ދެހާހުގެ އަހަރުތައް ފެށިގެން އައިއިރު ޒަމާނީ އެކި ކަހަލަ ފަންނުތަކަކީ ދިވެހިންގެ ތެރެއިން ވަރަށް ބޮޑަށް މަދުވަމުން އައި ކަމެކެވެ. ޒަމާނަށް އައި ބަދަލުތަކާއެކު ދިވެހިންގެ ތެރޭގައި ކުރިން އޮތް އެކި ކަހަލަ ފަންނުވެރިކަމާއި ސަގާފަތްތައް ވެސް ދިޔައީ މަޑުމަޑުން ނެތެމުންނެވެ.
ނަމަވެސް އެ މަންޒަރު ބަދަލުކޮށްލީ ފަންނުވެރިކަން ގައުމީ ފެންވަރުގައި ބަލައިގަންނަން ފެށި ހިސާބުންނެވެ.
ފަންނު ދިރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން އަވައްޓެރި ގައުމުތަކަށް ވެސް ބަައިވެރިވެވޭ ގޮތަށް އިންޓަނޭޝަނަލް ޔޫތު އެންޑް އާޓު ފެސްޓިވަލް 2023 "ފަރުމާ" ގެ ނަމުގައި ހަތް ދުވަހުގެ މުއްދަތަށް ފެސްޓިވަލެއް ފެށީ މިދިޔަ ހޯމަ ދުވަހެވެ.
އެ ފެސްޓިވަަލުގައި ހަމައެކަނި ދިވެހިންގެ ތެރެއިން ވެސް 40 ފަންނުވެރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ތަފާތު ކުރެހުންތައް ކުރެހުމަށް ލޯބިކުރާ ޒުވާނުންނާއި، ފެހުމާއި، އެކި ކަހަލަ އަތްތެރި މަސައްކަތްތަައް ކުރާ ޒުވާނުން އަދި ޒުވާން ފެހުންތެރިން ވެސް ހިމެނެ އެވެ.
ފަރުމާ ފެސްޓިވަލުގައި ދައްކާލާ ފަންނުތައް
- ކުރެހުން
- ޕެއިންޓިން
- ފޮޓޯގްރަފީ
- ވީޑިއޯގްރަފީ
- ޑިޖިޓަލް އާޓް
- އެނިމޭޝަން
- އަތްތެރިކަމުގެ މަސައްކަތް
- ފުޑް އެންޑް ކަލިނަރީ
- ސަގާފީ ނެށުން
- މިއުޒިކް
އިލެސްޓްރޭޝަނަކީ މީގެ ކުރިން ދިވެހިންނަށް ބީރައްޓެހި ފަންނެއް ނަމަވެސް މިހާރު އެ މަސައްކަތް ކުރުމަށް ލޯބިކުރާ އެތައް ޒުވާނުންްނެއް އެބަތިއްބެވެ. އެއްބަޔަކު އިލެސްޓްރޭޝަން އާޓްވޯކުތައް ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ވިއްކަމުންް އަންނަ އިރު އަނެއްބަޔަކު އެމަސައްކަތް ކުރަނީ އެމީހުންގެ އަމިއްލަ ހިތްހަމަޖެހުމަކަށެވެ.
މި ފެސްޓިވަލުގެ ތެރެއިން ފާހަގަކޮށްލެވުނު އެއް އުފެއްދުންތަކެއް ފެންނަން ހުރީ ރައްޒާން އާއި ހަމްޕުގެ ސްޓޯލުންނެވެ. ރައްޒާން އާއި ފާތިމަތު ހަމްނާ (ހަމްޕު) ގެ ސްޓޯލުގައި އެ ދެމަފިރިންގެ އިލެސްޓްރޭޝަނުގެ އެތައް އުފެއްދުންތަކެއް ފެންނަން ހުއްޓެވެ.
"މިތާގައި ބޮޑަށް މި ވިއްކަނީ މިހާރު މީހުންނަށް ބޮޑަށް ރިލޭޓެބަލް، ޓްްރެންޑީ ވާނެ ކަހަކަ އެއްޗިހި. ދެން ޑެއިލީ ލައިފްގަ ވެސް ދިމާވާނެ ކަންތައްތަކާ އެއާ ރިލޭޓްކުރެވޭ ކަހަލަ މޫޑްސް އާއި ފީލިންސް ދައްކައިދޭނެކަހަލަ އެއްޗިހި،" އެ ސްޓޯލުގައި ވިއްކަންް ހުރި އިލެސްޓްރޭޝަން އާޓްވޯކްތައް ދައްކާލަމުން ހަމްނާ ބުންޏެވެ.

ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލްގެ ތެރެއިން. އިންޓަނޭޝަނަލް އާޓިސްޓުންގެ ގޮތުގައި ހަތް ގައުމަކުން 11 ފަންނުވެރިން ބައިވެރިވޭ. އަދި ރާއްޖޭގެ 10 ފަންނުވެރިން ވެސް ބައިވެރިވޭ. ---- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ތަފާތު 10 ފަންނަކަށް މި ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން އެންމެ ބޮޑު ތަރުހީބެއް ލިބުނީ ޕެއިންޓުކުރުމުގެ ފަންނަށެވެ. ކުރެހުމާއި ޕެއިންޓުކުރުމަށް ލޯބިކުރާ 13 ފަންނުވެރިއަކު މި ފެސްޓިވަލުގައި ބައިވެރިވި އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް އުފެއްދުންތަކެއް ފެނުނީ "ލައިލީ" ނަމަކަށް ކިޔާ ސްޓޯލުންނެވެ. މަރިޔަމް ލަޔާލް (ލައިލީ) ގެ ސްޓޯލުން ފެންނަން ހުރީ ކުލަނެތް އެހެން ނަމަވެސް ބުރަ މަސައްކަތްތަކެކެވެ. އަހަރުމެންގެ ތެރެއިން ގިނަ މީހުން ކުރެހުމަށް ފަންސުރުގެ ބޭނުން ކުރި ނަމަވެސް ލަޔާލް ކުރެހުމަށް ބޭނުންކުރަނީ ގަލަމެވެ. ލަޔާލްގެ ގަލަން ބޭނުންކޮށްގެން އޭނާ ކުރަހާފައިވާ ކުރެހުންތައް ކުލަ ކުރެހުމަކަށް ދުލެއް ނުދެ އެވެ.
"ބޮޑަށް ކުރަހަނީ އިންސްޕަޔާވާ އެއްޗިހި. ދެން ހުންނާނީ ބޮޑަށް ތާނަ އެއްޗިހި، މިސާލަކަށް ޓައިޕް ރައިޓާ. ދެން ބޮޑަށް ކުރަހަނީ ހިސްޓޯރިކަލް އާޓް. ބޮޑަށް ވިންޓޭޖް އެއްޗިހި،" އިންސްޓަގްރާމުގައި ބައެއް ކުރެހުންތައް އާންމުކޮށް ވިއްކަމުން އަންނަ ލަޔާލް ބުންޏެވެ.
އެންމެ ތަފާތު މަސައްކަތެއް ފެނުނު އެއް ސްޓޯލަކީ "ބަސްކު" ގެ ލެދާކްރާފްޓު ހޭންޑްކްރާފްޓްތަކެވެ. ބަސްކުގެ ވެރިޔާ އަހުމަދު އަބްދުﷲ ކިޔައިދިން ގޮތުގާ އޭނާ ލެދާ ބޭނުންކޮށްގެން ތަފާތު ތަކެތި ހަދައި ވިޔަފާރިއެއް އުފެއްދުމުގެ މަސައްކަތް ފެށިގެން ދިޔައީ ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގަ އެވެ.
އަހުމަދުގެ ސްޓޯލުގައި ބޮޑަށް ފެންނަން ހުރީ ފިރިހެނުންނަށް ހާއްސަ އުފެއްދުންތަކެވެ. އެގޮތުން ވޮލެޓާއި، ކީޓެގް، ކާޑްް ހޯލްޑަރާއި އަދި ޕާސްޕޯޓު ކަވަރުގެ އިތުރުން އަތްދަބަސް ވިއްކަން ހުއްޓެވެ.

ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލްގެ ތެރެއިން. މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް އާޓް ފެސްޓިވަލް. ---- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
"ލެދާކްރާފްޓު މަސައްކަތްތަކަކީ ވަރަށް ގިނަ އިރު ނަގާ ކުރަން އުނދަގޫ މަސައްކަތެއް. އަޅުގަނޑުމެންގެ ހުރިހާ އުފެއްދުންތަކަކީ ވެސް ހޭންޑްމޭޑް އުފެއްދުންތަކެއް. އަދި މިހާތަނަށް ލިބިފައިވަނީ ވަރަށް ރަނގަޅު ކޮމެންޓުތަކެއް. އެންމެން ވެސް ބުނޭ ވަރަށް ކަމުދާ ކަމަށް މި ހުރިހާ އެއްޗެއް ވެސް،" އަހުމަދު ބުންޏެވެ.
ފަރުމާ ފެސްޓިވަލުގައި ކަސަބު ވިއުމުގެ މަސައްކަތް ކުރަމުން ގެންދާ ދެ ސްޓޯލެއް ހުއްޓެވެ. މީގެ ތެރެއިން ކަސަބު އާޓު ސްޓޯލުގައި ކަސަބު ލިބާހާއި ކަސަބު އަޅާފައި ހުރި ޓޯޓް ދަބަހާއި ކުޝަން ކަވަރު، ޓީޝާޓު އަދި ކެންވަސް ވިއްކަން ހުއްޓެވެ. އެތަނުގައި ކަސަބާއި ކިނާރީ ވިއުމުގެ މަސައްކަތް ކުރަމުން ދިޔައީ ނަޝީދާ އަހުމަދާއި އޭނާގެ ދެ ދަރިން، އައިމިނަތު ނަޒްހާ އަދި ފާތިމަތު ނީނާ އެވެ.
ނަޝީދާ ބުނީ ކަސަބު އަދި ކިނާރީ ވިއުމުގެ މަސައްކަތަކީ ވަރަށް ލަހުން ކުރެވޭ އެހެން ނަމަވެސް ފަސޭހަ މަސައްކަތެއް ކަމަށެވެ. އޭނާ ބުނި ގޮތުގާ ޓީވީ ބަލަމުން ވެސް އެމަސައްކަތް ކުރެވެ އެވެ.
"އެންމެ މަތީގައި އިންނާނީ ހިރު، ދެން އަޅާނީ ބަގިޔާ، ދެން އަޅާނީ ހިމަ ހިރު. މެދަށް ލާނީ ރޮދިގަނޑު، މިދޭތެރެއަށް ލާނީ ހުދު ހިރެއް. ދެން ނިންމާލާފަ އަޅާނީ އެންމެ ފަލަހިރު. އަޅާފަ ދެން ތުނޑުކާރިފަށް. ދެން މިއާ ޖެހިގެން ތުނޑު. މުޅި އެކު ކަސަބު އަޅާ ނިމޭއިރު އިންނާނެ 17 ފަށް،" ނަޝީދާ ކިޔައިދިނެެވެ.
ކަސަބު ވިއުމާއި ލިބާސްފެހުން މައިގަނޑު މަސައްކަތެއްގެ ގޮތުގާ ކުރި ނަމަވެސް އެ ފަންނު މަރުވިޔަ ނުދިނުމަށް އެ ފަންނު ދަސްކުރަން ބޭނުންވާ މީހުންނަށް ކޯސް ހިންގައިދޭކަމަށް ވެސް ނަޝީދާ ބުންޏެވެ.
މިފަދަ އެތައް ފަންނުވެރި މަސައްކަތްތަކެއް ފެންނަން ހުރި މި ފެސްޓިވަލު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. ފެސްޓިވަލް އޮންނާނީ ކޮންމެ ދުވަހަކު މެންދުރު 1:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ސޯޝަލް ސެންޓަރުގަ އެވެ.












