އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕަށް އުރީދޫއިން އިއުލާނު ކޮށްފި އެވެ.
މި މުބާރާތަކީ ޕަބްޖީ ގެ އެންމެ ހުނަރުވެރި ޓީމުތައް އެއްތަނަކަށް ގެނެސް ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ހަމަޖައްސާފައިވާ މުބާރާތެކެވެ.
2022 ގައި ބޭއްވި "ރޯޑް ޓު 100ކޭ ކޮލިފައިން" މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ގެ ކާމިޔާބީއަށް ފަހު، ޖުމްލަ 16 ޓީމެއް ވަނީ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދާފަ އެވެ.
މި މަހުގެ 21 އަދި 22 ވަނަ ދުވަހު އޮންނަ މުބާރާތުގެ މެޗުތައް އޮންނާނީ މި ދެ ދުވަހަށް ބަހާލައިގެންނެވެ.
މި މުބާރާތުގެ ފުރަތަމަ ހަ މެޗް 21 ޖުލައިގައި ވާޗުއަލްކޮށް ކުޅުމަށް ހަމަ ޖެހިފައިވާއިރު، ދެވަނަ ދުވަހުގެ މެޗުތައް 22 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އާއި ދެމެދު ކުރިއަށްދާނީ ރެހެންދި ސްކޫލް ހޯލުގަ އެވެ.
މުބާރާތުގެ ދެ ވަނަ ދުވަހުގެ މެޗްތަކަށް ފަހު އިނާމު ދިނުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ހަމަ ޖެހިފައި ވަނީ ރެހެންދި ސްކޫލް ހޯލްގަ އެވެ. މުބާރާތުގެ އެންމެ މޮޅު ތިން ޓީމަށް 100،000ރ ގެ ފައިސާގެ އިނާމު ދިނުމަށް ހަމަ ޖެހިފައިވެ އެވެ. ފައިސާގެ އިނާމު ބަހާލެވިފައިވަނީ ތިރީގައިވާ ގޮތަށެވެ.
• 1 ވަނައަށް ދާ ޓީމަށް 50،000ރ.
• 2 ވަނައަށް ދާ ޓީމަށް 30،000ރ.
• 3 ވަނައަށް ދާ ޓީމަށް 15،000ރ.
• އެންމެ މޮޅު ކުޅުންތެރިޔާއަށް 5،000ރ.
އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕާއި ޓީމް އަޕްޑޭޓްތަކާއި ޝެޑިއުލްތަކާއި އެނޫންވެސް އެހެނިހެން ކަންކަމުގައި މައުލޫމާތު އުރީދޫގެ ވެބްސައިޓުން އަދި އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބޭނެ އެވެ.











