ރިޕޯޓުޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނެގުން، ތަފާތުކުރުމެއްތަ؟

ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނެގުން، ތަފާތުކުރުމެއްތަ؟

ބައެއް ގައުމުތަކުގައި ޓޫރިސްޓުން އަތުން ފީއެއް ނެގި ނަމަވެސް، އެ ގައުމުގައި މަސައްކަތް ކުރުމަށް ދިރިއުޅޭ މީހުންނަށް އާންމު ތަންތަނަށް ވެއްދުމުގައި އެފަދަ ތަފާތުކުރުންތަކެއް ކުރިމަތިނުކުރޭ.

ބިދޭސީ މަސައްކަތްތެރިންގެ ގްރޫޕެއް: ޓޫރިސްޓުންނާއި ބިދޭސީ މަސައްކަތްތެރިންނަށް ފީއަކާ ނުލައި ޕާކުތަކަށް ނުވަދެވޭ ގޮތް ހަދަން ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- އަދަދު ފޮޓޯ/ މުހައްމަދު ޝާބިން
ބިދޭސީ މަސައްކަތްތެރިންގެ ގްރޫޕެއް: ޓޫރިސްޓުންނާއި ބިދޭސީ މަސައްކަތްތެރިންނަށް ފީއަކާ ނުލައި ޕާކުތަކަށް ނުވަދެވޭ ގޮތް ހަދަން ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- އަދަދު ފޮޓޯ/ މުހައްމަދު ޝާބިން

މާލޭ ސިޓީގެ ޕާކުތަކަށް ވޯކް ޕާމިޓް އޮތް ބިދޭސީންނާއި ޓޫރިސްޓުންނަށް ފައިސާ ދައްކައިގެން ނޫނީ ނުވަދެވޭ ގޮތަށް އިއްޔެ މާލޭ ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. ދިވެހީންނަށް އެތަންތަނަށް ވަދެވޭއިރު، ސުވާލަކީ މިއީ ނަސްލީ ތަފާތު ކުރުންތޯ އަދި ބިދޭސީންގެ ހައްގުތަކަށް ހުރަސްއެޅުންތޯ އެވެ.

މިކަމުގައި އާންމުންގެ މެދުގައި ހިޔާލުތަފާތުކަން ސޯޝަލް މީޑިއާގައި ކުރެވޭ ބަހުސްތަކުން އެނގެ އެވެ. ދިވެހީންނެކޭ އެއް އުސޫލަކުން ބިދޭސީންނަށް ވެސް ހިލޭ ވަދެވެން ޖެހޭނެ ކަމަށް ބައެއް މީހުން ބުނާ އިރު، ކައުންސިލުގެ ނިންމުމަށް ތާއީދުކޮށް ވެސް ބައެއް މީހުން ވާހަކަ ދައްކަ އެވެ. އަދިމ އެއީ ނަސްލީ ތަފާތުކުރުން ކަމަށް ވެސް ތުހުމަތުކުރެ އެވެ. އަނެއްބައި މީހުން ދެކެނީ ހަމައެކަނި ޓޫރިސްޓުން އަތުން ފައިސާ ނެގުމުގައި މައްސަލައެއް ނެތް ކަމަށެވެ.

ބިދޭސީން އަތުން ޓިކެޓު ނެގުމަކީ ނަސްލީ ތަފާތުކުރުން ނޫން ކަމަށާއި އެކަމުގައި މައްސަލައެއް ނެތް ކަމަށް ދެކޭ މީހުން ފާހަގަކުރަނީ މިއީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލު ކުރާ ގޮތެއް ކަމެވެ. އަދި އެއީ ޕާކުތައް ބެލެހެއްޓުމަށް ވެސް ހޭދަވާތީ އެތަންތަނުން މަންފާއެއް ލިބޭ ގޮތް ހެދުމަށް ކަމަށް ބުނެ އެވެ.

ބިދޭސީންނަށް ޓިކެޓު ދޫކުރުމާ އެއްކޮޅަށް ކައުންސިލުގެ މެމްބަރުން ދެއްކި ވާހަކައިން އެނގެނު ގޮތުގައި މި ނިންމުމުގެ ފަހަތުގައި ވަނީ، މާލޭގައި ހިތްފަސޭހަކުރަން ހުންނަ ތަންތަނުގައި ބިދޭސީން ގިނަވުމުމުގެ ކަންބޮޑުވުމެވެ. އަދި އެކަމުގެ އުނދަގޫ ދިވެހީންނަށް ކުރުމެވެ.

"މާލޭގައި ދިވެހީންނަށް މިނިވަންކަމެއް ނެތް"

ބިދޭސީން އަތުން ޓިކެޓު ނެގުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެކަކީ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރެވެ. އޭނާ ވާހަކަތަކުން، ބިދޭސީން އާންމު ތަންތަނުން އެކަހެރި ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަވި އެވެ. އެއީ ނަސްލީ ތަފާތުކުރުން ތޯ ސުވާލު އުފެދޭ މިންވަރަށެވެ.

ޒަމީރު ވިދާޅުވީ، ރާއްޖޭގައި އޮންނަނީ ބިދޭސީންނަށް މާ ބޮޑަށް ހުޅުވާލެވިފައި ކަމަށާއި މިއީ އެހެން ގައުމުތަކުގައި އޮންނަ ގޮތެއް ނޫން ކަމަށެވެ. އެ މީހުންނާ އެއްތަނެއްގައި ދިވެހި އާއިލާތަކަށް އުޅެން "މަޖުބޫރުވެފައިވާ" ކަމަށް ބުނެ ޒަމީރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އާންމު އާއިލާތަކާއި ކުޑަކުދިންނާ ގޮސް ހަމަ ބިދޭސީންނާއެކުގައި އެ މީހުންގެ ވަގުތު ހޭދަ ކުރަން މަޖުބޫރުވެފައި މި އޮންނަނީ. އެ މީހުންނަކަށް އެއްވެސް މިނިވަންކަމެއް މި މާލޭ ސިޓިއަކުއެއް ނެތް ދިވެހިންނަކަށެއް، ދިވެހި ރައްޔިތު މީހަކަށެއް،" ޒަމީރު ވިދާޅުވި އެވެ.

މާލޭގައި ބިދޭސީން، އަދި ހާއްސަކޮށް އިންޑިއާ މީހުން ގިނަވެ، މިހާރު ދިވެހީންނަށް މޫދަށް އެރިލާނެ ގޮތެއް ވެސް އަދި ކަސްރަތުކޮށްލާނެ ފުރުސަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ކަންބޮޑުވުން، ހުޅުމާލޭގެ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު ވެސް ފާޅުކުރެއްވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ބިދޭސީން އުޅޭ ގޮތަށް ދިވެހީން ރާއްޖެއިން ބޭރަށް ގޮސް ނޫޅެވޭނެ އެވެ. އެގޮތަށް އުޅެފިއްޔާ "ތަޅާ ބާލާނެ ކަމަށް" ވެސް ވިދާޅުވި އެވެ.

"މާފަންނުގެ ލަކުޑި ޖެޓީގައި މަސް ބާނަން ގޮސް ދޮށި އެއްލަން ބެލިއަސް، ކޮންމެވެސް އިންޑިއާ މީހަކު އެތާ އެބަ ހުރޭ ދޮއްޓެއް ހިފައިގެން. ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޮތަށް ތޮށި މަތީގައި ނޫނިއްޔާ އާންމު ތަންތަނުގައި ރާއްޖެއިން ބޭރު މީހުންނަށް އެގޮތަކަށް ނުތިބެވޭނެ. އާންމު ރައްޔިތަކަށް ފެނިއްޖެއްޔާ ތަޅާ ބާލަން ވެސް ބާލާނެ އެ މީހަކު އެތަނުން،" ޒަމީރު ވިދާޅުވި އެވެ.

ޕާކުތަކަށް ވަނުމަށް ބިދޭސީން އަތުން ޓިކެޓު ނެގުމުގެ އިތުރުން، ބިދޭސީންނަށް އެހެން އާންމު ތަންތަން ވެސް ބޭނުންކުރެވޭނެ ގޮތް ހަނިކުރަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ހިޔާލު ވެސް އޭނާ އިއްޔެ ފާޅުކުރެއްވި އެވެ.

ލަކުޑި ޖެޓީ ފަދަ އާންމު ތަންތަން ބޭނުން ކުރުމަށް ވެސް ބިދޭސީން އަތުން ފީއެއް ނަގަން ޖެހޭ ގޮތަށް ނޫނީ އެއްގޮތަކަށް ވެސް ބޭނުންނުކުރެވޭ ގޮތް ހަދަން ފެންނަ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އަދި ފަތާ ޓްރެކު ބޭނުންކުރާ ނަމަ ކައިރީގައި ދިވެއްސަކު ޒިންމާވާ ގޮތަށް ބަހައްޓަން ނުވަތަ ބޭނުންނުކުރެވޭ ގޮތް ހަދަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި ގޮތުގައި، ބިދޭސީން އަތުން ޓިކެޓު ނެގުމަކީ މައްސަލައެއް ނޫނެވެ. އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ކަމަށާއި އެއީ ނަސްލީ ތަފާތު ކުރުން ކަމަށް ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އެހެން ގައުމުތަކުގައި ވެސް އެހެން ކުރާ ކަމެއް. ތަހުޒީބީ ކަމެއް. އެއީ ތަފާތު ކުރުމެއް ކަމަށް ނުބެލޭ. ނޯމަލް ޕްރެކްޓިސްއެއް އެއީ." އިއްޔެގެ ކައުންސިލު ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

ދިވެހީން އުފެއްދި މައްސަލައެއްގެ ރުޅި ބިދޭސީންނަށް ބާލަނީ؟

ވޯކް ޕާމިިޓް އޮތް ބިދޭސީންނަށް ވެސް ޓިކެޓު ނަގައިގެން ނޫނީ ޕާކަށް ނުވަދެވޭ ގޮތަށް ހުށަހެޅި ހުށަހެޅުން ފާސްވީ ސިޓީ ކައުންސިލުގެ 12 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވަނީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު އެކަންޏެވެ.

މާލޭގައި ބިދޭސީންގެ އާބާދީ އިތުރުވެ، ދިވެހީންނަށް އުނދަގޫތަކެއް ދިމާވުމުގެ މައްސަލަތައް އެބަ ހުރި ކަމަށް "އަދަދު" އާ ވާހަކަ ދައްކަމުން ސައިފް ވެސް އެއްބަސްވެވަޑައިގެންވި އެވެ.

އެކަމަކު، މުޖުތަމައުގެ އެންމެ ނާޒުކު އަދި ނިކަމެތި ހާލަތުގައި އުޅޭ އެ ބިދޭސީން ވެސް ފިނިކޮށްލައި ހިތްހަމަޖައްސާލެވެން އޮންނަނީ ދިވެހީން ވެސް ހިތްހަމަޖައްސާލަން ދާ ތަންތަނަށް ގޮސްގެންކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، އެތަންތަނުން އެ މީހުން މަހުރޫމު ކުރެވޭ ގޮތަށް ނިންމާ ނިންމުމަކީ ހައްގުތަކަށް އަރައިގަތުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެ މީހުން އެތަނުން ވެސް މަހުރޫމު ކުރުމަކީ އެއްވެސް ހަމައެއްގައި ކުރެވޭނެ ކަމެއް ކަމަކަށް ނުދެކެން. އެއީ ހައްގުތަކުގެ ވައިލޭޝަނެއް،" ބިދޭސީން އަތުން ޓިކެޓު ނެގުމާ ދެކޮޅަށް ސައިފް ވިދާޅުވި އެވެ.

ބިދޭސީން ގެންނަނީ ދިވެހީންކަމާއި އެ މީހުން ގިނަވުމުގެ މައްސަލައަކީ ދިވެހީން އުފެއްދި މައްސަލައެއްކަން ފާހަގަކުރައްވައި ސައިފް ވިދާޅުވީ، އެކަން ދައުލަތަށް ހައްލު ނުކުރެވުމަކީ އެކަމުގެ ރުޅި ނިކަމެތި ހާލަތުގައި އުޅޭ ބިދޭސީންނަށް ބާލަން ޖެހޭ ސަބަބެއް ނޫން ކަމަށެެެވެ. އަދި އެއީ އެ މީހުން ހައްގުތަކުން މަހުރޫމުކުރަން ހުއްޖަތެއްގެ ގޮތުގައި ބޭނުންނުކުރެވޭނެ ކަމަށެވެ.

"ސަރުކާރުން މިސާލަކަށް އިކޮނޮމިކް މިނިސްޓްރީއަށް ނުވަތަ އިމިގްރޭޝަނަށް އިފެކްޓިވް ކޮންޓްރޯލެއް ނުގެނެވުމަކީ އެ މީހުންނަށް ލިބެން ޖެހޭ މަދަނީ އިންސާނީ ހައްގުތަކުން އެ މީހުން މަހުރޫމު ކުރުމަށް ހުއްޖަތެއް ނޫން،" ސައިފު ވިދާޅުވި އެވެ.

ބައެއް ގައުމުތަކުގައި ޓޫރިސްޓުން އަތުން ފީއެއް ނެގި ނަމަވެސް، އެ ގައުމުގައި މަސައްކަތް ކުރުމަށް ދިރިއުޅޭ މީހުންނަށް އާންމު ތަންތަނަށް ވެއްދުމުގައި އެފަދަ ތަފާތުކުރުންތަކެއް ކުރިމަތިނުކުރާ ކަމަށް ވެސް ސައިފް ވިދާޅުވި އެވެ.

އޭނާ ނެންގެވީ އިނގިރޭސިވިލާތުގެ މިސާލެވެ. އެ ގައުމުގެ މިއުޒިއަމް އާއި ޕަބްލިކް ޕާކުތައް ފަދަ ތަންތަން ހުރިހާ ގައުމެއްގެ މީހުންނަށް ވެސް ހިލޭ ވަދެވޭ ކަމަށް ވިދާޅުވި އެވެެ. ޕްރަވެޓް ތަނަކަށް ވަންނަން ނުވަތަ ނުވަތަ ޓޫރިސްޓުން ފީއެއް ނެގިޔަސް އެތަންތަނުގައި މަސައްކަތްކުރަން ދިރިއުޅޭ މީހުންނަށް ތަފާތުނުކުރާ ކަމަށް ސައިފް ވިދާޅުވި އެވެ.

އިއްޔެ މޭޔަރު މުއިއްޒު ވިދާޅުވި، ގޮތުގައި ގާތްގަނޑަކަށް ދެ ހަފްތާގެ ތެރޭގައި ބިދޭސީންނަށް ޓިކެޓު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ އެވެ. އެގޮތުން މި މަހުގެ 15އިން ފެށިގެން ފީ ނަގަން ނިންމި އެވެ. ވޯކް ޕާމިޓް އޮތް ބިދޭސީންގެ އަތުން ޓޫރިސްޓުންނަށް ވުރެ ކުޑަ ފީއެއް ނަގަން ވެސް ނިންމި އެވެ. އެކަމަކު، އަދި ވަކި އަގެއް ކަނޑައެއް ނާޅަ އެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިދޭސީން ސަލްޓަން ޕާކަށް ވަންނަން ޓިކެޓު ނަގަން ޖެހޭ ގޮތް ހެދި އެވެ. އެކަމަކު، ފަހުން އެތަނުން ފީ ނެގުން ހުއްޓާލި އިރު، ލޮނުޒިޔާރަތް ޕާކު އަބަދުވެސް އޮންނަނީ އެންމެނަށް ހިލޭ ވަދެވޭ ގޮތަށެވެ.

ނަޖާހު މަސްއޫދު

ޖާނަލިސްޓު

ނަޖާހު މަސްއޫދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު އަދި 2021 ވަނަ އަހަރު އެންމެ މޮޅު ފީޗާ ލިޔުންތެރިޔާގެ އިނާމެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox