ރިޕޯޓު500 ޕައިލެޓުން އުފެއްދުން ރަނގަޅު ފާލަކަށް ވެދާނެތަ؟

500 ޕައިލެޓުން އުފެއްދުން ރަނގަޅު ފާލަކަށް ވެދާނެތަ؟

"ޕައިލެޓްކަން ކިޔަވަން 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެޕްލައި ކުރަމުން މިދަނީ. ލޯނު ލިބުނީމަ ވަރަށް އުފާވި. އެކަމަކު 500 އެއްހައި ދަރިވަރުން ޕައިލެޓްކަން ކިޔަވަން ފޮނުވީމަ, ކިހިނެއް އެންމެނަށް ވަޒީފާ ދޭނީ."

ތަމްރީނުވެގެން އައި ޕައިލެޓުން މޯލްޑިވިއަން ކުރިމަތީގައި ކިއު ދަމާފައި; ތަމްރީނުވާ ޕައިލެޓުންނަށް ވަޒީފާ ލިބޭނެކަމާމެދު ވަނީ ސުވަލު އުފެދިފައި -- އާޓްވޯކް; ރައްޔާން/ އަދަދު
ތަމްރީނުވެގެން އައި ޕައިލެޓުން މޯލްޑިވިއަން ކުރިމަތީގައި ކިއު ދަމާފައި; ތަމްރީނުވާ ޕައިލެޓުންނަށް ވަޒީފާ ލިބޭނެކަމާމެދު ވަނީ ސުވަލު އުފެދިފައި -- އާޓްވޯކް; ރައްޔާން/ އަދަދު

"ކިހިނެއް އެހާ ގިނަ ޕައިލެޓުންނަށް ވަޒީފާ ދޭނީ؟" ޕައިލެޓްކަން ކިޔަވަން 479 ދަރިވަރުންނަށް ސްޓޫޑެންޓު ލޯނުގެ ފުރުސަތު ދިންކަން އިއުލާން ކުރުމާއެކު އެންމެންގެ ހިތުގައި އުފެދުނީ އެ ސުވާލެވެ. ރާއްޖެ ފަދަ ކުޑަ ކުޑަ ގައުމެއްގައި އެއް ފަހަރާ 500 އެއްހާ ޕައިލެޓުން އުފެއްދުމަކީ ރާއްޖެއަށް ތަކާ ކަމެއްތޯ އެވެ؟

މި އަހަރުގެ ސްޓޫޑެންޓް ލޯނު ސްކީމުގައި ފުރަތަމަ ހުޅުވާލީ 720 ފުރުސަތެވެ. ނަމަވެސް ލޯނުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ކައިރިވެފައި އޮއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ, މިއަހަރު ލޯނަށް ކުރިމަތިލި ޝަރުތު ހަމަވި 1225 ދަރިވަރުންނަށް ލޯނު ދޭން ނިންމަވާފަ އެވެ. އޭގެ ތެރޭގައި ޕައިލެޓްކަން ކިޔަވަން, ލޯނަށް އެދުނު 479 ދަރުވަރިން ހިމެނެ އެވެ. އެ ނިންމުން ވީ ލޯނަށް އެދުނު ދަރިވަރުންނަށް އުފާވެރި, އެހެންނަމަވެސް ކަންބޮޑުވުން ވެސް އުފެދުނު ނިންމުމަކަށެވެ.

"ޕައިލެޓްކަން ކިޔަވަން 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެޕްލައި ކުރަމުން މިދަނީ. ލޯނު ލިބުނީމަ ވަރަށް އުފާވި. އެކަމަކު 500 އެއްހައި ދަރިވަރުން ޕައިލެޓްކަން ކިޔަވަން ފޮނުވީމަ, ކިހިނެއް އެންމެނަށް ވަޒީފާ ދޭނީ،" ޕައިލެޓްކަން ކިޔެވުމަށް ލޯނުގެ ފުރުސަތު ހަމަޖެހުނު ދަރިވަރަކު ބުންޏެވެ.

އެތައް ދުވަހެއްގެ އިންތިޒާރަށްފަހު ބޭނުންވާ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް މިހާރު ދަރިވަރުންނަށް އޮތް ގޮތަކީ, ވަޒީފާ ހޯދަން ރާއްޖެއިން ބޭރަށް ދިޔުމެވެ. އެގޮތް ބޭނުން ނުވާ ނަމަ ނުވަތަ ދެވެން ނެތް ނަމަ މިލިއަން ރުފިޔާއަށް ލިބޭ ލައިސަންސް އަލަމާރީގައި ބާއްވައިގެން, ލޯނު ދައްކާލަ ދައްކާލާ ހުރުން ނޫން ގޮތެއް ނެތެވެ.

މިއީ ރާއްޖެއަށް ފައިދާކުރާނެ އިންވެސްޓްމަންޓެއްބާ؟

އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ޕައިލެޓްކަން ކިޔަވަން ފޮނުވުމަކީ އެއީ ހެދޭ ގޯހެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދެކެވަޑައެއް ނުގަންނަވަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި, ލޯނުގައި ދަރިވަރުން ކިޔަވަން ފޮނުވި ނަމަވެސް އެ ހުރިހާ ކުދިން އެއްފަހަރާ ވަޒީފާ ހޯދާކަށް ނާންނާނެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މި އިންވެސްޓްމަންޓަކީ ހަމަ ރަނގަޅު އިވެސްޓްމަންޓެއް ކަމަށް. ގައުމަށް މީގެ ފައިދާ މުސްތަގުބަލުގައި ކުރާނެ އިންވެސްޓްމަންޓެއް،" ޕައިލެޓްކަން ކިޔަވަން ގިނަ ފުރުސަތުތަކެއް ދޭން ނިންމި ނިންމުން ދިފާއު ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ރަނގަޅު އިންވެސްޓްމަންޓެއް ކަމަށް މިނިސްޓަރު ވިދާޅުވަނީ ރާއްޖޭގެ އެއާޕޯޓުތައް އިތުރުވަމުން އަންނަ މިންވަރާއި ދިވެހިންގެ މަސައްކަތާއި ޗުއްޓީ ހޭދަ ކުރުމުގެ ވައްޓަފާޅިއަށް އަދި މިކަމުގައި ލިބިފައިވާ ފަންނީ ލަފައަށް ބިނާކޮށެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުންނަށް މިއީ ރާއްޖެއަށް ބޭނުންތެރި އިންވެސްޓްމަންޓު ކަމަށް އެއްބަހެއް ނުވެވެ އެވެ.

"އިންޑިވިޖުއަލް ކުއްޖަކަށް [ރާއްޖެއިން ބޭރުން] ރަނގަޅު ވަޒީފާއެއް ލިބުމުން އެ ކުއްޖަކަށް ފައިދާކުރާ ކަމަކަށް ވާނެ. އެކަމަކު ރާއްޖޭގެ ކިޔަވައިގެން ތިބި ޒުވާނުން ރާއްޖެ ދޫކޮށް ދާން ޖެހޭ ކަމަށްވަންޏާ އެއީ ވަރަށް ބޮޑު ދެރައެއް،" މިކަމުގެ ދެކޮޅު ނުޖެހޭކަން ފާހަގަކުރައްވަމުން މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި އެވެ.

އިބްރާ މިހެން ވިދާޅުވި ނަމަވެސް، ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދިވެހި ޒުވާނުން އުފެދުމަކީ ރާއްޖެއަށް އިތުރުވާނޭ އާމްދަނީއެއްކަން ވެސް މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ފާހަގަކުރެއްވި އެވެ.

މިހާރު އުސޫލު އޮންނަ ގޮތުން ނަމަ ސްޓޫޑެންޓު ލޯނުގައި ކިޔެވި ނަމަވެސް ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑެއް ނޯވެ އެވެ. އެހެންކަމުން, ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކޮށްގެން ކުދިން ކިޔަވަން ބޭރަށް ފޮނުވާއިރު, ރާއްޖޭގައި ވަޒީފާގެ ފުރުސަތު ފަހިވެފައި ނެތުމުން, އެއީ ދައުލަތުން ހަރަދުކޮށްގެން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ބޭއިންސާފުވެރި؟ ނަތީޖާ ނިކުންނާނީ ކިހިނެއް؟

ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފު ގަބޫލު ކުރައްވާ ގޮތުގައި, އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރުން އަމިއްލައަށް އެތައް ލޯނެއް ނަގައިގެން އަދިވެސް ކޯސް ފުރިހަމަ ނުކުރެވި ތިއްބާ, އެ ކުދިންނަށް ކޯސް ނިންމޭނެ ފުރުސަތު ހޯދައިނުދީ އާ ބެޗަކަށް ދައުލަތުން ހަރަދުކޮށްގެން ކިޔަވަން ފޮނުވުމަކީ ބޭއިންސާފެކެވެ. ޕައިލެޓުންނަށް ރާއްޖެއިން ވަޒީފަގެ ފުރުސަތު ނުލިބޭނެކަމީ ވެސް އޭނާ ފާހަގަކުރި ކަންބޮޑުވުމެކެވެ.

އައްޑޫގައި ހިންގި ފްލައިން ސްކޫލުގެ ފްލައިޓުތަކެއް; މިހާރު މޯލްޑިވިއަނުން ވަނީ އާ ފްލައިން ސްކޫލެއް ހުޅުވާފައި
އައްޑޫގައި ހިންގި ފްލައިން ސްކޫލުގެ ފްލައިޓުތަކެއް; މިހާރު މޯލްޑިވިއަނުން ވަނީ އާ ފްލައިން ސްކޫލެއް ހުޅުވާފައި

އައްޑޫގައި ހިންގި ފްލައިން ސްކޫލުގެ ފްލައިޓުތަކެއް; މިހާރު މޯލްޑިވިއަނުން ވަނީ އާ ފްލައިން ސްކޫލެއް ހުޅުވާފައި

އިބްރާ ވެސް މި މައުލޫގައި އެ މޭރުމުން ވާހަކަ ދެއްކެވި އެވެ. އޭނާ ވެސް ވިދާޅުވީ އެހާ ގިނަ ޕައިލެޓުން ތަމްރީނު ކުރުމަކީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ބެހިފައިވާ ގޮތަށް ބަލާއިރު ރަނގަޅު ނިންމުމެއް ކަމަށް ނުފެންނަ ކަމަށެވެ.

"އެކުއްޖަކު ކިޔަވާ ހިތްވާ އެއްޗެއް ކިޔަވަން ލިބެންޏާ އެއީ ރަނގަޅު ކަމެއް. އެކަމަކު ސަރުކާރުން ހަރަދުކޮށްގެން 500 ޕައިލެޓުން ތަމްރީނު ކުރުމަކީ ރާއްޖޭގެ ހިއުމަން ރިސޯސް ރިކުއަޔާމަންޓަށް ބަލާއިރު ރަނގަޅު ކަމެއްހެން ހިއެއް ނުވޭ. ރާއްޖޭގެ ހާލަތަށް ބަލާއިރު އެއީ ފީސިބަލް ކަމެއް ނޫން،" އިބްރާ ވިދާޅުވި އެވެ.

އިބްރާ ގަބޫލު ކުރައްވާ ގޮތުގައި އެއްފަހަރާ 500 އެއްހާ ޕައިލެޓުން ތަމްރީނުވެގެން މާކެޓަށް ނިކުތުމުން ގިނަ ބަޔަކަށް ވަޒީފާ ނުލިބުމުގެ އިތުރަށް މިހާރު ވަޒީފާގައި ތިބި ޕައިލެޓުންގެ ވެސް ވެލިއު [އަގު] ދަށްވާނެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއީ ހިއުމަން ރިސޯސަސް ޕްލޭނިން ނަހަދާ ގޮތް ނިންމުމުގެ ނަތީޖާ އެވެ. އަދި ދިގުރާސްތާގައި މީގެ އަސަރު ރާއްޖެއަށް ބޮޑުވާނެ ކަމަށް ވެސް އިބްރާ ދެކެވަޑައިގަންނަވަ އެވެ.

ލޯނު ދިނުމުން އެ ލޯނުން ކިޔަވަން ދަރިވަރުން އަވައްޓެރި ގައުމުތަކުގެ އިންސްޓިޓިއުޓްތަކަށް ދިޔަ ނަމަވެސް އެ ތަންތަނަކީ ކޮންމެހެން ރާއްޖޭގައި ކިޔަވައިދޭ ކޮލެޖުތަކަށްވުރެ ފެންވަރު ރަނގަޅު އިންސްޓިޓިއުތަކަށް ނުވެދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ހިނގަހިނގާ އޮތް މަތީ ތައުލީމުގެ ޕްރައިވެޓް ސެކްޓާ ފުނޑި, ކޮލެޖުތަކުގެ ފީސިބިލިޓީ ދަށްވެގެންދާނެ ކަމަށް އިބްރާ ދެކެވަޑައިގަންނަވަ އެވެ.

ސަރުކާރުން މަތީ ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ޕޮލިސީތަކަށް ފާޑުވިދާޅުވެ އިބްރާ ވަނީ އޭގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމުގެ 60 ޕަސަންޓު ހިއްސާވާ ކޮލެޖުތަކަށް ގެއްލުން ލިބެމުން ގޮސް, ކޮލެޖުތައް ބަންދުވުން އެކަށީގެންވާކަން ފާހަގަކުރައްވާފަ އެވެ. އަދި މިއަހަރު ސަރުކާރުން 1200 ކުދިންނަށް ލޯނު ދިނަސް, އަންނަ އަހަރު ނުދެވިއްޖެއްޔާ ދެން ކުދިން ދާނެ ތަނަކާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

އިންވެސްޓު ކުރަންޖެހޭ މުހިންމު އެހެން ދާއިރާތައް އެބަހުރި

އެއްފަހަރާ އެތައް ސަތޭކަ ޕައިލެޓުންނެއް ތަމްރީނު ކުރުމަށްވުރެ ރާއްޖެއަށް މީހުން ބިނާކުރުމުގައި މާ ބޭނުންތެރި ދާއިރާތައް ހުރި ކަމަށް މަތީ ތައުލީމީ ދާއިރާގެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"ރާއްޖޭގައި ބޮޑު ދެ ޔުނިވާސިޓީ ހުރެފައި, އެތައް ބައިވަރު ކޮލެޖެއް ހުރިއިރު, އަޅުގަނޑުމެން މިހާރުވެސް މިއުޅެނީ ކިޔަވައިދޭނެ ލެކްޗަރާއިން ނެތިގެން. އެ ދާއިރާއިން ޕްރޮފަސުން ތަމްރީނު ކުރުން މާ މުހިންމު. މީހުން ބިނާކުރާނެ މީހުން ބިނާކުރަންޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ހިރިޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ; ރާއްޖޭގައި އެކަށީގެންވާ ވަރަށް ދިވެހި ޓީޗަރުންނެއް ނެތް -- ފައިލް ފޮޓޯ: ޝާބިން/ އަދަދު
ހިރިޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ; ރާއްޖޭގައި އެކަށީގެންވާ ވަރަށް ދިވެހި ޓީޗަރުންނެއް ނެތް -- ފައިލް ފޮޓޯ: ޝާބިން/ އަދަދު

ހިރިޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ; ރާއްޖޭގައި އެކަށީގެންވާ ވަރަށް ދިވެހި ޓީޗަރުންނެއް ނެތް -- ފައިލް ފޮޓޯ: ޝާބިން/ އަދަދު

ލެކްޗަރާއިން ބިނާ ކުރުމުގެ އިތުރަށް ޝަރީފްގެ ލިސްޓުގައި ފަތުރުވެރިކަމުގެ ދާއިރާ އާއި އެކި ދާއިރާތަކުގެ މަތީ ފަންތީގެ މަގާމުތަކާއި ރާއްޖޭގައި ހަދަމުންދާ އެއާޕޯޓުތަކަށް ބޭނުންވާ އޭވިއޭޝަން އަދި އިންޖީނިއަރިން ދާއިރާ ހިމެނެ އެވެ. އޭނާ ވިދާޅުވީ ޑިވެލޮޕްމަންޓާ ގުޅުވައިގެން މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ މަންޒަރު ނުފެންނަ ކަމަށެވެ.

"ކޮމްޕެރިޓިވްކޮށް ބަލާ ނަމަ ރާއްޖެއިން ހިލޭ ޑިގްރީގައި ޓީޗަރަކަށްވާން ކިޔަވަން މިދެނީ ދެތިން އަހަރުން 80,000 އެއްހައި ރުފިޔާ, އެކަމަކު ޕައިލެޓަކަށް ވާން އެބަދޭ 8 ލައްކަ ރުފިޔާ،" ޕައިލެޓުން އުފެއްދުމަށްވުރެ ޓީޗަރުން އުފެއްދުމަކީ ރާއްޖެއަށް މުހިންމުކަމެއްކަން ފާހަގަކުރައްވަމުން އިބްރާ ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީ ދަށްވެ, މީގެ 25 އަހަރު ކުރިއާ އަޅާބަލާއިރު އޯލެވެލް ހަދާ ކުދިންގެ އަދަދު ދަށްވަމުން އައިސް މިދިޔަ އަހަރު އޯލެވެލް ހެދީ އެންމެ 5300 ދަރިވަރުންނެވެ. އެ ކުދިންގެ ތެރެއިން ފާސްވި ކުދިންގެ ބޮޑުބައެއް އެންމެ ދާއިރާއަކުން ތަމްރީނު ކުރުމުން ދެން އެހެން ދާއިރާތަކުގައި މަސައްކަތް ކުރާނެ މީހުން ނުތިބޭނެކަމުގެ ކަންބޮޑުވުން ވެސް އިބްރާ ވަނީ ފާޅުކުރައްވާފަ އެވެ.

ވަޒީފާގެ ފުރުސަތު އުފައްދަންޖެހޭ

މަތީ ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށް އިސްކަން ނުދީ ޕައިލެޓުން ތަމްރީނު ކުރުމަށް ގިނަ ފުރުސަތުތަކެއް ދިނުމަކީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ސަރުކާރުން ޖަހާ ކަޑައެކެވެ.

"މިހާރު ނޯވޭ ކަންނޭނގެ ނީޑަށް ބެލުމެއް. އަޅުގަނޑަށް ބޮޑަށް ބެލެވެނީ މިއީ ރިޔާސީ އިންތިހާބު ކައިރިވީމައި, ވޯޓަށް ދިން ދިނުމެއް ކަމަށް،" އެއް ދާއިރާއަކުން ގިނަ ދަރިވަރުންނަށް ލޯނު ދިނުމަކީ ސަރުކާރުން ޖެހި ކަޑައެއް ކަމަށް ތުހުމަތު ކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.

ރައީސް ސޯލިހު ކެމްޕޭން އިވެންޓެއްގެ ތެރެއިން; ހުރިހާ ކުދިންނަށް ލޯނު ދިނުމަކީ ސަރުކާރުން އިންތިހާބަށް ޖެހި ކަޑައެއްކަމަށް ތުހުމަތުކުރޭ -- ފައިލް ފޮޓޯ: ޝާބިން/ އަދަދު
ރައީސް ސޯލިހު ކެމްޕޭން އިވެންޓެއްގެ ތެރެއިން; ހުރިހާ ކުދިންނަށް ލޯނު ދިނުމަކީ ސަރުކާރުން އިންތިހާބަށް ޖެހި ކަޑައެއްކަމަށް ތުހުމަތުކުރޭ -- ފައިލް ފޮޓޯ: ޝާބިން/ އަދަދު

ރައީސް ސޯލިހު ކެމްޕޭން އިވެންޓެއްގެ ތެރެއިން; ހުރިހާ ކުދިންނަށް ލޯނު ދިނުމަކީ ސަރުކާރުން އިންތިހާބަށް ޖެހި ކަޑައެއްކަމަށް ތުހުމަތުކުރޭ -- ފައިލް ފޮޓޯ: ޝާބިން/ އަދަދު

މަތީ ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުންގެ ވިސްނުންފުޅު މިހެން ހުރި ނަމަވެސް، ސަރުކާރުން އެތެރޭގެ އުދުހުންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތަށް ބަލާއިރު، ޕައިލެޓުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެވެން އެބައޮތެވެ. އެއީ ރޭވުންތެރިކަމާއެކު ކޮށްފި ނަމަ ހާސިލުކުރެވިދާނެ ނަތީޖާއެކެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ 20 މިނެޓެއްގެ ދުރުމިނުގައި މުޅި ރާއްޖޭގައި އެއާޕޯޓު ތަރައްގީކުރުމެވެ. މި ވިސްނުމަށް ތަންފީޒީ ސިފަ އަންނަ ނަމަ، އެއީ އޭވިއޭޝަން ދާއިރާއިން އުފެދޭނޭ އެތައް ވަޒީފާއެކެވެ. އެއާއެކު، ގައުމީ އެއާލައިނާއި ރާއްޖޭގައި އޮޕަރޭޓްކުރާ އަދި އަލަށް އުފައްދާ އެއާލައިންތަކުގައި ދިވެހި ޕައިލެޓުންނަށް ކޯޓާ ކަނޑައެޅުމަކީ ވަޒީފާގެ ކަށަވަރުކަން ހޯދުމަށްޓަކައި ކުރެވިދާނޭ ކަންކަމެވެ.

މަތީ ތައުލީމީ ދާއިރާގެ އިސް ސަފުގައި އުޅުއްވާ ބޭފުޅުންގެ ހިޔާލާއި ތަޖުރިބާގެ އަލީގައި ޖައްސަވާ ހިސާބާއި ސަރުކާރުން ޖަހާ ހިސާބު ތަފާތުއިރު, މީގެ ނަތީޖާއަކީ މާދަމާގެ މުސްތަގުބަލުގައި މުޅި ގައުމަށް އަސަރު ކުރާނެ ކަމެކެވެ. ޕައިލެޓުން ތަމްރީނުކުރުމަށް ކުރާ އިންވެސްޓްމަންޓަކީ ބޭކާރު ވެގެންނުދާނޭ، އަދި ގައުމަށް ފައިދާހުރި އިންވެސްޓްމަންޓަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަންޖެހެ އެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox