ކަތުމަންޑޫ، ނޭޕާލް (ޖޫން 18) - ނޭޕާލްގެ އިރުމައްޗަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި ދެ މީހުން މަރުވެ 28 މީހުން ގެއްލިއްޖެ އެވެ.
ސަންހުވަސަބާ ޑިސްޓްރިކްޓުގެ ހެވާ ކޯރުގައި ހިންގާ ހައިޑްރޯޕަވާ މަޝްރޫއުގެ މަސައްކަތުގައި އުޅުނު އެކަކު މަރުވި އިރު، އެ މަޝްރޫއުގައި އުޅުނު 17 މީހުން ވަނީ ގެއްލިފަ އެވެ.
ތަޕްލެޖުންގް ޑިސްޓްރިކްޓުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެޔަކަށް ފަސް އެޅުމުން އެކަކު މަރުވެ އެ އާއިލާގެ އިތުރު ތިން މީހުން ގެއްލުނެވެ.
ފުލުހުން ބުނީ ރެސްކިއު އޮޕަރޭޝަން ވަރުގަދަކޮށްގެން ގެއްލުނު މީހުން ފެނޭތޯ މަސައްކަތް ކުރާ ކަމަށެވެ. މަގުތަކާއި ބްރިޖުތަކަށް ގެއްލުންވެފައި ވާތީ ރެސްކިއު މަސައްކަތަށް ހުރަސް އެޅެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ އިރު، ކޯރުތައް ބަންޑުންވެދާނެ ކަމަށް ބަލައި އިދާރާތަކުން ވަނީ އިންޒާރު ނެރިފަ އެވެ.
ކޮންމެ އަހަރަކު ވެސް ޖޫން މަހުން ސެޕްޓެމްބަރު މަހަށް ނޭޕާލަށް ބޯކޮށް ވާރޭވެހި ގިނަ ބަޔަކު މަރުވެ އެވެ. އެކަމަކު ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުން އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.










