ޕެރިސް (ޖޫން 4) - މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމުން ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ، ލިއޮނަލް މެސީ އާއި ސާޖިއޯ ރާމޯސް އެ ކްލަބަށް ކުޅެދިން ފަހު މެޗުގައި، ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ 3-2 އިން ކްލާމޮންޓް އަތުން ބަލިވެއްޖެ އެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން ވެސް ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ވަނީ މެސީގެ ނަން ގޮވައި، ނުރުހުން ފާޅުކުރުމުގެ ގޮތުން އަޑުގަދަކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޕީއެސްޖީ އަށް ރޭގެ މެޗުގެ 16 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ރާމޯސް އެވެ. މިއީ ހިލޭޖެހުމަކުން ވިޓީނިއާ ނަގައިދިން .ބޯޅައަކަށް ފުންމައިގެން އަރައި، ރާމޯސް ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަސް މިނިޓް ފަހުން ކްލާމޮންޓްގެ ކުޅުންތެރިއަކު އެ ޓީމުގެ އޭރިއާތެރެއިން، ޕީއެސްޖީގެ އަޝްރަފް ހަކީމީ އަށް ފައުލުކުރުމުން ލިބުނު ޕެނަލްޓީން ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީގެ ލީޑުފުޅާކޮށްދީފަ އެވެ.
އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްލާމޮންޓް ވަނީ ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ޕީއެސްޖީގެ ގޯލު ޖެހުމަށް ފަހު ރާމޯސް އާއި މެސީ އުފާފާޅުކުރަނީ.
މެޗުގެ 24 ވަނަ މިނިޓްގައި ޕީއެސްޖީގެ މާކޯ ވެރާޓީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ޖޯހަން ގަސްޓިއެން ވަނީ ކްލާމޮންޓަށް ގޯލެއް ޖަަަހައިދީފަ އެވެ. މެޗުގެ 37 ވަނަ ވަނަ މިނިޓްގައި ކްލާމޮންޓަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ގްރެޖޯން ކިޔޭ ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްލާމޮންޓަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ މެހެދީ ޒެފާން އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ޕީއެސްޖީ އަށް އަލުން ލީޑުނަގައިދޭން ހުސްކޮށް ލިބުނު ފުރުސަތަކުން މެސީ ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، މެސީ އޭރިއާ ރޮނގުކައިރިން ފޮނުވާލި ހަމަލާ ކްލާމޮންޓް ކީޕަރު، މޯރީ ޑިއޯ ވަނީ މަތަކޮށްފަ އެވެ. ކްލާމޮންޓް މޮޅުކޮށްދިން ގޯލު ޖެހީ 63 ވަނަ މިނިޓްގައި ކިޔޭ އެވެ. ކިޔޭ ވަނީ އޭރިއާތެރެއިން އައި ހުރަހަކަށް ރަނގަޅު ތަނަށް ހުސްވެ، ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރޭގެ މެޗުގައި ޕީއެސްޖީ ހުރިހާ ކުޅުންތެރިން ވެސް ބޭނުންކުރީ އެ ޓީމުގެ ގޯލްކީޕަރު، ސާޖިއޯ ރީކޯގެ ނަން ޖަހާފައިވާ ޖޯޒީ އެވެ. އެއީ ރީކޯ އަށް އަވަސް ޝިފާއަކަށް އެދި ޓީމުގެ އެންމެން އޭނާއާ އެކުގައި ތިބިކަން ދައްކުވައިދޭން ކުރި ކަމެކެވެ. ސްޕެއިނުގައި ހިނގި އަސް ދުއްވުމުގެ އެކްސިޑެންޓެއްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ރީކޯ އޮތީ އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު، އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި ބާއްވައިފަ އެވެ.
ޕީއެސްޖީން ވަނީ މި ސީޒަނުގައި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދައި 11 ވަނަ ތަށްޓާ އެކު، ފްރާންސްގެ ތާރީހުގައި އެންމެ ގިނަ ލީގު ތަށި ހޯދި ޓީމުގެ ޝަރަފް ހޯދައިފަ އެވެ.












