އަހަރުމެންގެ ހަށިގަނޑަކީ އެތައް އަޑުތަކެއް އޭގެން އިވޭ އެއްޗެކެވެ. ބައެއް އަޑުތަކަކީ ފާޅުކަން ބޮޑު އަޑުތަކަށްވާ އިރު އަނެއްބައި އަޑުތަކަކީ ސިއްރު ސިއްރުން އުޅޭ އަޑުތަކެކެވެ. މިފަދަ އަޑުތައް އިވޭ އެއް ދިމާލަކީ އަހަރުމެންގެ ބަނޑެވެ. އާންމުކޮށް ބަނޑުހައިވުމާއި ގުޅިގެން ފާހަގަވާ މި އަޑަކީ މި ނޫން އެތައް ކަމަކާ ގުޅިގެން ވެސް އިވިދާނެ އަޑެކެވެ. ނިކަން މި ވާ ގޮތެއް ބަލާލަމާހެއްޔެވެ.
ހައިކަމުގެ ގޮވުން
ހައިވުމުން ބަނޑުން އަޑު ކިޔާ ސަބަބު އެންމެ ފުރިހަމައަށް ފަހުމުވުމަށް، އަހަރުމެންގެ އެތެރެހަށި ނުވަތަ ހަޖަމްކުރުމުގެ ނިޒާމް ރޭވިފައިވާ ގޮތަށް ފުރަތަމަ ކަޅިއެއް އެއްލާލަން ޖެހެ އެވެ. އަހަރުމެން ކާ އެއްޗެއް އަނގަޔަށް ލާ ހަފާލުމަށް ފަހު ދިރުވާލުމުން، އެތަކެތި ދަތުރުކުރަން ފަށަނީ ކާތަކެތި ހިނގާ ހޮޅި ނުވަތަ "އީސޮފޭގަސް" އިންނެވެ. މި ހޮޅިން ކާތަކެތި ފޮނުވާ ނިޒާމަށް ކިޔަނީ "ޕެރިސްޓަލްސިސް" އެވެ. މިއީ ދިރުވާލާ ތަކެތީގެ މަތިން ހޮޅި ފިއްތަމުން ތިރި ދޫކުކުރަމުން ފޮނުވާ ނިޒާމެވެ.
އަހަރުމެން އެއްޗެއް ނުކާތާ ގިނައިރުވުމުން، އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ހަށިގަނޑުން ގޮވާލަ އެވެ. މިކަން ކުރުމަށް ފުރަތަމަ "ގްރެލިން" ކިޔާ ހޯމޯނެއް ހަޖަމްކުރާ ނިޒާމަށް ދޫކޮށްލުމަށް ސިކުނޑިން އަންގަ އެވެ. މި ހޯމޯންގެ ސަބަބުން ބަނޑާއި ގޮހޮރުގެ ފާރުގެ ސެލްތައް ކައިރިވެ، މި ދެގުނަވަން ފިއްތާލަ އެވެ. ހައިވެފައި ހުންނަ ވަގުތުގެ ބަނޑުން އިވޭ އަޑަކީ މި ގުނަވަންތަކަށް މި އަންނަ ހަރަކާތުގެ އަޑެވެ. ބަނޑު ހުސްކޮށް އޮތުމުން މި އަޑުތައް ދަތުރުކުރަން ޖާގަ ލިބި، އަޑު ސާފުކޮށް އިވެ އެވެ. އާންމުކޮށް މިފަދަ އަޑެއް އިވޭނީ ބަނޑު ހުސްކޮށް އޮންނަތާ ދެ ގަޑި އިރެއްހާ އިރު ފަހުންނެވެ.

ހަޖަމުގެ ގޮވުން
ބަނޑު ހުސްކޮށް އޮތުމުން އިވޭ އަޑުތަކުގެ އިތުރުން، ހައިކަން ފިލުވަން ކުރާ މަސައްކަތުގެ ސަބަބުން ވެސް ބަނޑުން އަޑު ކިޔާފާނެ އެވެ. އަހަރެމެން ކާން ފެށުމުން ހަޖަމް ކުރާ ނިޒާމް އޭގެ ވަޒީފާ އަދާކުރަން ފަށަ އެވެ. ކުރިން ފާހަގަ ކުރި ފަދައިން އީސޮފޭގަސް އިން ކާ ތަކެތި ކޮށްޕަމުން ގޮސް ބަނޑާއި ހަމައަށް ފޮނުވަ އެވެ. އަދި އެޔަށް ފަހު ގޮހޮރުތަކުގެ ތެރެއިން މީގެ ބައިތައް ދެ އެވެ. މިކަންކަން ހިނގުމުގައި، ކާތަކެތި ހަޖަމުކުރުމަށް ތަފާތު އެންޒައިމް ތަކާއި އެސިޑްތައް މި ނިޒާމުން ދޫކުރެ އެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ބޮކި އަރާ ފަދަ އަޑުތަކެއް ބަނޑުން އިވިދާނެ އެވެ. މި ފަދަ އަޑުތައް ކައި ވަގުތު ނުވަތަ އޭގެ އިރުކޮޅެއް ފަހުން ވެސް އިވިދާނެ އެވެ.
ގޭހުގެ ގޮވުން
ހުންނަން ޖެހޭ މިނަށް ވުރެ ބަނޑުގައި ގޭސް އިތުރުވެއްޖެ ނަމަ ނުވަތަ ހަޖަމްކުރުމުގެ ނިޒާމުގެ އެކި ހިސާބުތަކުގެ ވައި ތާށިވެފައިވާ ނަމަވެސް ބަނޑުން އަޑު ކިޔުން އެކަށީގެންވެ އެވެ. އާންމުގޮތެއްގައި ހަޖަމްކުރުމުގެ ނިޒާމަށް ވައި ވަންނަނީ ކައި ވަގުތު އެވެ. ބައެއް ފަހަރު ކާ ތަކެއްޗާ އެކީ ވައި އަހަރުމެންނަށް ދިރުވާލެވެ އެވެ. އަދި ވައިގެ އެތި އެތިކޮޅުތައް އެއްވެ ބަނޑާއި ގޮހޮރުގެ ހިސާބުތަކުގައި ގޭސް ހަރުލާފައި ހުރެ އެވެ. ބަނޑާއި ގޮހޮރަށް ހަރަކާތަކާ އެކު ތާށިވެފައިވާ ގޭހަށް ވެސް އަސަރުކުރެ އެވެ. އަދި ނިޒާމުގެ ތެރެއިން ގޭސް ދަތުރުކުރާ ވަގުތު ލޮޅުންތައް އަރާ އަޑުތައް ކިޔަ އެވެ. ދިރުވާލެވޭ ވައިގެ އިތުރުން، ފިޒީ ޑްރިންކްސް ފަދަ ކާބަނޭޓެޑް ބުއިންތައް ބުއިމުން ވެސް ބަނޑާއި ގޮހޮރުގައި ގޭސް ހަރުލަ އެވެ.
ހަޖަމްނުވުމުގެ ގޮވުން
ބައެއް ފަހަރު ބަނޑުން ގޮވާ އަޑަކީ ކާނާއެއް ހަޖަމް ނުކުރެވޭކަން ފާހަގަކޮށްދޭ ކަމެކެވެ. ކިރުގައި ހުންނަ ހަކުރުގެ ބާވަތެއް ކަމަށްވާ "ލެކްޓޯސް" ނުވަތަ ގޮދަމުގެ ބާވަތްތަކުގައި ހުންނަ ޕްރޮޓީނެއް ކަމަށްވާ "ގްލޫޓެން" ހަޖަމުކުރުމުގައި ބައެއް ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވެދާނެ އެވެ. މި މާއްދާތައް ރަނގަޅަށް ކުދި ނުކުރެވޭ އިރު، އެ މާއްދާތަކުގެ ސަބަބުން ނުތަނަވަސްކަމާއި ހަޖަމުކުރުމުގެ އަޑުތައް އުފެދިދާނެ އެވެ. ވަކި ކާނާތަކެއް ކެއުމަށްފަހު ބަނޑުން އަޑު ގޮވާނަމަ ނުވަތަ އުނދަގުލެއް އިހުސާސް ކުރެވޭނަމަ، އެކާނާ އަކަށް "އިންޓޯލަރެންސް" ހުރިތޯ ތަހުގީގު ކުރުމަކީ ރަނގަޅު ކަމެކެވެ.
ނިންމުން
ބަނޑުގެ ގޮވުންތަކަކީ ހަމައެކަނި ބަނޑުހައިހޫނުކަމަށް ނިސްބަތްވާ ކަމެއް ނޫނެވެ. އެއީ ހަޖަމުކުރުމާއި، ގޭސް ތާށިވުމާއި، ކާނާ ހަޖަމްނުވުމުން ފަދަ ތަފާތު ކަންތައްތަކުގެ ސަބަބުން ދިމާވާ ކަންކަމެވެ. އެހެންކަމުން، ދެން ބަނޑުން އޭގެ ހާޒިރީ އަންގާލުމަށް މަސައްކަތްކުރާ އިރު، އެ ގުގުމާލާ އަޑުތައް އުފެދެނީ ކޮން ސަބަބަކާ ހުރެތޯ ވިސްނާލަން ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ބަނޑުހައިހޫނުކަން ފަދަ އާދައިގެ ކަމެއް ކަމުގައި ވިޔަސް ނުވަތަ އެއަށްވުރެ ބޮޑު ކަމެއް ކަމުގައި ވިޔަސް، ބަނޑުގެ ގޮވުންތަކުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަކީ، އަހަރެމެންގެ އަޖައިބުކުރުނަވި އިންސާނީ ހަށިގަނޑަށް، ޝައުގުވެރިކަމުގެ އިތުރު ފަށަލައެއް އިތުރުކޮށްދޭ ކަމެކެވެ.










