ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފޯރިގަދަ، ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ މީޑިއާ ޕާޓްނަރަކަށް "އަދަދު" ނޫސް ހަމަޖައްސައިފި އެވެ.
މިއީ، ކްލަބް މޯލްޑިވްސްއާ އެކު "އަދަދު" އިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ދެ ވަނަ އަހަރެވެ. މި ފަހަރުގެ މުބާރާތް ފެށުމަށް ނިންމާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ކްލަބް މޯލްޑިވްސްގެ ފަރާތުން އަދަދުއާ އެކު މި ވެވުނު އެއްބަސްވުމުގައި ސޮއިކުރީ ޓްރެޝަރާ އަބްދުލް ރަޝީދު އަލީ އެވެ. އަދި އަދަދު ނޫހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ސްޕޯޓްސް އެޑިޓަރު އައްޒާމް އަލިފުޅު އެވެ.
އަދަދު ނޫހުގެ އަމާޒަކީ ކުރިން އަހަރަށް ވުރެ ފުރިހަމަކޮށް ކްލަބް މޯލްޑިވްސް ކަޕްގެ މައުލޫމާތުތައް ގެނެސްދިނުމެވެ. ކްލެސިކްގެ ނަމުގައި މުޅިން އަލަށް މި ފަހަރު ކްލަބް މޯލްޑިވްސް އިން ދެ ޖިންސަށް ހާއްސަކޮށް އިތުރު ފުޓްސަލް މުބާރާތެއް ފަށާއިރު، އެ މުބާރާތާ ގުޅޭ މައުލޫމާތު ވެސް އަދަދު އިން ގެނެސްދޭނެ އެވެ.
ރާއްޖޭގައި ބޭއްވުނު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް އަދަދު އިން ވަނީ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެ، ކާމިޔާބު މަަސައްކަތެއް ކޮށްފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އައި ކްލަބް މޯލްޑިވްސް ކަޕަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، ފާއިތުވި ދެ އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.
މި އަހަރު، ކްލަބް މޯލްޑިވްސްގެ ފިރިހެން ޑިވިޝަން ދެ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް، އަދި އަންހެން ޑިވިޝަން ދެ މުބާރާތް، 18/30 ފިއެސްޓާ އަދި 18/30 ކްލަސިކް ކުރިއަށްދާނީ އެކުއެކީގަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި މައިލޯ، ބްރޭންޑް ޗޮއިސް މޯލްޑިވްސްގެ ސިންގާ އަދި އާބަންކޯ ހިމެނެ އެވެ. ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި މެޗުތައް ވަގުތުން ގެނެސްދޭނީ މީޑިއާނެޓްގެ އައިސް ޗެނަލްތަކުންނެވެ. އެހެން ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު، ޑިޖިޓަލް ޕާޓްނަރު ދިރާގު، އޮފިޝަލް އެޓަޔާގެ ގޮތުގައި ޗެމްބާސް، ޓެކްނޮލޮޖީ ޕާޓްނަރުންގެ ގޮތުގައި ސިމްޑީ ޓެކް، އެނާޖީ ޕާޓްނަރަކަށް ސްޓެލްކޯ، އެސޯސިއޭޓް ޕާޓްނަރަކަށް މަކިޓާ، ލޮޖިސްޓިކް ޕާޓްނަރު އާރްޑީސީ، އޮފިޝަލް ފޮޓޯގްރާފާ އިމޭޖަސް.އެމްވީ، ޕަބްލިސިޓީ ޕާޓްނަރު އެއްކާފު، ލައިޓް އެންޑް ސައުންޑް ޓެކް ވޭވްސް، ޕްރިންޓް ޕާޓްނަރު ދި ޕްރިންޓް އަދި ފަސްޓް އެއިޑް ޕާޓްނަރު ހުޅުމާލެ ހޮސްޕިޓަލް އެވެ.












