ބެއިޖިން، ޗައިނާ (މޭ 28) - ޗައިނާގައި އުފެއްދި ފުރަތަމަ ކޮމާޝަލް ޖެޓުގެ ފުރަތަމަ ދަތުރު ފުރިހަމަކޮށްފި އެވެ.
ސީ919 ޖެޓަކީ ޕަސަންޖަރުން އުފުލުމަށް ހާއްސަ ބޮޑު އުޅަނދެކެވެ. އެ އުޅަނދު ހަވާލުކުރީ ޗައިނާ އީސްޓާން އެއާލައިނާ އެވެ.
އެ އުޅަނދުގައި 164 ސީޓު ހުންނަ އިރު، އެއީ ބިޒްނަސް ކްލާހާއީ އިކޮނޮމީ ކްލާހުގެ ސީޓުތަކެވެ. ޝަންހާއީގެ ހޮންގްގިއާއޯ އެއާޕޯޓުން ފުރަތަމަ ދަތުރު ފެށީ 130 ޕަސެންޖަރުންނާ އެކު އެވެ.

ހޯމަ ދުވަހުން ފެށިގެން ޗައިނާ އީސްޓާންއިން ޝަަންހާއީ އާއި ޗެންގްޑޫއާ ދެމެދު ކުރާ ދަތުރުތަކަށް ބޭނުންކުރާނީ ސީ919 ބޯޓެވެ.
ޗައިނާ އީސްޓާން އެއާލައިންސުން ޕަސެންޖަރުންނާ އެކު އެ އުޅަނދު ބޭނުން ކުރަން ފެށުމުގެ ކުރިން 100 ގަޑިއިރަށް ވުރެ ގިނަ ވަގުތު ޓެސްޓު ދަތުރުތައް ކުރި އެވެ.
ޗައިނާގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް އުފެއްދި އިރު، އެ އުޅަނދު ވާދަކުރާނީ މިހާރު އޭވިއޭޝަން މާކެޓުގައި އުޅޭ އެއާބަސް އޭ320ނިއޯ އާއި ބޮއިންގް 737 މެކްސް ފަދަ ޖެޓުތަކާ އެވެ.
އެ ގައުމުން އަމިއްލަ ކޮމާޝަލް ޖެޓެއް އުފައްދަން ނިންމީ އެމެރިކާއާ އެކު އޮންނަ ވާދަވެރިކަމުގެ ތެރެއިން އެއާބަސް އާއި ބޮއިންގް އުޅަނދުތަކަށް ބަރޯސާވުން ބުއްދިރުވެރި ކަމަކަށް ނުވާތީ އެވެ.
ކޮމާޝަލް އޭވިއޭޝަން ކޯޕް އޮފް ޗައިނާ (ކޯމެކް) އިން 2030 ވަނަ އަހަރުގެ ކުރިން ކޮންމެ އަހަރަަކު ވެސް އޭގެ 25 އުޅަނދު މާކެޓަށް ނެރޭނެ ކަމަށް ބެލެވެ އެވެ.










