ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާކޮށްފައިވާ ތަހުމީން އަހުމަދު ހުށަހެޅި ދެ ހެއްކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން ބަލައިނުގަތް ތަހުމީން ދެ ދިފާއީ ހެއްކަކީ، ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ބިނާ ކުރަން ހުށަހެޅި ދެ ހެއްކެކެވެ. ބަލައިނުގަތުމަށް ކޯޓުން ނިންމީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ތަހުގީގު މަރުހަލާގައި ހާމަކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާތީ އާއި ޝަރީއަތުގެ މަރުހަލާގައި އެ ހެކިތައް ހާމަކޮށްފައިވާތީ އެވެ.
ތަހުމީންގެ ފަރާތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ކުރި ހުކުމުގައި ފާހަގަ ކުރި ކަމަކީ ކުށުގެ އަމަލު ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ނަގާފައިވަނީ މެއި 3، 2021 ގައި އޭނާގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ ސައިކަލެއްގައި އައިއީޑީ ހަރުކުރަން އުޅުނު ކަމަށް ދައުލަތުން ކުރާ ތުހުމަތަށެވެ.
ފުލުހުން ތަހުމީނަށް ދިން ގާނޫނީ އިންޒާރުގައި ސައިކަލުގައި އައިއީޑީ ހަރުކުރުމުގައި އުޅުނު ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް އެ ދުވަހުގެ ތާރީހަކާއި ކުށުގެ އަމަލު ހިނގި ތަނުގެ އެއްވެސް ތަފުސީލެއް ނެތެވެ. އެފަދަ ހާލަތެއްގައި، ކުށުގެ އަމަލު ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ތަހުގީގު މަރުހަލާގައި ނެގުމަށް ލާޒިމު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމުގައިވެ އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ނެރުއްވި ހުކުމުގައި ވަނީ ތަހުމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށްފަ އެވެ. އަދި ތަހުމީންގެ އެ ހެކިތަކަކީ ބަލައިނުގަނެވޭނެ ހެކި ކަމުގައި ކަނޑައަޅަން ޖެހޭ ތަނެއް ނެތް ނެތް ކަމުގައި ކަނޑައަޅައިފަ އެވެ.
މީގެ ދެ އަހަރު ކުރިން، މެއި 6، 2021 ގައި ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި މުޖާޒް އަހްމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމާއި އިސްހާގާއި ފަހުމީ އަލީގެ ޝަރީއަތްތަކެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން ކޮށްފައިވާ ދައުވާތައް:
- ތަހުމީން އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ
- މުޖާޒު އަހުމަދު : ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
- އަލީ ހައިޝަމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
- އިސްހާގު: ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
- ފަހުމީ އަލީ: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
- މުހައްމަދު ނާޒިމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ
ނަޝީދަށް ބޮމުގެ ހަމަލާ ދިނުމަށް އަމަލީ ގޮތުން ހަރަކާތްތެރިވި އަދުހަމް މުހައްމަދު ދައުލަތާ އެކު އެއްބަސްވުމެއް ހަދައި ކުށަށް އިއުތިރާފުވުމުން އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ.












