އެއް ސިޓީ އަކަށް ނިސްބަތްވާ ދެ ކްލަބެވެ. ޒަމާންވީ ވާދަވެރިންނެވެ. އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މިރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުރިމަތިލާއިރު، މި ދެ ކްލަބުގެ ކުރިމަތިލުމުގެ ފަހަތުގައި ދިގު މާޒީއެއް އެބައޮތެވެ. އަދި، މިއީ ދެ ކްލަބަށް ވެސް ވަރަށް މުހިންމު ފައިނަލެކެވެ. ތަފާތު ދެ ސަބަބަކަށްޓަކަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީން މި ސީޒަންގައި އަމާޒުހިފާފައިވާނީ ތިން ތަށި ހޯދައި، "ޓްރެބަލް" ފުރިހަމަކުރުމެވެ. އެފްއޭ ކަޕްގެ ފައިނަލަށް ފަހު ސިޓީ އަށް ދެން ކުރިއަށް އޮތީ އިންޓާ މިލާނާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލެވެ.
އެކަމަކު، ސިޓީ އަށް އެކަން ހާސިލްވުމަކީ ޔުނައިޓެޑުން ބޭނުންވާކަމެއް ނޫނެވެ. އެހެންކަމުން، މިރޭ ސިޓީއާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑްގެ އެއް އަމާޒަކަށްވާނީ ސިޓީގެ އުންމީދުތަކަށް ހުރަސްއެޅުމެވެ.
އިނގިރޭސި ފުޓްބޯޅައިގައި މުއްސަނދި ތާރީހެއް އޮތް ޔުނައިޓަޑުން މިހާތަނަށް ހޯދި އެންމެ ފަހުރުވެރި ކާމިޔާބަކީ 1999 ވަނަ އަހަރުގެ ސީޒަންގައި "ޓްރެބަލް" ހާސިލްކުރުމެވެ. ކާމިޔާބު ކޯޗު، އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން އެ ކްލަބުން ވަނީ އެ އަހަރު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފަ އެވެ. މިފަދަ ފަހުރުވެރި ރެކޯޑެއް އެހެން ކްލަބަކުން ހެދުމަކީ ޔުނައިޓެޑުން ބޭނުންވާނެ ކަމެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް އެ ކްލަބާ އެންމެ ވާދަވެރި ސިޓީން އެ ރެކޯޑް ހެދުމަކީ ޔުނައިޓެޑްގެ އެއްވެސް ސަޕޯޓަރެއްގެ ހިތަށް ފަސޭހަވާނެ ކަމަކަށް ނުވާނެ އެވެ.
އެކަމަކު، މެޗުގެ ކުރިން ވާހަަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ސިޓީ ހުއްޓުވުމަށްވުރެ، ޔުނައިޓެޑްގެ ކުޅުންތެރިން ބޮޑަށް ސަމާލުކަން ދޭންވީ ތައްޓެއް ކާމިޔާބުކުރަން ކަމަށެވެ.
"އަހަރަމެން ބޭނުންވަނީ ތައްޓެއް ހޯދަން. ސިޓީ ހުއްޓުވުމެއް ނޫން މައިގަނޑު ކަމަކީ. މި އޮތީ ތައްޓެއް ހޯދުމުގެ ފުރުސަތު އަހަރަމެންނަށް ލިބިފައި،" މި ސީޒަންގެ ލީގު ކަޕް ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ޓެން ހާގް ބުންޏެވެ.
ޔުނައިޓަޑުން މި ސީޒަން ނިންމާލީ ސިޓީ އަށްވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ. އެކަމަކު، އެރިކް ޓެން ހާގް އެ ޓީމަށް ކޯޗުކޮށްދިން ފުރަތަމަ ސީޒަންގައި ވެސް އެ ޓީމުގެ ފަރާތުން ކުރިއެރުންތަކެއް ވަނީ ފެނިފަ އެވެ. މި ސީޒަން ޔުނައިޓެޑް ނިންމާލީ ތާވަލްގެ ތިން ވަނައިގަ އެވެ.
ޓެން ހާގް ބުނީ ޔުނައިޓެޑް އޮތީ "ރަނގަޅު މިސްރާބުގައި" ކަމަށެވެ. އަދި ފައިނަލުގައި ކޮންމެ ނަތީޖާއެއް ނުކުތަސް، މިއީ ޔުނައިޓެޑަށް ރަނގަޅު ސީޒަނެއް ކަމަށެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މެޗުގެ ކުރިން ޓެން ހާގް މަސައްކަތަށް ތައުރީފްކޮށްފަ އެެވެ. ބަޔާން މިއުނިކްގައި ޓެން ހާގާ އެކު ދުވަސްކޮޅަކަށް މަސައްކަތްކުރި ގާޑިއޯލާ ބުނީ ޓެން ހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުރިއެރުން ހޯދާފައިވާ ކަމަށެވެ.
"ޕްރިމިއާ ލީގުގައި އަލަށް ކޯޗުކޮށްދިނުމަކީ ފަސޭހަކަމެއް ނޫން. އެކަަމަކު ޓެން ހާގް ވަނީ އެ ޓީމަށް ކުރިއެރުން ހޯދައިދީފަ. އެއީ ބުރަ މަސައްކަތެއް،" ގާޑިއޯލާ ބުންޏެވެ.
ފައިނަލަށް ނުކުންނައިރު ޔުނައިޓެޑްގެ ފޯވަޑް އެންތަނީ މާޝިއާލް އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެއެވެ. އަދި ބްރެޒިލްގެ ވިންގާ އެންތަނީ ވެސް މި މެޗަށް ފިޓުވާނެކަމުގެ ޔަގީންކަމެއްް ނެތެވެ.
"އެންތަނީ ފެނިދާނެ. އެކަމަކު ވަރަށް ކުޑަ ފުރުސަތެއް އޮތީ،" ޓެން ހާގް ބުންޏެވެ.
ސިޓީގައި އަނިޔާގެ މައްސަލަތަކެއް ނެތަސް، މިރޭގެ މެޗުގައި އެ ޓީމުގެ ގޯލްކީޕަރު އެޑަސަންގެ ބަދަލުގައި ގޯލު ބަލަހައްޓާނީ ސްޓެފާން އޯޓޭގާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އެފްއޭ ކަޕްގައި މި ސީޒަންގައި ސިޓީ ކުޅުނު ހުރިހާ މެޗެއްގައި ވެސް ސިޓީގެ ގޯލު ބެލެހެއްޓީ އޯޓޭގާ އެވެ.












