އެމްޑީޕީގެ ސްލޮޓުތަކުގައި ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުން އެ ޕާޓީ ދޫކުރުމާ ގުޅިގެން އެ މަގާމުތަކުން ވަކިކުރުން ބަލައިނުގަނެވޭނެ ކަމަށް އެ ފަރާތްތަކުން ގުޅުނު އާ ޕާޓީ، ދަ ޑިމޮކްރެޓްސްް އިން ބުނެފި އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސްއަށް އެމްޑީޕީ ދޫކޮށް، އެ ޕާޓީގެ އިސް ފަރާތްތަކުން ގުޅެމުން އަންނައިރު އޭގެތެރެއިން ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ވަކިކުރަން ފެށީ އިއްޔެ އެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސިޔާސީ މަގާމުތަކުން ވަކިކުރަމުންދަނީ އެމްޑީޕީގެ ސްލޮޓުތަކުގައި އެ މަގާމުތަކަށް އައްޔަނުކުރި ފަރާތްތައް އެ ޕާޓީން ވަކިވުމުން ކަމަށެވެ. އަދި, އެ ފަރާތްތައް މަގާމުން ވަކިކުރަމުން ދަނީ އެމްޑީޕީއިން އެދިގެން ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
މި މައްސަލާގައި ޑިމޮކްރެޓްސްއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީ "އުފެއްދުމަށް ހަރަކާތްތެރިވާ ޒުވާނުންނާއި އާންމުންނަށް އެކިގޮތްގޮތުން ބިރުދައްކައި، ވަޒީފާއިން ވަކިކޮށް ހިންގާ ނާއިންސާފު އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ.
rއަދި, މަގާމުތަކުން ވަކިކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކުރި ޒުވާން ސިޔާސީ ލީޑަރުންތަކެއް ކަމަށްވެސް ޑިމޮކްރެޓްސްއިން ބުނެފައިވެ އެވެ.

ޑިމޮކްރެޓްސްއިން ސަރުކާރުގެ މި ނިންމުންތައް ސިފަކުރީ ރައީސް ސޯލިހުގެ ފިނޑި، އަދި އެ ޕާޓީއާ ގުޅޭ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ހިންގި އަމަލެއްގެ ގޮތުގަ އެވެ. އަދި މިކަމުގެ ސަބަބުން އެ ޕާޓީއަށް އިތުރަށް ތަރުހީބު ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ސިޔާސީ މަގާމުތަކުގައި، އެމްޑީޕީގެ ސްލޮޓުގައި ތިބި ފަރާތްތައް ވަކިކުރުން، ޑިމޮކްރެޓްސްއިން ވަނީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާވެސް އަޅާކިޔާފަ އެވެ. އެގޮތުން ކޯލިޝަނުގައި ހިމެނޭ ޖުމްހުރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާނެކަން އިއުލާންކުރުމާއި އެމްއާރުއެމް އިންވެސް ރައީސް ސޯލިހަށް ތާއީދުނުކުރުން ޑިމޮކްރެޓްސްއިން ވަނީ ފާހަގަކޮށްފަ އެވެ.
"އެހެނަސް އެޕާޓީތަކުގެ މެންބަރުން ތިބީ ސިޔާސީ މަގާމުތަކުގައި، އާރާއި ބާރު ހިންގުމުގަ.. އެއްވެސް މެންބަރަކަށް އިންޒާރުދީ، މަގާމުން ވަތްކެއް ނުކުރެ"
ޑިމޮކްރެޓްސްއިން ބުނެފައިވާ ގޮތުގައި މިކަމުން ދޭހަވަނީ އެ ޕާޓީއާ ގުޅޭ ފަރާތްތައް ވަކިކުރީ ރައީސް ސޯލިހަށް ތާއީދުނުކޮށްގެން ނޫން ކަމަށާއި މިއީ އެ ޕާޓީއަށް ލިބެމުންދާ ތާއީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ހިންގި އަމަލެއް ކަމަށެވެ.














