އުރީދޫއަށް 18 އަހަރު ފުރުމާ ގުޅުވައިގެން ބާއްވާ މިއަހަރުގެ އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފި އެވެ.
ރާއްޖޭގެ ހަތަރު ސިޓީއެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫގެ މަސްރޭހުގައި ކޮންމެ ސަރަހައްދަކުން ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އުރީދޫއަށް 18 އަހަރު ފުރޭ، އޯގަސްޓު މަހު އެވެ. މިފަހަރުގެ މަސްރޭސް ކުރިއަށް ގެންދާނީ ފިޝަރީޒް މިނިސްޓަރީއާ ގުޅިގެންނެވެ. އަދި ވަނަވަނައަށް ދާ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޖުމުލަ 160،000ރ. ގެ އިނާމު އުރީދޫއިން ހުށަހަޅާފައިވެ އެވެ.
މުބާރާތުގެ ވަނަވަނައަށް އުރީދޫއިން ހުށަހަޅާފައި ވާ އިނާމުތަކަކީ:
- އެއްވަނަ ޓީމަށް 25،000ރ.
- ދެ ވަނަ ޓީމަށް 10،000ރ.
- ތިން ވަނަ ޓީމަށް 5000ރ.
- އެންމެ މޮޅު ފިރިހެން މަސްވެރިޔާއަށް 1000 ރުފިޔާ
- އެންމެ މޮޅު އަންހެން މަސްވެރިޔާއަށް 1000 ރުފިޔާ
މަސް ރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަށް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެ އެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް މަސް ރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ އެވެ. މަސް ރޭސް ކިޓުގައި ހިމެނޭނީ މަސް ރޭސް ކޯރީ އާއި ޓީޝާޓެވެ. މަސް ރޭސް ކިޓުގެ އަގަކީ 150ރ. އެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ކެޕްޓަކާއި އޮފިޝަލުން ހިމެނޭހެން ޖުމުލަ 12 މެމްބަރުން ތިބެންވާނެ އެވެ.
އުރީދޫ މަސް ރޭސް 2023 ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ސިޓީއެއްގައިވެސް ތިރީގައިމިވާ ތާރީހުތަކުގަ އެވެ.
- މާލެ ސިޓީ: 4 އޮގަސްޓް، 2023
- ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް، 2023
- އައްޑޫ ސިޓީ: 18 އޮގަސްޓް، 2023
- ފުވައްމުލައް ސިޓީ: 25 އޮގަސްޓް، 2023
އުރީދޫ މަސް ރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާން ޖެހެ އެވެ. ގިނަވެގެން ވާދަ ކުރެވޭނީ ކޮންމެ ސިޓީއަކުން ވެސް 30 ޓީމަށެވެ. 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވާނީ ގުރުއަތުންނެވެ. ގުރުއަތުން ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ.










