މިއަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތްއިރު އެ އިންތިހާބު ބޭއްވުމުގެ ބޮޑު މަސްއޫލިއްޔަތު އަދާކުރަންޖެހޭ އިލެކްޝަންސް ކޮމިޝަނަށް ވިލާގަނޑެއް ބޯމަތިވަނީ އެވެ.
އެ ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތުގެ ދައުރު އަންނަ ޖުލައި 25، އަށް ހަމަވާއިރު ރައްޔިތުންގެ މަޖިލިސް މަރުތަޅު އެޅިފައި އޮތުމުންނާއި މިއަދު ޗުއްޓީއަށް ދިޔުމަށް ހަމަޖެހިފައިވާތީ އޭނާގެ ބަދަލު މެމްބަރަކު ފަސޭއިން އަދި އަވަހަށް އައްޔަން ކުރެވޭނެވިދާނެ ކަމަށް ނުބެލެވެ އެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މެއި 29، ގައި ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. ނަމަވެސް ގާނޫނު ހަދާ ގޭގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ނުގެނެވިއްޖެ ނަމަ ސެޕްޓެމްބަރު 9، ގެ ބޮޑު ރިޔާސީ އިންތިހާބަށް އެ ކޮމިޝަނުން ކުރިމަތިލާންޖެހޭނީ ގާނޫނީ އަދަދު ހަމަނުވެ އެވެ.
"ކުރިއަށް އޮތީ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބު. އެ އިންތިހާބަށް އަޅުގަނޑުމެން ކުރިމަތިލާއިރުގައި އިލެކްޝަންސްގެ ކޮމިޝަނުގެ އެއް މެމްބަރެއްގެ މުއްދަތު އެ ހަމަވަނީ. އިއްޒަތްތެރި ރައީސް، މިކަންކަމަށް އަޅުގަނޑުމެން ގޮތެއް ނިންމުމަށްޓަކައި މި ރައްޔިތުންގެ މަޖިލިސް ހިންގަންޖެހޭ،" ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މިދިޔަ ހޯމަ ދުވަހު ވިދާޅުވި އެވެ.
އިންތިހާބީ އަހަރު އަދި އިންތިހާބުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ނިންމަންޖެހޭ ގައުމީ މަސްލަހަތާ ގުޅުން ހުރި ކިތަންމެ ކަމެއް ކުރިމަތިވާނެ އެވެ. އެ ނިންމުންތައް މެމްބަރުން ނިންމަންޖެހެނީ ރައްޔިތުންގެ ހައްގުތައް އެންމެ ފުޅާކޮށް ކަށަވަރު ކުރެވޭނެ ގޮތަކަށެވެ. އެހެންނަމަވެސް އެ ކޮމިޝަނުގެ މެމްބަރެއް މަދުކޮށް ރިޔާސީ އިންތިހާބާ ކުރިމަތިލައިގެން އެންމެ ރަނގަޅަށް މަސްލަހަތު އަދާ ކުރެވޭނެ ކަމާމެދު މި އޮތީ ޝައްކުތަކެއް އުފެދިފަ އެވެ.
މެމްބަރަކު މަދުކޮށް އިންތިހާބެއް ބޭއްވޭނެތަ؟
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ބުނެފައި އޮންނަ އެ ކޮމިޝަނުގެ ގާނޫނީ އަދަދަކީ ފަހެކެވެ. ގާނޫނީ ތަޖުރިބާކާރުން ބުނަނީ މެމްބަރަކު މަދުކޮށް އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހުރަހެއް ނެތް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގަ ނޯވޭ ފަސް މެމްބަރުން ހަމަވާންޖެހޭނެ ކަމަކަށް މަސައްކަތް ކުރަން ނުވަތަ އިންތިހާބެއް ބާއްވާކަށް. އެހެންވީމަ ހަތަރު މެމްބަރުން ތިބެގެން ވެސް ރިޔާސީ އިންތިހާބު ބޭއްވޭނެ. ކޮމިޝަނުގެ ޖަލްސާތައް ބާއްވައި ކަންކަން ފާސް ކުރަން ފަސް މެމްބަރުން ތިބުން ލާޒިމެއް ނޫން،" އިލެކްޝަންސް ކޮމިޝަނަށް ކުރިން ގާނޫނީ ލަފާ ދެއްވާފައިވާ ވަކީލަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނަނީ އެ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެގެން ޖަލްސާއެއް ބޭއްވިދާނެ ކަމަށެވެ. އެހެންކަމުން އެއީ ތިން މެމްބަރުންނެވެ. އަދި ހަމަ އެ މާއްދާގައި ބުނަނީ އެ ކޮމިޝަނުގެ ޖަލްސާއަކުން ކަމެއް ފާސް ކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކު މަދުކޮށް އިންތިހާބެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައި ވެސް އެބަހުއްޓެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިހާބު ބާއްވާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގައި ތިބެންޖެހޭ ގާނޫނީ އަދަދު ފުރިހަމަނުވެ އެވެ.
އިންތިހާބު ބޭއްވުނު ނަމަވެސް މައްސަލަ ނިކުތުން ގާތް
އިލެކްޝަންސް ކޮމިޝަނުގައި ހަތަރު މެމްބަރުން ތިބެގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޭއްވަން ގާނޫނީ ގޮތުން ހުރަހެއް ނެތް ނަމަވެސް ހިރި އަދަދެއްގެ މެމްބަރުން ތިބުމުން ނިކުމެދާނެ އެހެން ސީރިއަސް މައްސަލަތަކެއް ވެސް އެބަހުއްޓެވެ.
އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރު ވެސް ފާހަގަ ކުރެވެނީ ކޮމިޝަނުން ފާސް ކުރަން ބޭނުންވާ މުހިންމު މައްސަލައެއް ނުވަތަ ކަމެއްގައި އަގުލަބިއްޔަތު ނުލިބުމެވެ. އެފަދަ ހާސިދާއެއް މިދިޔަ އާދީއްތަ ދުވަހު ވެސް ފެނިއްޖެ އެވެ.
ދި ޑިމޮކްރެޓްސްގެ ރަޖިސްޓްރީއާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަން އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ޖޫން 18، 2023 ގައި ނޯޓިސް ފޮނުވިއިރު، އޭނާގެ އިތުރުން އިތުރުން ވަގުތުން ޖަލްސާއަށް ހާޒިރުވެވޭ ގޮތަށް ހުންނެވީ ނައިބު ރައީސް އިސްމާއިލް ހަބީބާއި މެމްބަރު މުހައްމަދު އާސިފެވެ.
ކޮމިޝަނުގެ ފަސް މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ޒާހިރު ހުންނެވީ ސައުދީ އަރަބިއްޔާގަ އެވެ. ކުއްލި ޖަލްސާއަކަށް ގޮވާލުމުން އެމަޖެންސީގައި މެމްބަރު އަލީ ނަޝާތު އެރޭ ވަޑައިގެންނެވި ނަމަވެސް ބައްޕަ ހަސްފަތާލުގައި އެނދުމަތިކޮށްފައިވާތީ އޭނާ ހުންނެވީ ސަލާމުގަ އެވެ.
ޑިމޮކްރެޓްސްގެ ރަޖިސްޓްރީ ދިނުމަށް އެރޭ ވޯޓު ދެއްވީ ދެ މެމްބަރުންނެވެ. އަނެއް ދެ މެމްބަރުން ވޯޓު ދެއްވީ ރަޖިސްޓްރީ ދޭން ހުށަހެޅި މައްސަލައާ ދެކޮޅަށެވެ. އެހެންކަމުން ރަޖިސްޓްރީން ދޭން ފާސްނުވެ، މައްސަލަ ކޮމިޝަނުގައި ތާށިވީ އެވެ.
"ހަތަރު މެމްބަރު މިހާރު ތިބި. ދެ ވޯޓު، ދެ ވޯޓުން އެއްވަރުވީ ހުއްދަ ދިނުމަށާއި ހުއްދަ ނުދޭ ގޮތަށް. އެހެންވީމާ ހުއްދައެއް ނުދެވުނު،" އެރޭގެ ކުއްލި ޖަލްސާގައި ކަންތައް ހިނގައިދިޔަ ގޮތް ސާފުކޮށްދެއްވަމުން ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވި އެވެ.
އެހެންކަމުން ކަންބޮޑުވާންޖެހެނީ ރިޔާސީ އިންތިހާބުގެ އެންމެ ނާޒުކު ދަނޑިވަޅުތަކުގައި ނިންމަންޖެހޭ ކަންކަން އެގޮތަށް ކޮމިޝަނުގައި ތާށިވެދާނެތީ އެވެ. ފަސް ވަނަ މެމްބަރަކު ހުރި ނަމަ ވޯޓު ހަމަހަމައަށް ބެހުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެކަމަކު ރިޔާސީ އިންތިހާބަށް އެންމެ 78 ދުވަހަށް ވެފައި އޮއްވައި، މިސާލާއެކު މިވަގުތު މި ފެންނަނީ އިލެކްޝަންސް ކޮމިޝަނުގައި އޮނަހިރި އަދަދެއް ހަމަނުވާތީ ކަންކަން ނުނިންމޭ މަންޒަރެވެ.
ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވާ އަނެއް ކަމަކީ އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި މައްސަލަ އުފެދި، އެކަކު އަނެކަކަށް އިތުބާރު ގެއްލިފައި އޮތުމެވެ.
އިލެކްޝަންސްގެ ކޮމިޝަނުގެ ތެރޭގައި މައްސަލައެއް އުޅޭކަމުގެ ނިޝާނެއް ނުފެނި އޮމާންކަމާއެކު ފަސް އަހަރުވާން ކައިރިވެފައި އޮއްވައި، އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ދަށުގައި ކަމަށް އެ ކޮމިޝަނުގެ މެމްބަރުން މުހައްމަދު އާސިފާއި އަލީ ނިޝާތު ތުހުމަތު ކުރައްވައިފި އެވެ.
"އެބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް،" އާދީއްތަ ދުވަހުގެ ރޭ ފުއާދު ވިދާޅުވި އެވެ.
ޕާޓީތަކުގެ ކަންބޮޑުވުންތަކާއި ފުއާދު ދެއްވާ ޔަގީންކަން
ހަތަރު މެމްބަރުން ތިބެގެން ރިޔާސީ އިންތިހާބަކަށް ކުރިމަތިލާންޖެހުމާމެދު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން މިހާރު ވެސް ނުފޫޒު ފޯރުވާ ކަމަށް އެ ޕާޓީން ގަބޫލު ކުރެ އެވެ. އެހެން އެކަން އޮއްވައި މެމްބަރަކު މަދުވުން ނުފޫޒު ފޯރުވަން ސަރުކާރު އޮތް ފުރުސަތު ބޮޑުވާނެ ކަމަށް އެ ޕާޓީން ގަބޫލު ކުރެ އެވެ.
"އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ފާހަގަވޭ ބައެއް ކަންކަން ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާކަން. އެއް ކަމަކަށް ހަތަރު މެމްބަރުން ތިބޭ ނަމަ އެއަށް ސަރުކާރުން ނުފޫޒު ފޯރުވަން ވެސް ފަސޭހަވާނެ. މިހާރު ވެސް ނުފޫޒު ފޯރުވަމުން އެ ދަނީ،" އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަދި މިހާރު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ހިޔާލާއި މިވަގުތު އުފައްދަން މަސައްކަތް ކުރާ ޑިމޮކްރެޓްސްގެ ހިޔާލާ ދާދި އެއްގޮތަވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުގައި ހަތަރު މެމްބަރުން ތިބުމަކީ މާ ބޮޑު މައްސަލައެއް ކަމަށް ޑިމޮކްރެޓްސް ނުދެކެ އެވެ. އެންމެ މުހިންމީ އިހުލާސްތެރިކަމާއެކު ޑިމޮކްރެޓިކް އުސޫލުން ކަންކުރާނެ މެމްބަރުންތަކެއް ކަމަށް އެ ޕާޓީން ބުންޏެވެ.
"ހަތަރު މެމްބަރުން ތިބުމަކީ މައްސަލައަކަށް ވެގެންނުވާނެ. އެއެއް ނޫން މައްސަލައަކީ. މައްސަލައަކީ ޑިމޮކްރެޓިކް އުސޫލުން ކަންތައް ނުކުރުން. ޕާޓީއެއް ރަޖިސްޓްރީ ކުރުމަކީ އެންޖީއޯއެއް ރަޖިސްޓްރީ ކުރުން ކަހަލަ ކަމެއް. އޭގަ މެމްބަރުން ބަސް ކިޔަންޖެހޭ ތަނެއް ނުވެސް އޮންނާނެ،" އިންތިގާލީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ދި ޑިމޮކްރެޓްސް އުފައްދަން މިވަގުތު މަސައްކަތް ކުރައްވާ އަހުމަދު ޝާހިދު (ސާބެ) ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ގާނޫނީ އަދަދު ހަމަނުވެދާނެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވެސް ވަނީ ފާޅުކޮށްފަ އެވެ.
"އެންމެނަށް ވެސް އެނގޭ ވަރަށް މި ދެންނެވީ. މި ވޯޓަށް ނާހައި މަޖިލިސް ޗުއްޓީއަށް ގެންގޮސްފިއްޔާ އިއްޒަތްތެރި ރައީސް ސީދާ މި މަޖިލިސް ހިސާރު ކުރި ކަމަކަށް ނޫން އިތުރު އެއްގޮތަކަށް ވެސް މިކަމެއް ނިމިގެނެއް ނުދާނެ،" އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު ކަނޑައަޅަން ވޯޓަށް އަހަން ގޮވާލައި މަޖިލީހުގެ ތަޅުމުގައި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިދާ އާދަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނާމެދު ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅު ކުރި ނަމަވެސް ރިޔާސީ އިންތިހާބުގެ މަސައްކަތް އޮމާންކަން ދާނެކަމުގެ ޔަގީން މި "އަދަދު" އާ ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ދެއްވި އެވެ.
"ހުއްޓުމަކަށް ނާންނާނެ. ހިޔާލު ތަފާތުވާ ކަމެއްގައި މިގޮތަށް ހުއްޓުނަސް ވެސް ގިނަ ކަންތައްތަކުގައި ހިޔާލު އެއްގޮތްވޭ. ހާއްސަކޮށް ރިޔާސީ އިންތިހާބާ ގުޅިގެން މި ކުރާ ހުރިހާ މަސައްކަތްތަކެއްގައި ހުރިހާ މެމްބަރުންގެ ވިސްނުން އެއްގޮތްވޭ،" ފޯނުން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހޯމަ ދުވަހު ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަނުގެ މެމްބަރުންގެ އަދަދަކީ ފަހެކެވެ. އެ ކޮމިޝަނުގެ މެމްބަރެއްގެ ދައުރު ހަމަވާތީ އިތުރު ނަމެއް ފާސް ކުރަން އޮތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ރައްޔިތުންގެ ހައްގުތައް އެންމެ ބޮޑަށް ކަށަވަރު ކުރެވޭނީ މިއަދު މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން އެ ނަން ފާސްކޮށްގެނެވެ.












