ހދ. ކުޅުދުއްފުށި ސިޓީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ކުރަން ފަށައިފި އެވެ.
ކުޅުދުއްފުށި އެއާޕޯޓް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ވަނީ، އެ އެއާޕޯޓްގައި ނައިޓް ލޭންޑިން ސިސްޓަމް މިހާރު ގާއިމްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ރޭގަނޑުގެ ފުރަތަމަ ޓެސްޓް ފްލައިޓް ވެސް ވަނީ ބާއްވައިފަ އެވެ.
ދިހަ ހާއެއްހާ މީހުން އުޅޭ ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް 24 ގަޑިއިރު ދެވޭ ގޮތަށް ހަމަޖެހުމުން ކުރިއަށް އޮތް ތަނުގައި ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް ހުރި ހުރަސްތަކަށް ނިމުމެއް އައިސް، ގެސްޓް ހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް ވެސް ފައިދާ ކުރާނެ ކަމަށް އާރުސީއެލް އިން ބުންޏެވެ.
އާރުއޭސީލް އިން ހިންގަމުން އަންނަ ހަ އެއާޕޯޓްގެ ތެރެއިން ހަތަރު އެއާޕޯޓަށް މިހާރު ރޭގަނޑު ދަތުރުތައް ކުރެވޭނެ އެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން، ގދ. ފަރެސްމާތޮޑާއާއި ފުވައްމުލައް ސިޓީ، އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.
ހއ. ހޯރަފުށި އަދި ގދ. މާވަރުލު އެއާޕޯޓްގައި ވެސް ނައިޓް ލޭންޑިން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ހިނގަމުންދާ ކަމަށް އާރުއޭސީއެލް އިން ބުންޏެވެ.










