ޑުބާއީ، ޔޫއޭއީ (ޖޫން 16) - ސޮނީއިން އުފެއްދި ސްޕައިޑާމޭންގެ އެންމެ ފަހުގެ ފިލްމު ދެއްކުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން މަނާކޮށްފި އެވެ.
ކުރިން ނިންމާފައި އޮތީ ޖޫން ފަހުކޮޅުގައި "ސްޕައިޑާމޭން: އެކްރޮސް ދަ ސްޕައިޑާ ވާސް" އެ ދެ ގައުމުގެ ސިނަމާތަކުގައި ދެއްކުމަށެވެ.
އެހެން ނަމަވެސް، ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވާ ފިލްމުތަކުގެ ލިސްޓުން އެ ފިލްމު މިހާރު ވަނީ އުނިކޮށްފަ އެވެ. އެއީ ކީއްވެގެން ކަމެއް ސިނަމާތަކުން ނުބުނެ އެވެ.
މިދިޔަ މަހު ރިލީޒްކުރި ސްޕައިޑާމޭންގެ އެންމެ ފަހުގެ ފިލްމާ މެދު ޔޫއޭއީ އާއި ސައުދީ އަރަބިއްޔާއިން ހިތްހަމަނުޖެހުނީ އިސްލާމްދީނާ ހިލާފު ވިސްނުން ޕްރޮމޯޓް ކުރާތީ އެވެ.
އެގޮތުން އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ދިދަތަކާއި ކުޑަކުދިން "ޓްރާންސްޖެންޑާ" ކުރުމަށް ހިތްވަރުދޭ ދިދަތައް އެ ފިލްމުން ދައްކަ އެވެ.

އެކަމާ މެދު ހިތްހަމަނުޖެހި ޔޫއޭއީ އާއި ސައުދީ އަރަބިއްޔާގެ ސޯޝަލް ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު ވަނީ އާއިލާތަކުން އެކަމާ ސަމާލުވެ، ކުދިންނަށް ފިލްމު ނުދެއްކުމަށް ގޮވާލައިފަ އެވެ.
މިދިޔަ އަހަރު ޑިޒްނީއިން ނެރުނު ކާޓޫން ފިލްމު "ލައިޓްއިޔާ" ވެސް އެ ދެ ގައުމުން މަނާކުރި އެވެ. އެއީ އެ ކާޓޫނުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރުދީފައި ވާތީ އެވެ.










