ވޮޝިންޓަން، އެމެރިކާ (ޖޫން 21) - ލެބޯޓަރީތަކުގައި ސީދާ ޖަނަވާރުގެ ސެލް ބޭނުންކޮށްގެން އުފައްދާ ކުކުޅު މަސް ވިއްކުމުގެ ހުއްދަ އެމެރިކާގައި ފުރަތަމަ ފަހަރަށް ދެ ކުންފުންޏަކަށް ދީފި އެވެ.
އެގްރިކަލްޗާ ޑިޕާޓްމަންޓުން އެ ހުއްދަ ދިނީ "އަޕްސައިޑް ފުޑްސް" އަދި "ގުޑް މީޓް" ކުންފުންޏަށެވެ. އެ ކުންފުނިތަކުން ބުނީ އުފެއްދުންތައް ވަރަށް އަވަހަށް ސަޕްލައި ކުރަން ފަށާނެ ކަމަށެވެ.
އެ ދެ ކުންފުނީގެ އުފެއްދުންތަކަށް ވެސް ހުއްދަ ދޭން ފެންނަ ކަމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނީ ނޮވެމްބަރު މަހު އެވެ.
ލެބްގައި ކުކުޅު މަހާއި ގެރި މަސް އުފައްދައިގެން މާކެޓް ކުރާ ކުންފުނިތަކުން ބުނާ ގޮތުގައި އެއީ ދެމެހެއްޓެނިވި މުސްތަގްބަލެއް ހޯދުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ގުޑް މީޓްއަކީ 2020 ގައި ސިންގަޕޫރުގައި ލޯންޗުކުރި ކުންފުންޏެކެވެ. ލެބްގައި އުފައްދާ މަސް ވިއްކުމުގެ ހުއްދަ މުޅި ދުނިޔެއިން ވެސް އެންމެ ފުރަތަމަ ލިބުނީ އެ ކުންފުންޏަށެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށް އުފެއްދުންތައް ފޯރުކޮށްދޭން ލިބުމަކީ ބޮޑު އުއްމީދެއް ކަމަށެވެ.










