނެރަލް ރެކްރިއޭޝަން ކްލަބާއި ހާރިޖީ ބައްދަލުކުރާ މެޗާއި ފެންފަހި ކްލަބާއި އެމްއެމްއޭ ކުޅޭ މެޗެވެ. މިރޭ، 20:15 ގައި ފަށާ މެޗުތަކަކީ ކްލަބް މޯލްޑިވްސް ކަޕްގެ ދެ މެޗެވެ. އެ ގޮތުން، މޯލްޑިވިއަން އާއި ބަރޮސް އެއް މެޗުގައި ކުޅޭއިރު، އަނެއް މެޗުގައި ޓީމު އެފްއެސްއެމް ކުޅޭނީ އުރީދޫއާ އެވެ. މިރޭގެ ފަހު މެޗުތައް 21:45 ގައި ފަށާއިރު، އެއް މެޗުގައި ހަޔާ އެޑިއުކޭޝަން ކުޅޭނީ ހެލްތު ރެކްރިއޭޝަން ކްލަބާ އެވެ. އަދި އަނެއް މެޗުގައި، މީރާ ބައްދަލުކުރާނީ އުމްރާނީ ކްލަބާ އެވެ.












