ރައީސް އޮފީހުން ބުނާ ގޮތަށް ފައިސާއަށް ބައެއް ނޫސްވެރިން ސުވާލު ކުރާ ކަމަށް ތުހުމަތުކޮށް، ދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން އަމްރު މީގެ ދެ ދުވަސް ކުރިން ދެއްކެވި ވާހަކަތަކަށް އޭނާ މިއަދު މައާފަށް އެދިވަޑައިގެންފި އެވެ.
މި ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ އަމްރު އެފަދަ މޭރުމަކުން ވާހަކަ ދެއްކެވީ އިދިކޮޅު ޕީޕީއެމްއާއެކު ޑިމޮކްރެޓްސް އިން ސިޔާސީ މަޝްވަރާތަކެއް ކުރުމަށް ބޭއްވި ތިންވަނަ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޕްރެސް ކޮންފެރެންސްގަ އެވެ.
އަމްރު މިއަދު ޓްވިޓާގައި ހިއްސާކުރެއްވި ލިޔުމެއްގައި ވަނީ އޭނާ ވާހަކަ ދެއްކެވީ މިނިވަން ނޫސްވެރިކަމަކަށް ބާރުު އެޅުއްވުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް ވާހަކަ ދެއްކެވުނު ގޮތުން ބައެއް މީހުން ހިތްހަމަނުޖެހުނު ކަމަށާއި، އެފަދަ މޭރުމަކުން އެ ވާހަކަ ގެނެސްދެވުނީތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުގެ ވާހަކަ ގެންދެވުނު ގޮތުން ބައެއް ބޭފުޅުން ހިތްހަމަނުޖެހުނު ކަން ފާހަގަ ކުރެވުނު، އަޅުގަނޑުގެ ވާހަކަ އެ މޭރުމުން ގެންދެވުނު ކަމަށް ޓަކައި ނިހާޔަތަށް މައާފަށް އެދެން،" އަމްރު ހިއްސާކުރެއްވި ލިޔުމުގައި ލިޔުއްވާފައިވެ އެވެ.
އަމްރު ވިދާޅުވި ގޮތުގައި މިނިވަން ނޫސްވެރިކަމަކަށް މާލީ މިނިވަން ކަން ބޭނުންވެ އެވެ. އެ ކަން ކުރުމަށް ޓަކައި، ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލުން ނޫސްތަކަށް ވެސް ފައިސާ ދޫކުރަން ޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ.

"މި ކަން މި ގޮތަށް ކުރުމަށް ޓަކައި ސިޔާސަތު އެކުލަވާލާ މެނިފެސްޓޯގައި ހިމެނުމަށް އަޅުގަނޑު ބާރު އަޅާނަން ކަން ވެސް ދަންނަވަން، އެ ކަމުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާ ކުރިއަރާ ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ޒުވާނުން އިތުރުވެގެންދާނެ،" އަމްރު ލިޔުއްވާފައިވެ އެވެ.
އަމްރުގެ އިތުރުން، ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ފަރާތުން އެ ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވެސް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވި އެވެ.
ދެ ބޭފުޅުންގެ ތުހުމަތުތައް ވެސް ނޫސްވެރިންނަށް އަމާޒުކުރަން ފެށީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން އަމްރު ހިމެނޭހެން ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ކުރިން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ބައެއް ނޫސްވެރިން ސުވާލު ކުރަން ފެށުމުންނެވެ. އަދި ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓާނެތޯ ނޫނީ ޑިމޮކްރެޓްސްއިން އެ ހަރަކާތަށް ރުހޭނެތޯ ބައެއް ނޫސްވެރިން ސުވާލު ކުރުމުންނެވެ.
ނޫސްވެރިންނާއި ޕްރެސް ދެއްވި ދެ ބޭފުޅުންނާ ދެމެދު ކޮންމެ ވެސް ވަރަކަށް ހޫނުވި އެ ބައްދަލުވުމުގައި ނޫސްވެރިންނަށް އަމާޒުކުރި ތުހުމަތުތައް ސާބިތުކޮށްދޭން ހެކި ދެއްކުމަށް ވެސް ބައެއް ނޫސްވެރިން އެދުނެވެ. އަދި އެ ކަން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ދިވެހި ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބަޔާން ވެސް ނެރުނެވެ.













