ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފޯރިގަދަ، ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތު ފާހަގަކުރަން ރޭ ހާއްސަ މެޗެއް ކުޅެވިގެންދިޔައިރު، މުބާރާތުގެ ރަސްމީ މެޗުތައް ފެށުމަށް ހަަމަޖެހިފައިވަނީ މިއަދު ހަވީރާއި މިރެ އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދެ ދަނޑުގައި މި އަހަރުގެ ކްލަބް މޯލްޑިވްސްގެ ހަތަރު މުބާރާތް ކުރިއަށްދާއިރު، ރޭ ވަނީ މި އަހަރުގެ މުބާރާތްތަކުގައި ކުޅޭ ޓީމުތަކުގެ ޖޯޒީ ދައްކާލުންކުރިއަށް ގޮސްފަ އެވެ. އެ ގޮތުން، މުބާރާތުގެ ހަތަރު ޑިވިޝަނުގައި ކުޅޭ 68 ޓީމުގެ ތެރެއިން ގިނަ ޓީމުތަކެއް ރޭގެ ހަރަކާތުގައި ވަނީ ބައިވެރިވެފަ އެވެ.
މި ފަހަރު، ކްލަބް މޯލްޑިވްސް ކަޕް 43 ދުވަހަށް ދިގުދެމިގެންދާއިރު، ހަތަރު މުބާރާތް އެކުއެކީގައި ކުރިއަށް ގެންދާނެ އެވެ. މި އަހަރު ކްލަބް މޯލްޑިވްސްގެ ފިރިހެން ޑިވިޝަން ދެ މުބާރާތަކާއި އަންހެން ބައިކަމަށްވާ 18/30 ގައި ދެ މުބާރާތެއް ބާއްވާނެ އެވެ. އެއީ، ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް، އަދި 18/30 ފިއެސްޓާ އާއި 18/30 ކްލަސިކް އެވެ.
ބައިވެރިވާ ޓީމުތަކުގެ ޖޯޒީ ދައްކާލުމުގެ އިވެންޓަށް ފަހު، ދެން ކުރިއަށްދިޔައީ ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ޓީމުތަކުގައި މަސައްކަތްކުރާ ކޯޗުންގެ ޓީމަކާއި މީޑިއާގެ ފަރާތްތައް ހިމެނޭ ޓީމެއްގެ މެދުގައި ކުޅެވުނު ހާއްސަ އެކްސިބިޝަން މެޗެކެވެ. މި މެޗު، 5-2 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ ކޯޗުންގެ ޓީމުންނެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ލައްވާލީ ކްލަބް އެވްސެކް، މީޑިއާނެޓު އަދި ކްރޮސްރޯޑާ އެކު ގްރޫޕް ޖީގަ އެވެ. އެންމެ ފަހުގެ ރަނަރަޕް އެމްޕީއެލް، ޓީމް އެލައިޑް، ކްލަބް ޓީޓީއެސް އަދި ގޭސް ކުލަބު ލައްވާލީ ގްރޫޕް ސީގަ އެވެ. އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ ގްރޫޕް ޑީ އާއި ގްރޫޕް އީ އެވެ. މިގޮތުން ގްރޫޕް ޑީގައި ހިމެނެނީ ކްލަބް އާބަންކޯ، އެމްއޭސީއެލް، ކުލަބު އިމިގްރޭޝަން އަދި ޕޮލިސް ކުލަބެވެ. ގްރޫޕް އީގައި ހިމެނެނީ އެސްޓީއޯ، ކުލަބު އެއާޕޯޓްސް، ޔުނައިޓެޑް ބީއެމްއެލް އަދި ޓްރީޓޮޕް ހޮސްޕިޓަލެވެ.

ގްރޫޕް އޭގައި ހިމެނެނީ ސްޓެލްކޯ، މޯލްޑިވިއަން، ޓީމް އެމްޓީސީސީ އަދި ބަރޮސް މޯލްޑިވްސް އެވެ. ގްރޫޕް ބީގައި ވެމްކޯ، ޓީމް އެފްއެސްއެމް، ކުލަބު އާރްއޯއެލް އަދި އުރީދޫ ހިމެނޭ އިރު، ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު ފެން، ކުލަބު އާސަންދަ އަދި ޕްރިޒަން ކުލަބު ހިމެނޭ ގްރޫޕް އެފް ގަ އެވެ. މުބާރާތުގެ ކުރީގެ ޗެމްޕިއަނެއް ކަމަށްވާ އާރްއާރްސީ އާއި ކަސްޓަމްސް، ޓީއެމްއޭ އަދި އީއާރުއެފްސީ ހިމެނެނީ ގްރޫޕް އެޗްގަ އެވެ.
ކުލަބު މޯލްޑިވްސް ކަޕްގެ ދެ ވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމަށެވެ.
ކުލަބު މޯލްޑިވްސް ކްލެސިކް ބައިގައިވެސް 24 ޓީމަކުން ބައިވެރިވެފައިވާއިރު، ޓްރޭޑް ކުލަބު، އެންޓި-ކޮރަޕްޝަން ކޮމިޝަން، ޔޫތު މިނިސްޓްރީ އަދި ޓީމް ޕެމާ ލައްވާލީ ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި ހުޅުމާލެ ހޮސްޕިޓަލް، އެޗްޕީއެސްއެން، ޕީއެސްއެމް އަދި ހޯމް އެފެއާޒް ހިމެނޭއިރު، ޓީމް ޑީޖީއޭ، ޓީއާރުސީ ޓްރާންސްޕޯޓްް، ތައުލީމީ ގުޅުން އަދި އައިޖީއެމްއެޗް ކުލަބު ހިމެނެނީ ގްރޫޕް ސީގަ އެވެ.
ގްރޫޕް ޑީގައި ހިމެނެނީ ރައީސް އޮފީސް، ޓީމް ބަދަހި، ކްލަބް 220 އަދި މީޓިއޮރޮލޮޖީ އެވެ. ގްރޫޕް އީގައި އޭޖީ ރެކްރިއޭޝަން ކުލަބު، ހާރިޖީ، ހަޔާ އެޑިއުކޭޝަން އަދި އެޗްއާރުސީ ހިމެނޭއިރު، ގްރޫޕް އެފްގައި ހިމެނެނީ ފެހި ފަހި ކުލަބު، އެމްއެމްއޭ، މީރާ އަދި އުމްރާނީ ކުލަބު އެވެ.
ކުލަބު މޯލްޑިވްސް ކްލަސިކް ބައިގެ ދެ ވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމާއި، ތިން ވަނަ އަށްދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެކެވެ.
އަންހެން ޑިވިޝަންގެ 18/30 ފިއެސްޓާގައި ވާދަކުރަނީ ހަތަރު ކުލަބަކުންނެވެ. އެއީ ދިވެހި ސިފައިންގެ ކުލަނު، އެމްޕީއެލް، ފެނަކަ އަދި ޕޮލިސް ކުލަބެވެ. މި އިވެންޓުގެ ފައިނަލުން ފުރުސަތު ލިބޭނީ ލީގު އުސޫލުން ހަތަރު ޓީމް ކުޅެ ކުރި ހޯދާ ދެ ޓީމަކަށެވެ. އަންހެން ޑިވިޝަންގެ 18/30 ކްލަސިކް ބައިގައި އަށް ޓީމަކުން ވާދަކުރާއިރު، ޓީމްތައް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. މިގޮތުން ގްރޫޕް އޭގައި ހިމެނެނީ އައިޖީއެމްއެޗް ކުލަބު، އެމްޕީއެލް، ވެމްކޯ އަދި އެމްއޭސީއެލް އެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ހޮސްޕިޓަލް، ޕްރިޒަން ކުލަބު، މީރާ އަދި ޔޫތު މިނިސްޓްރީ އެވެ.
ކްލަބް މޯލްޝިވްސް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ލިބޭނީ ދެ ގްރޫޕުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި މައިލޯ، ބްރޭންޑް ޗޮއިސް މޯލްޑިވްސްގެ ސިންގާ އަދި އާބަންކޯ ހިމެނެ އެވެ. ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި މެޗުތައް ވަގުތުން ގެނެސްދޭނީ މީޑިއާނެޓްގެ އައިސް ޗެނަލްތަކުންނެވެ.
އެހެން ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު، މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އަދަދު، ސޯޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސިޑިބަރި، ޑިޖިޓަލް ޕާޓްނަރު ދިރާގު، އޮފިޝަލް އެޓަޔާގެ ގޮތުގައި ޗެމްބާސް، ޓެކްނޮލޮޖީ ޕާޓްނަރުންގެ ގޮތުގައި ސިމްޑީ ޓެކް، އެނާޖީ ޕާޓްނަރަކަށް ސްޓެލްކޯ، އެސޯސިއޭޓް ޕާޓްނަރަކަށް މަކިޓާ، ލޮޖިސްޓިކް ޕާޓްނަރު އާރްޑީސީ، އޮފިޝަލް ފޮޓޯގްރާފާ އިމޭޖަސް.އެމްވީ، ޕަބްލިސިޓީ ޕާޓްނަރު އެއްކާފު، ލައިޓް އެންޑް ސައުންޑް ޓެކް ވޭވްސް، ޕްރިންޓް ޕާޓްނަރު ދި ޕްރިންޓް އަދި ފަސްޓް އެއިޑް ޕާޓްނަރު ހުޅުމާލެ ހޮސްޕިޓަލް އެވެ.
މުބާރާތުގައި މިއަދު ހަވީރު ދެ މެޗާއި މިރޭ ހަތަރު މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު 17:00 ގައި ކުޅޭނީ ކްލަބް މޯލްޑިވްސް ކަޕްގައި ވެމްކޯ އާއި އެފްއެސްއެމް އަދި ސްޓެލްކޯ އާއި މޯލްޑިވިއަން ކުޅޭ މެޗެވެ. މިރޭ، 20:05 ގައި ކުޅޭނީ ރާއްޖެ އޮންލައިން އާއި އުރީދޫގެ މެޗާއި އެމްޓީސީސީން ބަރޮސްއާ ކުޅޭ މެޗެވެ. އަދި މިރޭ 21:30 ގައި ކްލަބް މޯލްޑިވްސް ކްލަސިކްގައި ހުޅުމާލެ ހޮސްޕިޓަލް އާއި އެޗްއެސްޕީއެން އަދި ޓްރޭޑް ކްލަބާއި އޭސީސީ ރެކްރިއޭޝަން ކްލަބް ކުޅޭނެ އެވެ.












