ވެރިކަންކުރާ އެމްޑީޕީއިން އަމިއްލައަށް ވަކިވި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުގެ' ފެކްޝަނަށް ނިސްބަތްވާ 12 މެމްބަރުން އެ ޕާޓީއިން ވަކިވިކަން ރަސްމީކޮށް މަޖިލީހުގެ އިދާރާއަށް އަންގައިފި އެވެ.
ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަޝީދު ވަނީ އެ މެމްބަރުން މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން ވަކިކުރާނީ އަމިއްލައަށް އެކަން މަޖިލީހަށް އެންގުމުން ކަމަށް ވިދާޅުވެފަ އެވެ. އަދި, އެ ދުވަހާއި ހަމައަށް އެ މެމްބަރުން ޕާޓީއިން ވަކިވިކަން މަޖިލީހަށް ރަސްމީކޮށް ނާންގާ ކަމަށް ބުނެ އެމްޑީޕީގެ މެމްބަރުންނަށް ލިބޭ ވަގުތުގައި ވާހަކަދެއްކުމުގެ ފުރުސަތުވެސް ނަޝީދު ދެއްވި އެވެ.
އެކަމާ ގުޅިގެން އެދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި މަސްލަހަތު ގޯސްވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަންވެސް އިއްވި އެވެ.
މި މައްސަލާގައި މިއަދު "އަދަދު" އިން ސުވާލުކުރުމުން 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުގެ މަތިން އެ ދުވަހު އެ މެމްބަރުން އެމްޑީޕީއިން ވަކިވިކަން އަންގާފައިވާ ކަމަށެވެ.
އެ 12 މެމްބަރުންނާއި އެމްޑީޕީގެ ލީޑަޝިޕުން ވަކިވި ގިނަ ބޭފުޅުންނާއެކު މިއަދު ވަނީ 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ފޯމު ހުށަހަޅާފަ އެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވި "ފިކުރެއްގެ ދިރުމުން" އުފައްދާ ޕާޓީއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ. އޭނާ އީސީއަށް ހުށަހެޅުއްވީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށެވެ.
"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ މަސައްކަތްކުރުމުގެ ހުއްދައަށް އެދޭ ފޯމް ހުށަހެޅުމަށް ޓަކައި ހަސަން ލަތީފުގެ އަރިހުގައި ފިކުރެއްގެ ދިރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން ނަޝީދު ފިޔަވައި އެންމެ ބޭފުޅުން އީސީއަށް ވަޑައިގެންނެވި އެވެ.














