ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް މި ފަހަރު ބަދަލުތަކަކާ އެކު ކުރިއަށްގެންދާއިރު، މުބާރާތް އިންތިޒާމްކުރާ ކްލަބް މޯލްޑިވްްސްގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި މައިލޯއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއީ، މައިލޯ އާއި ކްލަބް މޯލްޑިވްސް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރާ 17 ވަނަ އަހަރެވެ.
އިއްޔެ ބޭއްވި އިވެންޓްގައި ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ ޓްރެޝަރާ އަބްދުލް ރަޝީދު އަލީ އެވެ. އަދި މައިލޯގެ ފަރާތުން ސޮއިކުރީ ނެސްލޭ ލަންކާ ކުންފުނީގެ ސީނިއާ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ޗަމިންދަ ވިތާނާ އެެވެ.
މައިލޯ އަކީ ކްލަބް މޯލްޑިވްސް އިން މި އަހަރުގެ މުބާރާތަށް ކަނޑައެޅި ދެ ވަނަ ޕްލެޓިނަމް ސްޕޮންސަރެވެ. މީގެ ކުރިން ކްލަބް މޯލްޑިވްސް އިން ވަނީ ބްރޭންޑް ޗޮއިސް މޯލްޑިވްސްއާ އެކު ޕްލެޓިނަމް ސްޕޮންސަ އެއްބަސްވުމެއް ހަދައިފަ އެވެ. އެ ގޮތުން ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބްރޭންޑް މޯލްޑިވްސް އިން ފެންނާނީ ސިންގާ އެވެ.
ކްލަބް މޯލްޑިވްސް އިން ބުނީ ވަރަށް އަވަހަށް އިތުރު ދެ ޕްލެޓިނަމް ސްޕޮންސަރުންނާ އެކު، ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި ކްލަބް މޯލްޑިވްސް އިން ފުޓްސަލް ކަޕެއް ބާއްވަން އެންމެ ފުރަތަމަ ފެށީ 2006 ވަނަ އަހަރު އެވެ. ކްލަބް މޯލްޑިވްސް ކަޕް ޖެހިޖެހިގެން 15 އަހަރު ބޭއްވުމަށް ފަހު ހުއްޓުން އައީ ކޮވިޑް-19އާ ހެދި އެވެ. ކޮވިޑްގެ މެދުކެނޑުމަށް ފަހު އަލުން ކްލަބް މޯލްޑިވްްސް ކަޕް މިދިޔަ ދެ އަހަރު ވަނީ ބާއްވައިފަ އެވެ. ކްލަބް މޯލްޑިވްސް ކަޕަކީ އެ މުބާރާތުގެ ފިރިހެން ޑިވިޝަން އެވެ. އަންހެން ފުޓްސަލް ކުރިއެރުވުމަށް ކްލަބް މޯލްޑިވްސްގެ ފަރާތުން ފެށީ 2010 ވަނަ އަހަރު، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާ އެެވެ. މި މުބާރާތަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ސްކައުޓް ކުރުމަށް ވެސް ބޭނުންކުރާ މުބާރާތެކެވެ.
ކްލަބް މޯލްޑިވްސް އިން މި އަހަރު ކްލެސިކްގެ ނަމުގައި އާ ދެ މުބާރާތް ފަށާނެ އެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށެެވެ.
ކްލަބް މޯލްޑިވްސްގެ މި އަހަރުގެ މުބާރާތުގެ މުޅި ކަވަރޭޖް ގެނެސްދޭން ނިންމާފައިވަނީ މީޑިއާނެޓްގެ އައިސް ނެޓްވޯކް މެދުވެރިކޮށެވެ. މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފަށަން މި ވަގުތަށް ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މަހުގެ 14 ވަނަ ދުވަހެވެ.












