ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ތިބެ އެމްޑީޕީ ދޫކޮށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވަން މަސައްކަތް ކުރާ އާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްއަށް ގުޅެމުންދާ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފަށައިފި އެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސިޔާސީ މަގާމުތަކުން ވަކިކުރަމުންދަނީ އެމްޑީޕީގެ ސްލޮޓުތަކުގައި އެ މަގާމުތަކަށް އައްޔަނުކުރި ފަރާތްތައް އެ ޕާޓީން ވަކިވުމުން ކަމަށެވެ. އަދި އެ ފަރާތްތައް މަގާމުން ވަކިކުރަމުން ދަނީ އެމްޑީޕީއިން އެދިގެން ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި އިސް ފަރާތްތައް މަގާމުން ވަކިކުރިކަން އެންގުމަށް ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުންނެއް ކަމެއް އިނގިފައެއް ނުވެ އެވެ.
އެމްޑީޕީއިން ވަކިވެ ޑިމޮކްރެޓްސްއާ ގުޅެމުންދާ ފަރާތްތައް ސިޔާސީ މަގާމުތަކުން ވަކިކުރަމުންދިޔަ ނަމަވެސް، މިދިޔަ ހަފުތާގެ ތެރޭގައި އުވާލި އެމްއާރުއެމްގެ ސްލޮޓުތަކުގައި ތިބި ފަރާތްތައް އަދި ރިޔާސީ އިންތިހާބުގައި ސަރުކާރާ ދެކޮޅަށް ނިކުތުމަށް ނިންމާފައިވާ ޖޭޕީގެ ސްލޮޓުތަކުގައި ތިބި ފަރާތްތައް މިހާތަނަށް ސިޔާސީ މަގާމުތަކުން ވަކިކޮށްފައެއް ނުވެ އެވެ.
އެމްޑީޕީގެ މަޖިލިސް 13 މެމްބަރުންނާއި ގިނަ އިސް ބޭފުޅުން ހިމެނޭހެން ޕާޓީއާ ފެޔަށްޖެހި އަލަށް އުފައްދާ ޑިމޮކްރެޓްސް ރަޖިސްޓާ ކުރުމަށް ބޭނުންވާ 3،000 މީހުން ހަމަކުރުމުގެ ހުއްދަ ދިނީ މިދިޔަ ބުދަ ދުވަހު އެވެ. މިހާތަނަށް އެ އަދަދަށް ސޮއި ހަމަކޮށް އީސީއަށް ހުށަހަޅާފައި ނުވި ނަމަވެސް މި ހަފުތާގެ ތެރޭގައި ޑިމޮކްރެޓްސް އިން އެކަން ކުރާނެ ކަމަށްވެ އެވެ.















