މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ފާއިތުވީ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް އެވޯޑު ދިނުމަށް ހަމަ ޖެހިފައިވަނީ ޕްރިންޓް ކެޓަގަރީ އަދި ބްރޯޑްކާސްޓް ކެޓަގަރީ ވަކިވަކީންނެވެ.
މިއަހަރު ވެސް ޖުމްލަ 12 ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ނިންމާފަ އެވެ. އެއީ؛
- ތަހުގީގީ ނޫސްވެރިކަން
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
- ސިޔާސީ
- ޝަރުއީ އަދި ގާނޫނީ
- ވިޔަފާރި އާއި އިގުތިސާދު
- ކުޅިވަރު
- ފޮޓޯ ޖާނަލިޒަމް
- ވީޑިއޯ ޖާނަލިޒަމް
- ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
- ފީޗާ ލިޔުން
- އުންމީދީ ނޫސްވެރިޔާ އަދި،
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވެ.
މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުން ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.
އިނާމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ ޖުލައި 2، ގެ މެންދުރުފަހު 13:00 ގެ ކުރިން ކަމަށް މީޑިއާ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ އިނާމު ދިނުމުގެ މައިގަނޑު މަގުސަދަކީ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމެވެ.












