މެލޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިން، ބެޓިކް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
އެ އެއާލައިނުގެ ފުރަތަމަ ފުލައިޓު ރާއްޖެއަށް އައިސްފައި ވަނީ 87 ފަސިންޖަރުންނާ އެކު ރޭގަ އެވެ. ބެޓިކް އެއާލައިނުން ވަނީ ކޮންމެ ދުވަހަކު ވެސް ރާއްޖެ - ލަންކާ އަދި ރާއްޖެ - މެލޭޝިއާ ދެކޮޅު ދަތުރުތައް ކުރުމަށް ރާވައިފަ އެވެ.
އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ބޮއިން 737 މަރުކާގެ ބޯޓުތަކުގަ އެވެ. އެ ބޯޓުތަކުގައި 180 މީހުންގެ ޖާގަ ހުންނާނެ އެވެ.
ބެޓިކް އެއާގެ ދަތުރުތައް ސްރީލަންކާއިން ރާއްޖެއަށް ފަށާފައިވާއިރު، މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ފަހުކޮޅެވެ.
ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓު ކުރަ ކުންފުނި، އެމްއޭސީއެލުން ބުނީ އިތުރު އެއާލައިންތައް ރާއްޖެއަށް ދަތުރުތައް ކުރަން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމެއް ކަމަށެވެ.
އެގޮތުން ސައުދީ އަރަބިޔާގެ، ފުލައިނެސް އަދި މަޝްހޫރު ބިލިއަނަރު، ރިޗަޑް ބްރޭންސަންގެ، ވާޖިން އެޓްލާންޓިކުގެ ދަތުރުތައް ވެސް މިއަހަރު ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސިއެލުން ބުނެ އެވެ.
މެލޭޝިއާގެ ބެޓިކް އެއާގެ ފްލީޓުގައި ހިމެނެނީ 800-737، 8-737 މަރުކާގެ ބޯޓުތަކާއި އޭޓީއާރު72-600 މަރުކާގެ ބޯޓުތަކުގެ އިތުރުން އެއާބަސް އޭ330-300 މަރުކާގެ ބޯޓުތަކެވެ. އެ އެއާލައިނުން ޖަޕާނާއި ސައުތު ކޮރެއާ އަދި ދިވެހިރާއްޖެ ހިމެނޭހެން، 17 ގައުމެއްގެ 53 މަންޒިލަކަށް ފުލައިޓުތައް އޮޕަރޭޓު ކުރަމުން ދެއެވެ.
އާ އެއާލައިންތަކާ އެކު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވާނެ ކަމަށް އެމްއޭސީއެލުން ލަފާ ކޮށްފައިވާއިރު، ކޮވިޑުގެ ބަލިމަޑުކަމަށްފަހު މެދުކެނޑިފައި އޮތް ޗައިނާގެ އެއާލައިންތަކުގެ ދަތުރުތައް ވެސް އަލުން ފަށައިފަ އެވެ.
މިއަހަރުގެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ރިކޯޑެއް ހެދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓަރީން ކުރަމުން ދާއިރު، މި މަސް ފެށުނުއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުރީ 688,284 ގަ އެވެ.











