އިންޑިއާގައި ހަމަނުޖެހުން ބޮޑުވެފައިވާ މަނީޕޫރް ސްޓޭޓުގެ ޓުއާއެއް ފަށަން އިދިކޮޅު ލީޑަރު ރާހުލް ގާންދީ ނިންމެވުމުން ފުލުހުން އެކަން ހުއްޓުވައިފި އެވެ.
ރާހުލް މަނީޕޫރަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެ ހެނދުނެވެ. ދެ ދުވަހުގެ ޓުއާގެ ބޭނުމަކީ އެ ސްޓޭޓްގައި ގެދޮރު ގެއްލިފައިވާ މީހުންނާއި އަމިއްލަ ޖަމިއްޔާތަކާ ބައްދަލުކުރުމެވެ.
މަނީޕޫރްގެ މެޖޯރިޓީ މެއިތެއި ދަރިކޮޅާޢި ކޫކީ ދަރިކޮޅާ ދެމެދު ހަމަނުޖެހުން ހިނގާތާ ދެ މަސް ވެއްޖެ އެވެ. އެކަމުގެ ތެރެއިން 100 މީހުން މަރުވެ 400 މީހުންނަށް އަނިޔާވެފައިވެ އެވެ.

އެ ސްޓޭޓްގެ ހާލަތާ ގުޅޭ ގޮތުން ބޮޑު ވަޒީރު ނަރެންދްރަ މޯދީ އޮފިޝަލުންނާ ބައްދަލުކުރެއްވި ނަމަވެސް، އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުނުވެ އަދި އާއްމުންގެ ހާލު ބައްލަވާލައްވަން ވަޑައިގެންފައި ނުވާތީ ފާޑުކިޔުން އަމާޒުވި އެވެ.
ކޮންގްރެސް ޕާޓީއިން ބުނީ ރާހުލްއާ ބައްދަލުކުރަން ގިނަ ބަޔަކު މަޑުކޮށްގެން ތިއްބައި، ދަތުރަށް ހުރަސްއެޅީ ކުއްލިއަކަށް ކަމަށެވެ. ފުލުހުން ބުނީ އެކަން ކުރީ ސެކިއުރިޓީ ސަބަބުތަކާ ހެދި ކަމަށެވެ.
މަނީޕޫރްގެ ހަމަނުޖެހުމުގައި 60،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ އިރު މިހާރު އެ މީހުން ތިބީ 350 ވަގުތީ ކޭމްޕުތަކުގަ އެވެ.










