ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކު އެ މަގާމުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ފޮނުވައިފި އެވެ.
ޕީސީބީގެ ރައީސް އާސިމް މުހައްމަދު "އަދަދު" ނޫހަށް ވިދާޅުވީ މަނިކު އާއި އާސަންދަ ކުންފުނީގެ ބޯޑު މެންބަރު އާމިލާ ލަތީފު ވަކިކުރަން ރައީސް އޮފީހުން އިއްޔެ އެ ބޯޑަށް ފޮނުވާފައިވާ ކަމަށެވެ.
"އެކަމުގައި އަދި އަޅުގަނޑުމެން ގޮތެއް ނުނިންމަން،" އާސިމް ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުން ވަކިކުރަން ސަރުކާރުން ހުށަހަޅައިފި ނަމަ، ޕީސީބީން ވަނީ އެ މެންބަރެއް ވަކިކޮށްފަ އެވެ.
މަނިކު އާއި އާމިލާ ވަކި ކުރަނީ އެމްޑީޕީ ދޫކޮށް އަލަށް އުފައްދަން މަސައްކަތް ކުރާ، ދަ ޑިމޮކްރެޓްސް ޕާޓީގައި ހަރަކާތްތެރިވަމުންދާތީވެ، އެމްޑީޕީގެ ސްލޮޓުތަކުން ވަކިކުރަން އެ ޕާޓީން އެދުމުންނެވެ.

ޑިމޮކްރެޓްސްއާ ގުޅޭ އެމްޑީޕީގެ މެންބަރުން ސިޔާސީ މަގާމުތަކުން ވަކިކުރަމުން ދާއިރު، އިއްޔެ ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު މުޖުތަބާ ވެސް މަގާމުން ވަކިކޮށްފަ އެވެ. އަދި, މިނިސްޓްރީތަކުގެ އިސް މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ އެ މަގާމުތަކުން ވަކިކޮށްފަ އެވެ.












