މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސަރު ސްކްރީނިން އެޕްލިކޭޝަނަކާއި ޑޭޓާބޭސް އެކުލަވާލުމަށް އެހީތެރިވުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.
އެމްއޭސީއެލް ކޯޕަރޭޓް އޮފީހުގައި މިަކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސީއެސްއެމްގެ ހަޒާންދާރު ނީނާ މަންސޫރާއި ޗެކް ހަވާލުކޮށްދެއްވީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހުޖޫބު ޝުޖާއު އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ސީއެސްއެމްއަށް މިވީ އެހީތެރިކަމާއިއެކު އުފެއްދުމަށް ހަމަޖެހިފައިވާ އައު އެޕްލިކޭޝަން ތަރައްގީ ކުރުމުން ބަލިމީހުންގެ ފޮލޯ އަޕްތަކާއި އާފްޓާ ކެއާއާއި ގުޅުންހުރި ރެކޯޑްތަކެއް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެ އެވެ.
މީގެ އިތުރުން މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ކެންސަރާއި ގުޅޭ ދިރާސާތައް ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަސޭހަވެގެންދާނެ އެވެ.
ސީއެސްއެމްއިން މިހާރު ވަނީ އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރު އަދި ސާވިކަލް ކެންސަރު ހިމެނޭ ގޮތަށް އެކި ވައްތަރުގެ ކެންސަރަށް 20،900 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށްފަ އެވެ. މި އަހަރު ކެންސަރު ސޮސައިޓީން ދަނީ ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރު ސްކްރީނިން ތައާރަފްކޮށް އަދި މި ހިދުމަތް ބޮޑު އާބާދީއަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއޭސީއެލްއިން ސީއެސްއެމްއަށް މި ދިން އެހީތެރިކަމާއިއެކު، ކެންސަރާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުމާއި ސްކްރީނިން ފޯރުކޮށްދިނުމުގެ އިތުރުން، ކެންސަރާ ގުޅުންހުރި ޑޭޓާ އެއްކޮށް ބެލެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.











