ޕެރިސް (މެއި 8) - ކްލަބްގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއްޔާ އަށް ދިއުމުން ސަސްޕެންޑްކޮށްފައި ހުރި ލިއޮނަލް މެސީ ނުލައި، ޕީއެސްޖީ ކުޅުނު މެޗުން ރޭ ފްރެންޗް ލީގުގައި ޓްރޯޔެސް އަތުން 3-1 އިން މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ޕީއެސްޖީ، ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 34 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެންސް އަށް 34 މެޗުން ވަނީ 72 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނައިގައި އޮތް މާސޭ އަށް ވަނީ 34 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ.
ސައުދީ އަރަބިއްޔާ ދަތުރު މައްސަލައިގައި ޕީއެސްޖީން އަދަބު ދިނުމުން، އެ ސަސްޕެންޝަން އިން އަވަސް ހައްލެއް ހޯދައި ޓީމާ ގުޅުމަށް މެސީ ވަނީ މާފަށް ވެސް އެދިފަ އެވެ.
ޓްރޯޔެސް ދަނޑުގައި ރޭ ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތުން، ކީލިއަން އެމްބާޕޭ އެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ އެމްބާޕޭ ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ. މިއީ ލީގުގައި މި ފަހަރު އެމްބާޕޭގެ 24 ވަނަ ގޯލެވެ. އެންމެ ގިނަ ގޯލު ޖެހީ އެމްބާޕޭ އާއި ލިޔޯންގެ އަލެކްސަންޑަ ލަކަޒޭޓް އެވެ.
ދެ ވަނަ ގޯލެއް ޖަހައި، ލީޑުފުޅާކުރަން ޕީއެސްޖީން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 59 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ވިޓީނިއާ ވަނީ ރީބައުންސް ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ޓްރޯޔެސްގެ ޒާވިއޭ ޗަވަޔެރިން ވަނީ ގޯލެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. މިއީ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން، ޗަވަޔެރިން ޖެހި ގޯލެކެވެ.
އޭގެ ތިން މިނިޓް ފަހުން، ޕީއެސްޖީ އަށް އަލުން ތިން ގޯލުގެ ލީޑު ނަގައިިދިނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 86 ވަނަ މިނިޓްގައި ސްޕެއިންގެ މިޑްފީލްޑަރު ފަބިއަން ރުއީޒް އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ރީބައުންސް ބޯޅަ ރުއީޒް ވަނީ ފާތު ފައިގެން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވި ޕީއެސްޖީ އަށް ލީގުގައި ދެން އެ ޓީމު ކުޅެން އޮތް ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެން ވެސް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ. ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ 11 ވަނަ ލީގު ތަށި ހޯދައި، ރެކޯޑެއް ގާއިމްކުރުމަށެވެ.












