ޒިއުރިކް، ސްވިޒަލެންޑް (ޖޫން 10) - ފީފާ ވޯލްޑް ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕްގެ ފޯމެޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ސީޒަނެއްގެ މައްޗަށް ކުޅުންތެރިން މެޗު ކުޅެން ޖެހޭ ނިސްބަތް އިތުރުވާތީ އެކަމާ މެދު ކުޅުންތެރިންގެ ހައްގުގައި މަަސައްކަތްކުރާ ފިފްޕްރޯ އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެމެެރިކާ، ކެނަޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކުރާނެ އެވެ. އޭގެ ކުރިން، 2024/2025 ވަނަ ސީޒަނުގައި، ފީފާ ކްލަބް ވޯލްޑް ކަޕް، 32 ޓީމާ އެކު، އާ ފޯމެޓަކަށް ފަށާއިރު، ޗެމްޕިއަންސް ލީގު ވެސް ބަދަލުތަކާ އެކު މެޗު ގިނަވާނެ އެވެ. އާ ފޯމެޓުތަކާ އެކު، ކުރިން ސީޒަނެއްގެ މައްޗަށް ކުޅެމުން އައި މެޗުގެ ޕަސެންޓޭޖަށް ބަލާއިރު، 11 ޕަސެންޓް އިތުރުވުމެއް އަންނާނެ އެވެ.
ފިފްޕްރޯގެ ޕްލޭޔާ ވޯކްލޯޑް މޮނިޓަރިން ރިޕޯޓުގައި 1800 ޕްރޮފެޝަނަލް ކުޅުންރެރިންގެ މައުލޫމާތަށް ބަލާއިރު، ފެންނަން އޮތް ކަަމަކީ މި ދެ މުބާރާތުގެ އާ ފޯމެޓްގެ ސަބަބުން ކުޅުންތެރިން ގިނަ މެޗުތަކެއް ކުޅެން ޖެހި މިހާރަށް ވުރެ ބޮޑަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމެވެ.
މިދިޔަަ އަހަރު ސީޒަން މެދުތެރެއިން ފީފާ ވޯލްޑް ކަޕް ބޭއްވުމާ އެކު 68 ޕަސެންޓް ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ކުޅެން ޖެހުނީ ދެ ހަފްތާއެއްހާ ދުވަސް ވެސް އަރާމްކޮށްލަން ފުރުސަތު ނުލިބިކަން ރިޕޯޓުން ފެންނަން އެބައޮތެވެ. އޭގެ ނަތީޖާ އަކަށްވީ މި އަހަރުގެ ޖެނުއަރީ މަހު، 44 ޕަސެންޓް ކުޅުންތެރިން ވަރުބަލިވުމުގެ ނިސްބަތް އެހެން އަހަރުތަކަށް ވުރެ އިތުރުވުމާއި 53 ޕަސެންޓް ކުޅުންތެރިންނަށް އަނިޔާގެ އެކި އެކި މައްސަލަތަކުގެ ތެރެއިން ދުވަސް ގުނަން ޖެހުން ކަމަށެވެ.
"މި ކަންކަމަށް ބަލާއިރު ފެންނަން އޮތް މަންޒަރަކީ މި ބަދަލުތައް މި އަންނަނީ ކުޅުންތެރިންގެ ސިއްހަތަށް އެއްވެސް ބެލުމެއް ނެތިކަން،" ފިފްޕްރޯގެ ވޯކްލޯޑް މޮނިޓަރިން ރިޕޯޓްގައިވެ އެވެ.
މިދިޔަ އަަަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ވަނީ އުމުރުން 29 އަހަރުގައި ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. ވަރާން އޭރު ބުނި އެއް ވާހަކަ އަކީ ކަލަންޑަރު މިހާރު ބަދަލުވަމުން އަންނަނީ ކުޅުންތެރިންގެ ސިއްހަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށެވެ.
ވަރާން ވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 248 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން، 58 ޕަސެންޓް މެޗު ކުޅެފައިވަނީ ޖެހިޖެހިގެންނެވެ. އަދި އެ މުއްދަތުގައި ދެ މެޗު ދެމެދުގައި ފަސް ދުވަސް ވެސް ރަނގަޅަށް ހޭދައެއްނުވެ އެވެ.












