އެމްޑަބްލިއުއެސްސީއަށް 28 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ތާރީހުގެ ކޮންމެ އަހަރެއްގައި ވެސް އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ އެވޯޑުތަކެއް ދީފި އެވެ.
އެ އެވޯޑުތައް ދީފައި ވަނީ އެކަމަށް ހާއްސަކޮށް ބުރާސްފަތި ދުވަހުގެ ރޭ ހެންވޭރު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ވަނީ އެ ކުންފުނިން ދޭ އެންމެ ހާއްސަ އެވޯޑު، ޗެއާމަންސް އެވޯޑު ފޯ އެކްސެލެންސް އެވޯޑު ވެސް ދީފަ އެވެ. އެ އެވޯޑަކީ ކުންފުނީގެ ކުރިއެރުމާއި ތަރައްގީއަށް ފާހަގަކުރެވޭ، އަގުހުރި، އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވުރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދިން އެވޯޑެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަން ޝާހު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުރިމަތިވި ގިނަ ގޮންޖެހުންތަކާ އެކު ވެސް ތާރީހީ ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށާއި ކުންފުނީގެ އޮޕަރޭޝަނަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ގެނެވި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށެވެ.
"އެމްޑަބްލިއުއެސްސީގެ ހުރިހާ އޮޕަރޭޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތް އިތުރަށް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ވަނީ ރަނގަޅު ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، ހަސަނަ ޝާހު ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީ
އިތުރަށް އޭނާ ވިދާޅުވީ މިހާރު ވެސް އެ ކުންފުނިން ރާއްޖޭގެ 32 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެތެރެއިން ބައެއް ރަށްރަށުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އޮނަވިހިސަތޭކަ ފަސްވަނަ އަހަރު އެމްޑަބްލިއުއެސްސީ ވުޖޫދު ކުރީ އޭރު މާލޭގައި އިތުރުވަމުންދިޔަ އާބާދީއަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކަ އެވެ. ނަމަވެސް މިއަދު އެ ކުންފުންޏަކީ ފެނާއި ނަރުދަމާގެ ހިދުމަތުގެ އިތުރުން ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޖިނިއަރިން އަދި މެނުފެކްޗަރިިންގެ މަސައްކަތް ކުރަމުން އަންނަ އެއް ކުންފުންޏެވެ.
ކުންފުނީގެ އުމުރުން 28 އަހަރު ފުރުނުއިރު، އެ ކުންފުނިން ދަނީ މާލެ ސަރަހައްދުގެ އިތުރުން ކ. މާފުއްޓާއި ހދ. ކުޅުދުއްފުއްޓާއި ރ. ދުވާފަރުގައި ވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އޭގެތެރެއިން ދުވާފަރުގެ ކަރަންޓާއި ކުނި ވެސް މެނޭޖުކުރަމުން އަންނަނީ އެމްޑަބްލިއުއެސްސީންނެވެ.









