އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބޯޑުން ފާސްކޮށްފި އެވެ.
ބުދަ ދުވަހު ފާސްކުރި ނިންމުމާ އެކު 1.2 ބިލިއަން ޑޮލަރު ވަގުތުން ފޯރުކޮށްދޭނެ އެވެ. އެހީގެ ޕެކޭޖާ ގުޅޭ ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހު އެވެ.
އެހެން ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އެހީ ފޯރުކޮށްދެވެން އޮތީ އައިއެމްއެފްގެ ބޯޑުގެ ރުހުން ލިބުމުންނެވެ. ރުހުން ލިބުމާ އެކު 1.2 ބިލިއަން ޑޮލަރު ހަވާލުކުރާނެ އެވެ.

އެ ޕެކޭޖްގައި ހިމެނޭ ބާކީ އަދަދު ޕާކިސްތާނަށް ލިބޭނީ އިންސްޓޯލްމަަންޓްތަކަށް ބަހާލައިގެން އެކި ފަހަރު މަތިންނެވެ.
ޑޮލަރުގެ ދަތިކަން ކުރިމަތިވެ، އިގުތިސާދި ގޮންޖެހުންތައް ކުރިމަތިވެފައިވާ ޕާކިސްތާނަށް ސައުދީ އަރަބިއްޔާއިން ވެސް ދަނީ އެހީ ފޯރުކޮށްދެމުންނެވެ.
އެގޮތުން ޕާކިސްތާނުގެ މަރުކަޒީ ބޭންކުގައި ސައުދީ އަރަަބިއްޔާއިން ވަނީ ދެ ބިލިއަން ޑޮލަރު ޑިޕޮސިޓެއް ބަހައްޓައި، ޑޮލަރުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިފަ އެވެ.
މިދިޔަ ހަފުތާގައި ބޭރު ފައިސާގެ ރިޒާވް 9.6 ބިލިއަން ޑޮލަރަށް ވެއްޓުނު އިރު، ދާރް ވިދާޅުވީ ސައުދީގެ ޑިޕޮސިޓާ އެކު ރިޒާވް 11.6 ބިލިއަން ޑޮލަރަށް އުފުލިފައިވާ ކަމަށެވެ.










