މިލާން (ޖޫން 7) - އޭސީ މިލާންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އެ ކްލަބްގެ ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑިނީ، އެ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ދޫކޮށްލައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަލްޑިނީ، 54، އެ މަގާމު ދޫކޮށްލީ އެ ކްލަބް ހިންގަން ހަވާލުވެހުރި އެމެރިކާގެ ވިޔަފާރިވެރިން އެކަށީގެންވާ ވަރަށް ހަރަދުކުރަން ދެކޮޅު ހަދާތީ އާއި ކްލަބް ހިންގަން އުޅޭ ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމުންނެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު، މިލާނު ހިންގަން ހަވާލުވި އެމެރިކާގެ ރެޑްބާޑް ކެޕިޓަލް ޕާޓްނާސްގެ އެއް ވެރިޔާ، ގެރީ ކާޑިނޭލް، މިލާނުގެ ޓްރާންސްފާ ޕޮލިސީ އާއި އާ ކުޅުންތެރިން ހޯދަން ކުރާ ކަންކަމުގައި ނުފޫޒު ފޯރުވާން އުޅޭތީ، މަލްޑިނީ ހިތްހަމަނުޖެހޭ ކަމަށް މީޑިއާގައި އަޑުފެތުރިފައިވެ އެވެ.
މިލާނުން ނެރުނު ބަޔާނެއްގައި ވަނީ އެ ކްލަބަށް 2021/22 ވަނަ އަހަރުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ލިބުމާއި އެ ޓީމު އަލުން ޗެމްޕިއަންސް ލީގާ ހަމައަށް ގެނެސްދިނުމަށް މަލްޑިނީ، ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރެ، ކުރި މަސައްކަތްތަކުގެ އަގުވަޒަންކުރާ ކަމަށް ބުނެފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ޑިފެންޑަރު، މަލްޑިނީ ކުޅުނުއިރު، ކްލަބް ކެރިއަރު އެއްކޮށް ހޭދަކުރީ މިލާނުގަ އެވެ. ގިނަ ޓީމުތަކެއްގެ އޮފާ ލިބުނު ނަމަވެސް މަލްޑިނީ ނިންމީ މިލާނުގައި މަޑުކުރާށެވެ.
ކުޅުމުގެ ކެރިއަރުގައި މަލްޑިނީ ވަނީ މިލާނަށް ކުޅެދިން 25 ސީޒަނުގައި 900 އަށް ވުރެ ގިނަ މެޗު އެ ޓީމަށް ކުޅެދީފަ އެވެ. ކާމިޔާބީތަކަަށް ބަލާއިރު، ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ހަތް ފަހަރު އިޓާލިއަން ލީގުގެ ތަށި އުފުލާލުމުގެ އިތުރުން 2003 ވަނަ އަހަރު އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދުން ހިމެނެ އެެވެ.
މަލްޑިނީ، 2009 ވަނަ އަހަރު ރިޓަޔާކުރުމަށް ފަހު، ޔުއެފާގެ އެމްބަސަޑަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޭނާ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވީ 2018 ވަަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އޭގެ ފަހުން، އޭނާ އަންނަނީ އެ މަގާމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.












