ގުވަހަޓީ، އިންޑިއާ (މޭ 6) - އިންޑިއާގެ އިރުއުތުރުގައި ހިނގަމުންދާ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 54 އަށް އަރައިފި އެވެ.
މަނީޕޫރް ސްޓޭޓުގައި ގަބީލާއަކުން ބޭއްވި އެއްވުމެއް ހަމަނުޖެހުމަށް ބަދަލުވުމުން، އެ ތަނަށް ސިފައިން ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ.
އިންޓަނެޓް ކަނޑާލައި، އަމުރަށް ނުކިޔަމަންތެރިވާ މީހުންގެ ގަޔަށް ބަޑި ޖެހުމުގެ އަމުރު ނެރިފައި އޮތް ނަމަވެސް، ހޮނިހިރު ދުވަހު ހަމަނުޖެހުން ކޮންޓްރޯލެއް ނުވެ އެވެ.

ފުލުހުން ބުނީ ހުކުރު ދުވަހުގެ ދަންވަރު ދެ ވަނަ ފަހަރަށް ހަމަނުޖެހުން ބޮޑުވުމުން އަލުން ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނޫހުން ބުނީ މަނީޕޫރް ސްޓޭޓްގެ ވެރިރަށް އިމްފާލް އާއި ޗުރާޗަންދްޕޫރްގެ މޯގުތަކަށް 54 މީހުންގެ ހަށިގަނޑު ގެންދިޔަ ކަމަށެވެ.
އެހެން ނަމަވެސް، މަރުވި މީހުންގެ ރަސްމީ އަދަދެއް އިންޑިއާ ސަރުކާރުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. އެކަމަކު ގާނޫނާ ބެހޭ މިނިސްޓަރު ކިރެން ރިޖީޖޫ ވިދާޅުވީ ގިނަ ބަޔެއްގެ ފުރާނަ ގެއްލުނު ކަމަށެވެ.
މަނީޕޫރްއާ ޖެހިގެން އޮންނަ ނަގާލޭންޑް ސްޓޭޓުގައި މަރުކަޒުވެގެން ތިބޭ އިންޑިއާ ސިފައިން ބުނީ ހަމަނުޖެހުމުގެ ސަބަބުން 13،000 މީހުން ރައްކާތެރިކަން ހޯދަން އެ ތަނަށް ދިޔަ ކަމަށެވެ.
އިންޑިއާ ސަރުކާރުގައި އޮން ރަސްމީ ގަބީލާތަކުގެ ކެޓެގަރީގައި "މެއިޓެއި" ދަރިކޮޅުގެ މީހުން ހިމަނަން އެދުމުން، އެހެން ގަބީލާތަކުން އެކަމާ ދެކޮޅެވެ.
އިންޑިއާގެ ގާނޫނުގެ ދަށުން ކޮލެޖުގައި ކިޔެވުމުގެ ފުރުސަތާއި ސަރުކާރު ވަޒީފާގެ ފުރުސަތު ދިނުމުގައި ގަބީލާތަކުގެ މީހުންނަށް އިސްކަންދޭނެ އެވެ.










