ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް މި އަހަރު އިއުލާނުކުރާ ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް ބީއެމްއެލްއިން ހިންގާ ޕްރޮގްރާމެކެވެ.
މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމާއި މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް މި ޕްރޮގްރާމްގެ ދަށުން ދޭނެ އެވެ.
"ބޭންކުން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން، ޒުވާނުންނަށް މާލީ ދާއިރާގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އަދި ފަށައިގަތުމަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ފުރުސަތު ލިބޭ," މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ
އެގޮތުން, 2018 ވަނަ އަހަރު ތައާރަފް ކުރި މި ޕްރޮގްރާމުގައި މިހާތަނަށް 42 އަށް ވުރެ ގިނަ ބައިވެރިން ކާމިޔާބު ކަމާއެކު އެ ޕްރޮގްރާމް ނިންމާލާފައިވާއިރު އޭގެ ތެރެއިން 70 އިންސައްތަ ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވާ ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.
މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000ރ. މުސާރަ އަދި ރޯދަ މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.
ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު އެ ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި ޖުލައި ދޭއްގެ ކުރިން އޮންލައިންކޮށް އެޕްލައި ކުރެވޭނެ އެވެ.









