ކަރާޗީ، ޕާކިސްތާން (ޖޫން 12) - ރަޝިއާއިން ލިބުނު ސާފުނުކުރާ ތެލުގެ ފުރަތަމަ ޝިޕްމަންޓް ކަރާޗީގެ ބަނދަރަށް ބާލަން ތައްޔާރުވެފައިވާ ކަމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ރަޝިއާގެ ތެލާއި ގޭހުގެ އެކްސްޕޯޓް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އިގުތިސާދީ ކާރިސާއެއް ކުރިމަތިވެ ޑޮލަރުގެ ދަތިކަން އިންތިހާއަށް ދިމާވުމުން ޕާކިސްތާނުން މިދިޔަ މޭ މަހު ވަނީ ރަޝިއާގެ ތެލުގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބެން މަގުފަހިވާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ޕާކިސްތާނުން ކުރިން ބުނީ ތެލުގެ ޝިޕްމަންޓްތަކަށް ފައިސާ ދައްކާނީ ޑޮލަރުން ނޫން ކަމަށެވެ.
ހޯމަ ދުވަހު ތެލުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާ އެކު ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވީ މިއީ ޕާކިސްތާނާއި ރަޝިއާއާ ދެމެދު ގާއިމްކުރެވުނު މުޅިން އާ ގުޅުމެއް ކަމަށެވެ.
ޕާކިސްތާނުގެ ނޫސްތަކުން ބުނީ 100،000 މެޓްރިކް ޓަނުގެ ތެޔޮ މިދިޔަ މަހު ރަޝިއާއިން ފުރުވާލި އިރު، އޮމާނަށް މަޑުކުރުމަށް ދެ ބޯޓަކަށް އެ ޝިޕްމަަންޓް ބަހާލި ކަމަށެވެ. ޕާކިސްތާނަށް ދަތުރު ފެށީ އޮމާނުންނެވެ.










