ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފޯރިގަދަ، ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތާ އެކު ހާއްސަ މެޗަކުން މި ފަހަރުގެ މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ މި ފަހަރުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށްދާނީ ކްލަބް މޯލްޑިވްސްގެ ހަތަރު މުބާރާތުގައި މި ފަހަރު ކުޅޭ ޓީމުތަކުގެ ޖޯޒީތައް ދައްކާލުމާއި ޓީމު ތައާރަފްވެލުމެވެ.
ޖޯޒީތަކާއި ޓީމު ލޯންޗިން އަށް ފަހު ދެން ރޭވިފައި އޮތީ ހާއްސަ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގައި މި ފަހަރު ފެންނާނެ ކޯޗުންގެ ތެރެއިން ހޮވާލެވޭ ޓީމަކާއި ރާއްޖޭގެ ކުޅިވަރު ކަވަރު ކުރުމުގައި ހަރާކާތްތެރިވާ މީޑިއާގެ އެކި ފަރާތްތައް ހިމެނޭ ޓީމެކެވެ. ކޯޗުންގެ ޓީމުގައި ކްލަބް މޯލްޑިވްސް ކަޕްގައި ކުރިން ކުޅެ، މިހާރު އެ މުބާރާތުގައި ކޯޗުންގެ ގޮތުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތްތައް ހިމެނެ އެވެ. އަދި މީޑިއާ ޓީމުގައި ކުޅިވަރު ނޫސްވެރިންނާއި ފޮޓޯގްރާފަރުން ހިމެނިގެންދާނެ އެވެ.
މި ފަހަރު، ކްލަބް މޯލްޑިވްސް އިން ރާވާފައިވަނީ ހަތަރު މުބާރާތް އެކުއެކީގައި ކުރިއަށް ގެންދިއުމަށެެވެ. މި އަހަރު ކްލަބް މޯލްޑިވްސްގެ ފިރިހެން ޑިވިޝަން ދެ މުބާރާތަކާއި އަންހެން ބައިކަމަށްވާ 18/30 ގައި ދެ މުބާރާތެއް ބާއްވާނެ އެވެ. އެއީ، ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް، އަދި 18/30 ފިއެސްޓާ އާއި 18/30 ކްލަސިކް އެވެ.
މި ފަހަރުގެ ކްލަބް މޯލްޑިވްސްގެ މުބާރާތްތައް މީޑިއާނެޓްގެ އައިސް ޓީވީ ޕްލެޓްފޯމްތަކުން ފެނިގެންދާނެ އެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، ފާއިތުވި ދެ އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި މައިލޯ، ބްރޭންޑް ޗޮއިސް މޯލްޑިވްސްގެ ސިންގާ އަދި އާބަންކޯ ހިމެނެ އެވެ. ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި މެޗުތައް ވަގުތުން ގެނެސްދޭނީ މީޑިއާނެޓްގެ އައިސް ޗެނަލްތަކުންނެވެ.
އެހެން ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު، މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އަދަދު، ސޯޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސިޑިބަރި، ޑިޖިޓަލް ޕާޓްނަރު ދިރާގު، އޮފިޝަލް އެޓަޔާގެ ގޮތުގައި ޗެމްބާސް، ޓެކްނޮލޮޖީ ޕާޓްނަރުންގެ ގޮތުގައި ސިމްޑީ ޓެކް، އެނާޖީ ޕާޓްނަރަކަށް ސްޓެލްކޯ، އެސޯސިއޭޓް ޕާޓްނަރަކަށް މަކިޓާ، ލޮޖިސްޓިކް ޕާޓްނަރު އާރްޑީސީ، އޮފިޝަލް ފޮޓޯގްރާފާ އިމޭޖަސް.އެމްވީ، ޕަބްލިސިޓީ ޕާޓްނަރު އެއްކާފު، ލައިޓް އެންޑް ސައުންޑް ޓެކް ވޭވްސް، ޕްރިންޓް ޕާޓްނަރު ދި ޕްރިންޓް އަދި ފަސްޓް އެއިޑް ޕާޓްނަރު ހުޅުމާލެ ހޮސްޕިޓަލް އެވެ.
އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކްލަބް މޯލްޑިވްސްގެ މުބާރާތްތައް ކުރިއަށްދާނެ އެވެ.












