އިސްތަންބޫލް (ޖޫން 11) - ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ މެންޗެސްޓާ ސިޓީ އަތުން އިންޓަ މިލާން ބަލިވީ ނަސީބު ދެރަކަމުން ކަމަށާއި ފައިނަލުން ބަލިވިޔަސް ފައިނަލްގައި އިންޓަ އިން ދެއްކި ކުޅުމާ މެދު ފަހުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.
ތުރުކީގެ އިސްތަންްބޫލްގައި ރޭ ކުޅުނު ފައިނަލުން ސިޓީ 1-0 އިން މޮޅުވީ މެޗުގެ ދެ ވަނަ ހާފުގައި ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ޖެހި ލަނޑުންނެވެ. މެޗުގެ ފަހުކޮޅު، އިންޓަ އަށް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ހާއްސަކޮށް، އެ ޓީމުގެ ފޯވަޑް ރޮމެލޫ ލުކާކޫ އަށް ލިބުނު ހުސް ފުރުސަތެއް ފާހަގަކޮށްލެވެ އެވެ.
މެޗަށް ފަހު އިންޒާގީ ބުނީ މި މެޗުން ބަލިވުމަކީ އިންޓަ އަށް ހައްގު ނަތީޖާއެއް ނޫން ކަމަށެވެ.
"މިއީ އަހަރަމެންނަށް ހައްގުވާ ނަތީޖާއެއް ނޫން. އަހަރަމެންނާ ދެކޮޅަށް ކުޅުނީ ވަރަށް ފެންވަރު ރަނގަޅު ޓީމެއް. އެކަމަކު އިންޓާ އިން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި،" އިންޒާގީ ބުންޏެވެ.
"ކުޅުންތެރިން ތިބީ ވަރަށް ދެރަވެފައި. އެކަމަކު އަހަރެން ބުނިން ފައިނަލްގައި ދެއްކި ކުޅުމާމެދު އެ ކުޅުންތެރިން ފަހުރުވެރިވާންޖެހޭ ކަމަށް."
މުޅި މެޗުގައި ވެސް އިންޓަ ފެނުނީ ވަރަށް ރޭވުންތެރިކަމާ އެކު، ސިޓީގެ ގޭމް ހުއްޓުވުމަށް މަސައްކަތްކުރި މަންޒަރެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އަށް އެ ޓީމުގެ ގޭމް ކުޅުމަށް އުނދަގޫވި އެވެ.
އިންޓަ އިން މި ސީޒަން ނިންމާލީ ދެ ތައްޓާއެކު އެވެ. އެއީ އިޓާލިއަން ސުޕަ ކަޕާއި އިޓާލިއަން ކަޕެވެ. އަދި ލީގުގެ ތިން ވަނައިގައި ނިންމާލައި، އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދައިފަ އެވެ.
އިންޒާގީ ބުނީ އިންޓަގެ ހުރިހާ ކުޅުންތެރިން ފިޓުކޮށް ތިބެގެން، ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމަށް ރަނގަޅު ވާދައެއް ކުރެވޭނެކަން މި އަހަރުގެ މުބާރާތުގައި ސާބިތުކޮށްދީފި ކަމަށެވެ.












