ޕެޝާވަރް، ޕާކިސްތާން (މޭ 7) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ އެއްވުމެއްގެ ތެރޭގައި މީހަކު އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް، އެ މީހާއަށް ހަމަލާދީ މަރާލައިފި އެވެ.
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ޕާކިސްތާނުގެ ބައެއް ރައްޔިތުން ރުޅިގަދަވާ މައްސަލައެކެވެ. މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި މީހުންނަށް ހަމަލާދީ މަރާލާފައިވެ އެވެ.

އެ މީހާއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ހަމަލާދޭ މީހުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
އެ ހާދިސާ ހިނގީ ހޮނިހިރު ދުވަހު އަފްގާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ހައިބަރް ޕަހްތުންހްވާ ޕްރޮވިންސްގެ މަރްދާން ސިޓީގެ ސަވާލް ދެރް ސަރަހައްދުގަ އެވެ.
ފުލުހުން ބުނީ އިމްރާން ހާންގެ ޕާކިސްތާން ތެހްރީކޭ އިންސާފް (ޕީޓީއައި)ގެ އެއްވުން ނިންމުމުގެ ގޮތުން ދުއާކުރަން ހަވާލުކުރީ ނިގަރް އާލަމް ނަމަކަށް ކިޔާ މީހަކަށް ކަމަށެވެ. އެއީ ޕީޓީއައިގެ އެއްވުމެއް ނަމަވެސް، އިމްރާން ހާން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ދުއާ ކުރުމުގެ ތެރެއިން އޭނާ ދެއްކި ވާހަކަތަކާ މެދު ހިތްހަމަނުޖެހި، އެއްވެ ތިބި މީހުން ހަމަލާ ދޭން ފެށީ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ވަނީ އެ ތަނުން ފިލައިފަ އެވެ.
ފުލުހުން ބުނީ އޭނާ އުޅޭނެ ކަމަށް ބެލެވޭ ގެތައް ހޯދައި، އެ ތަނުން ގެޔަކުން އޭނާ ނެރެ، އަނެއްކާވެސް މަރުވަންދެން ތަޅައި އަނިޔާކުރި ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ޕީޓީއައިއިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.










