މިލާން (މެއި 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އިންޓަ މިލާނުން 2-0 އިން އޭސީ މިލާން ބަލިކޮށް، ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
ރޭ ކުޅުނު ފުރަތަމަ ލެގުގެ ނަތީޖާއާ އެކު، އަންނަ ހަފްތާގައި ކުޅޭ ދެ ވަނަ ލެގުން މިލާނާ އެއްވަރުކޮށްލައިގެން، ނޫނީ އެއް ގޯލުގެ ފަރަގުން ބަލިވެގެން ވެސް އިންޓަ އަށް 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދޭނެ އެވެ. އެންމެ ފަހުން، އިޓަލީގެ ޓީމެއް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައިވަނީ 2016 ވަނަ އަހަރު ޔުވެންޓަސް އެވެ.
ގާތްގަނޑަކަށް 80،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިލާނުގެ ހޯމް މެޗުގައި އިންޓަ އިން އެޑްވާންޓޭޖް މި ނެގީ ފުރަތަމަ 11 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. އިންޓަ އިން ލީޑުނެގީ އަށް ވަނަ މިނިޓްގައި އެޑިން ޖެކޯ ޖެހި ގޯލުންނެވެ. ޖެކޯ މި ލަނޑު ޖެހީ ހަކަން ޗަނޮނޮގްލޫ ނެގި ކޯނަރަކުން އޭރިއާތެރޭގައި ހުރެފައި، ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. ފުރަތަމަ ލަނޑު ޖަހައި، މާ ބޮޑަށް ފަހަތަށް ނުޖެހި، ތިން މިނިޓް ފަހުން އިތުރު ގޯލެއް ޖެހި އެވެ. އެ ގޮތުން، މެޗުގެ 11 ވަނަ މިނިޓްގައި ފެޑެރީކޯ ޑި މާކޯ ދިން ބޯޅައެއް އޭރިއާތެރެއަށް ކޮންޓްރޯލް ކޮށްލުމަށް ފަހު ހެންރިކް މިކިތާރްޔަން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިންޓަ އިން މެޗުގެ 15 ވަނަ މިނިޓްގައި ތިން ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އޭރިއާބޭރުން ޗަނޮނޮގްލޫ ޖެހި ބާރު ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.
އަނިޔާގެ ސަބަބުން މިލާނުގެ ރަފައެލް ލެއާއޯ ނުލައި ކުޅެން ޖެހުނު މި މެޗުގައި އެ ޓީމުން އެޓޭކްތަކެއް ކޮށް ގޯލެއް ޖެހޭތޯ ބެލި އެވެ. އެ ގޮތުން، ކައުންޓަ އެޓޭކެއްގައި މެޗުގެ 50 ވަަނަ މިނިޓްގައި މިލާނުގެ ޖޫނިއާ މެސިއަސް އަށް ލިބުނު ފުރުސަތުން ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި 62 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރީގައި ހުރެފައި، ސަންޑްރޯ ޓޮނާލީ ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ހާުފުގައި އިންޓަ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުން ޖެކޯ ޖެހި ބޯޅަ މިލާނުގެ ކީޕަރު މައިކް މައިންގްނޯން ވަނީ ހުއްޓުވައިފަ އެވެ.
މިއީ، 1979-1980 ވަނަ އަހަރުގެ ސީޒަނަށް ފަހު އިންޓަ އިން ޖެހިޖެހިގެން ތިން މެޗުގަައި މިލާން އަތުން ބައިކޮޅަށް ގޯލެއް ނުވަދެ، މޮޅުވެގެން ނިންމާލި ތިން ވަނަ މެޗެވެ.
މެޗަށް ފަހު އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުނީ މި މެޗުގެ ނަތީޖާ އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. ހަތް ދުވަސް ފަހުން ކުޅެން ޖެހޭ ދެ ވަނަ ލެގަށް ނުކުންނައިރު، އިންޓަ އަށް މި ވަގުތު އޮތް އުފަލަކީ ފައިނަލާ ހަމައަށްދާން އަމިއްލަ ބާރުގައި އޮތް ފުރުސަތު ކަަމަށް އިންޒާގީ ބުނެފައިވެ އެވެ.
މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ ދެ ގޯލު ފަހަތުގައި އޮތަސް، ސައިކޮލޮޖިކަލީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން، އިތުބާރާ އެކު ކުޅެ، މިލާނަށް އަދިވެސް އަމިއްލަ ބާރުގައި ފައިނަލަށް ދެވިދާނެ ކަމަށެވެ. އެކަމަކު، އެ އަށަް މަސައްކަތް ކުރާނަމަ ފުރަތަމަ ލެގުގައި ފެނުނު ގިނަ ގޯސްތައް މިލާނުން ރަނގަޅުކުރަން ޖެހޭ ކަމަށް ޕިއޯލީ ވަނީ ބުނެފަ އެވެ.












