އިމްފާލް، އިންޑިއާ (މޭ 7) - އިންޑިއާގެ އިރުއުތުރު ސްޓޭޓެއްގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން 23،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހިނގައްޖެ އެވެ.
މަނީޕޫރް ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުމުގައި 54 މީހުން މަރުވެފައިވާއިރު، ގިނަ ބައެއްގެ މުދަލަށް ވެސް ގެއްލުން ލިބިފައިވެ އެވެ.
މަނީޕޫރް ސްޓޭޓުގައި ގަބީލާއަކުން ބޭއްވި އެއްވުމެއް ހަމަނުޖެހުމަށް ބަދަލުވުމުން، އެ ސްޓޭޓަސް ސިފައިން ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ.
އިންޓަނެޓް ކަނޑާލައި، އަމުރަށް ނުކިޔަމަންތެރިވާ މީހުންގެ ގަޔަށް ބަޑި ޖެހުމުގެ އަމުރު ނެރިފައި އޮތް ނަމަވެސް، ހޮނިހިރު ދުވަހު ހަމަނުޖެހުން ކޮންޓްރޯލެއް ނުވެ އެވެ.
މަރުވި މީހުންގެ ރަސްމީ އަދަދެއް އިންޑިއާ ސަރުކާރުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. އެކަމަކު ގާނޫނާ ބެހޭ މިނިސްޓަރު ކިރެން ރިޖީޖޫ ވިދާޅުވީ ގިނަ ބަޔެއްގެ ފުރާނަ ގެއްލުނު ކަމަށެވެ.
އިންޑިއާ ސަރުކާރުގައި އޮންނަ ރަސްމީ ގަބީލާތަކުގެ ކެޓެގަރީގައި "މެއިޓެއި" ދަރިކޮޅުގެ މީހުން ހިމަނަން އެދުމުން، އެހެން ގަބީލާތަކުން އެކަމާ ދެކޮޅެވެ.
އިންޑިއާގެ ގާނޫނުގެ ދަށުން ކޮލެޖުގައި ކިޔެވުމުގެ ފުރުސަތާއި ސަރުކާރު ވަޒީފާގެ ފުރުސަތު ދިނުމުގައި ގަބީލާތަކުގެ މީހުންނަށް އިސްކަންދޭނެ އެވެ.










