އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުން، ޖުމްހޫރީ ޕާޓީއާ އެކު ކުރި މަޝްވަރާތައް އަދި ނުހުއްޓޭ ކަމަށް ފިކުރެއްގެ ދިރުމުން އުފައްދާ އާ ޕާޓީ ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު އަފްޝަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ފިކުރެއްގެ ދިރުމުން ޖުމްހޫރީ ޕާޓީއާ މަޝްވަރާކުރީ ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް، އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުންނެވެ. އެކަމާ މަޝްވަރާކުރަން ޖޭޕީ އާއި ފިކުރެއްގެ ދިރުމުގެ އިސް ބޭފުޅުން ކުރިން ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް މިހާރު އެފަދަ ބައްދަލުވުމެއް ނުބާއްވާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.
ފިކުރެއްގެ ދިރުމުން އުފައްދަން މަސައްކަތް ކުރާ އާ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ތަރުޖަމާނު އަފްޝަން ލަތީފު މިއަދު ބޭއްވެވި މީޑިއާ ބްރީފިން އެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ގާސިމް އިބްރާހީމަކީ ފިކުރެއްގެ ދިރުމުގެ އިސް ބޭފުޅުންނާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށާއި މިހާރު ވެސް ލަފަޔާ އިރުޝާދު ދެއްވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވާހަކަ ދައްކަވަނީ. --- ފޮޓޯ; އަބްދުالله އިޔާން/އަދަދު
"ގާސިމް އިބްރާހީމާ އަދި ޖޭޕީއާ އެކީގައި އޮތް އެއްވެސް މަޝްވަރާއެއް ބްރޭކްޑައުން ވިކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑުމެންގެ ތެރެއިން ހަމަ ގިނަ ބޭފުޅުންނެއް ވަރަށް ގާތްކޮށް އެ ބޭފުޅުންނާ، [އެކީ މަސައްކަތގް ކުރަނީ] ޖޭޕީގެ ބޭފުޅުންނާ އެކީ ވެސް އަދި ހަމަ ޕީޕީއެމް ވެސް ޕީއެންސީ ވެސް ހަމަ އެ ހެން ބޭފުޅުން ވެސް މަޝްވަރާކުރައްވަމުން ދަނީ މިހާރު ވެސް،" އަފްޝަން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ. ފިކުރެއްގެ ދިރުމުން އުފައްދާ 'ދަ ޑިމޮކްރެޓްސް' އިން ވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެހެންވީމާ މަޝްވަރާ ހުއްޓޭނެ ނޫންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަފްޝަން ވިދާޅުވީ "އެ ބޭފުޅުން[ޖޭޕީގެ ބޭފުޅުން] އެެހެން ވިދާޅުވި ނަމަވެސް އަދި ކޮންމެވެސް ވަރަކަށް ދުވަސްކޮޅެއް އެބަ އޮތް" ކަމަށެވެ. ނުސީދާ ގޮތަކަށް އޭނާ ވިދާޅުވީ ޖޭޕީން ކެންޑިޑޭޓަކު ނުނެރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.













