އާޓިފިޝަލް ބީޗު ކުރިމަތީގައި އެމްޑީޕީއިން އަހަރުތަކެއް ވަންދެން މައި ހަރުގެ ހިންގި ބިމުގެ ވެރިފަރާތުން އެތަން އަތުލުމުން އެކަން ހުއްޓުވަން ހޯދަން އެދުނު އަމުރު ނެރެނުދޭން ސިވިލް ކޯޓުން ނިންމައިފި އެވެ.
އެ ބިން އެމްޑީޕީއަށް ކުއްޔަށް ދީފައި ވަނީ އެ ޕާޓީގެ ކުރީގެ މެމްބަރު ޝަފިއްޔާ ޒުބައިރެވެ. ކުއްޔަށް ދިނުމުގެ އެގްރިމެންޓު ހަމަވި ނަމަވެސް އަނގަބަހުން އެގްރިމެންޓުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޕާޓީން ބުނެ އެވެ.
އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި, ކޯޅުން ބޮޑުވެފައި ވަނިކޮށް ޕާޓީގެ މައި ހަރުގެ ހުސްކުރަން އެންގީ މިދިޔަ މާޗް 31، ގަ އެވެ.
އެމްޑީޕީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިމުގެ ވެރިފަރާތާއެކު އެ ޕާޓީން "އަނގަބަހުން" ވެފައިވާ އެއްބަސްވުމެއްގެ ދަށުން މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ނިމެންދެން ހަރަކާތްތައް އެ ޕާޓީއަށް ހިންގޭ ގޮތަށް އެއްބަސްވެފާ ކަމަށެވެ.
މިހާރު ދަ ޑިމޮކްރެޓްސްއިން ހަރުގެއާ ހަވާލުވެފައިވާ އިރު އެތަނުގައި ހުރި ރައީސް ސޯލިހުގެ ޕޯސްޓަރުތައް ވަނީ ނައްޓާލައިފަ އެވެ. އަދި އެތަނުގެ ކުލަ ވެސް ބަދަލުކުރަން ވަނީ ފަށައިފަ އެވެ.

އެމްޑީޕީއިން ދެކޭ ގޮތުގައި މިއީ، ސިވިލް ކޯޓުގައި އޮތް ޝަރީއަތް ނިމުމުގެ ކުރިން ޕާޓީގެ މުދަލަށް ގެއްލުން ދިނުން ކަމަށެވެ.














