ކްލަބް މޯލްޑިވްސް ކަޕްގެ ފުރަތަމަ މެޗުތައް އިއްޔެ ކުރިއަށްދިޔައިރު، ސްޓެލްކޯ ކްލަބުން ފަހު ވަގުތު މޯލްޑިވިއަންއާ 1-1 އިން އެއްވަރުކުރިއިރު، ކްލަބް ވެމްކޯ އިން 3-2 އިން ޓީމް އެފްއެސްއެމް ބަލިކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުގައި މޯލްޑިވިއަން ޓީމުގެ ހަމްދާން އަބްދުލް ސައްތާރު އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، މެޗުގެ ފަހު ވަގުތު ސްޓެލްކޯ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އަލީ މާއިޝް (މައްޓު) އެވެ.
ގްރޫޕް އޭގެ ދެ ވަނަ މެޗުގައި ރޭ ބަރޮސް މޯލްޑިވްސް އާއި ޓީމު އެމްޓީސީސީ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުގައި ފުރަތަމަ ލީޑުނެގީ ބަރޮސް އިންނެވެ. އެ ޓީމުގެ ގޯލު ޖެހީ ސަފްވާން އަދުނާން އެވެ. އެމްޓީސީސީ އަށް އެއްވަރުކޮށްދިނީ އަލީ ނާފިއު (ކަޅޭ) އެވެ.

ލަނޑު ޖެހުމަށް ފަހު ވެމްކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުން، ކްލަބް ވެމްކޯގެ ކެޕްޓަން އަލީ ޝިޔާހު (ޝިޔަޅޭ) އެ ޓީމަށް ފުރަތަމަ ގޯލު ޖަހައިދީފައިވަނިކޮށް، އެ ޓީމަށް ކުޅޭ އީރާނުގެ އަލީ ރެޒާ ޝެއިކްލާރު ވަނީ ލީޑުފުޅާކޮށްދީފަ އެވެ. އަލީ ރެޒާ ކުރި އެޓޭކަކަށް އަރައި، މުސައްނިފު މުހައްމަދު ވަނީ ވެމްކޯގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އެފްއެސްއެމް އިން މެޗުގެ ފަހު ކޮޅުގައި ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު ތޯހިރު އާއި މުހައްމަދު ޝާން އެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ރޭ އުރީދޫ އާއި ޓީމު އާރްއޯއެލް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، އާރްއޯއެލްގެ ހުސެއިން ފަޔާޒް އެ ޓީމަށް ނަގައިދިން ލީޑާއެކު މެޗުގެ ބޮޑުބައި ކުރީގައި އޮތީ އާރްއޯއެލް އިންނެވެ. މެޗުގެ ފަހުކޮޅުގައި އައިހަމް ސައީދު (އައިކޮ) އެ ޓީމަށް ލީޑުފުޅާކޮށްދިން ނަމަވެސް އުރީދުން ވަނީ ފަހު ވަގުތު ދެ ގޯލު ޖަހައި، ނަތީޖާ ހަމަހަމަަކޮށްފަ އެވެ. އުރީދޫގެ ލަނޑުތައް ޖެހީ މުހައްމަދު އަނަސް އާއި ހުސެއިން ޝަރީފް އެވެ. ޝަރީފް ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.
ރޭ ވަނީ ކްލަބް މޯލްޑިވްސް ކަޕްގެ ކްލަސިކް ޑިވިޝަނުގައި ދެ މެޗެއް ކުޅެފަ އެވެ. އެ ގޮތުން، ހުޅުމާލެ ހޮސްޕިޓަލާއި ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްއެސްޕީއެން - ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ މަރުކަޒު - ކ. ގުރައިދޫ) ބައްދަކުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި އެޗްއެސްޕީއެން އިން ވަނީ ފުރަތަމަ ހާފު ފަށައިގެން މާ އިރެއްނުވެ، ދެ ހިލޭ ޖެހުމެއްގައި ކުރި ރަނގަޅު ދެ އެޓޭކުން ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އިޝާން އަބްދުﷲ އާއި މުހައްމަދު ސޮލާހު އެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ދެ ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އަހުމަދު ހުމާމް އެވެ.

ކްލަސިކް ޑިވިޝަނުގައި ރޭ އެޗްއެސްޕީއެންގެ ކެޕްޓަން ޝަހީމް (ކ) ހުޅުމާލެ ހޮސްޕިޓަލް ޓީމުގެ ކަލީމް ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކްލަސިކް ޑިވިޝަނުގައި ރޭ ކުޅުނު އަނެއް މެޗަށް ބަލާއިރު، ޓްރޭޑް ކްލަބް އަތުން އޭސީސީ ރެކްރިއޭޝަން ކްލަބް މޮޅުވީ 2-1 އިންނެވެ. އޭސީސީ އާރްސީ ޓީމުން ގޯލު ޖެހީ ހުސެއިން ޒައިމް އާއި މަހުދީ އަހުމަދު އެވެ. ޓްރޭޑް ކްލަބްގެ ހަމައެކަނި ގޯލު ޖެހީ ހިސާން މުހައްމަދު އެވެ.
ކްލަބް މޯލްޑިވްސް ކަޕާއި ކްލަސިކްގައި މިއަދު ހަވީރާއި މިރޭ ޖުމްލަ އެކު، ހަ މެޗެއް ކުޅޭނެ އެވެ. ހަވީރު ފަހެއް ޖަހާއިރު ފަށާ ދެ މެޗަށް ބަލާއިރު، އެމްޕީއެލް ބައްދަލުކުރާނީ ޓީމު އެލައިޑާ އެވެ. އަނެއް މެޗުގައި ކްލަބް އާބަންކޯ އިން ނުކުންނާނީ އެމްއޭސީއެލްއާ ދެކޮޅަށެވެ. މިރޭ 8 ޖަހާއިރު، ފަށާ ދެ މެޗަށް ބަލާއިރު، ކްލަބް އިމިގްރޭޝަނުން ޕޮލިސް ކްލަބާ ވާދަކުރާއިރު، ކްލަބް ޓީޓީއެސް ކުޅޭނީ ގޭސް ކްލަބާ އެވެ. މިރޭގެ ފަހު މެޗުތައް 21:30 ގައި ފަށާއިރު، ކުޅޭނީ ކްލަސިކް ޑިވިޝަނުގެ ދެ މެޗެވެ. އެއް މެޗުގައި ޕީއެސްއެމް އާއި ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބް ބައްދަލުކުރާއިރު، އަނެއް މެޗުގައި ޔޫތު މިނިސްޓްރީން ކުޅޭނީ ޓީމު ޕެމާއާ އެވެ.












