މިލާން (މެއި 17) - ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ 1-0 އިން އޭސީ މިލާން ބަލިކޮށް، އިންޓަ މިލާނުން 13 އަހަރަށް ފަހު މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މިދިޔަ ހަފްތާގައި ފުރަތަމަ ލެގުގައި މިލާން އަތުން އިންޓަ ވަނީ 2-0 އިން މޮޅުވެފަ އެވެ. އެހެންކަމުން، މިރޭގެ މެޗުގައި އެ ދެ ގޯލުގެ ފަރަގުގެ ނަތީޖާ އަނބުރާލައިގެން ނޫން ގޮތަކަށް މިލާނަށް ފުރުސަތެއް ނެތެވެ. އިންޓަ އިން ދެ ވަނަ ލެގުގައި ވެސް ދޫނުދީ ކުޅެ، މި ލެގުން ވެސް މޮޅުވެ، އެގްރިގޭޓަށް ބަލާއިރު ކުރިހޯދީ 3-0 އިންނެވެ. މިއީ، 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ފަހުން، އިންޓަ އިން ކުޅޭނެ ފުރަތަމަ ފައިނަލެވެ.
މިލާނުން މިރޭގެ މެޗަށް ނުކުތްއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ އަނިޔާގެ ސަބަބުން އެންމެ ފަހުން ދެ މެޗު ގެއްލުނު ޕޯޗުގީސް ވިންގް، ރަފައެލް ލެއާއޯ އަށް މި މެޗުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެވުމެވެ. އެކަމަކު، ލެއާއޯގެ އިތުރުން އޮލިވިއޭ ޖިރޫ، ޖޫނިއާ މެސިއަސް އަދި ބްރާހިމް ޑިއާޒް އެޓޭކަށް ލައިގެން މެޗު ފެށި މިލާނަށް އިންޓަގެ ޑިފެންސް ލައިން ފޫއަޅުވާލައިގެން ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. މެޗުގައި މިލާނުން ގިނަ އެޓޭކްތަކެއް ކުރި އެވެ.
ލަނޑު ޖެހުމަށް ބަލާއިރު، މި މެޗުގައި ވެސް ތަފާތެއް ދެއްކީ އިންޓަ އިންނެވެ. މި މެޗުގައި އިންޓަ އިން ޖެހި ހަމައެކަނިި ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައި ލަޓާރޯ މާޓީނޭޒް އެވެ. އޭރިއާތެރެއިން އިންޓަގެ ރޮމެލޫ ލުކާކޫ ބޯޅަ ހިފެހެއްޓުމަށް ފަހު، ދިނީ ލަޓާރޯ އަށެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ލަޓާރޯ ވަނީ ގޯލުގެ ކައިރީ ކަނަށް ހަނި އޭންގަލުން ބޯޅަ ފޮނުވާލައިފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިންޓަގެ އެޑިން ޖެކޯ ބޮލުން ޖެހި ބޯޅަ މިލާނުގެ ކީޕަރު މައިކް މައިންގްނޯން މަތަކުރި ނަމަވެސް ދެ ވަނަ ހާފުގައި ލަޓާރޯ ޖެހި ބޯޅަ ނުހުއްޓުވުނެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ކުޅޭ ފައިނަލުގައި އިންޓަ އިން ކުޅޭނީ ދެ ވަނަ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ ތެރެއިން ކުރިހޯދާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ލެގުގައި މެޑްރިޑްގައި ކުޅެ، ސިޓީ އާއި ރެއާލް އެއްވަރުވީ 1-1 އިންނެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ލިވަޕޫލް ބަލިކޮށް ރެއާލުން ވަނީ 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ.












