އަހަރުތަކެއް ކުރިން ފެށުނު ލޯތްބާ އެކު ކައިވެންޏަށް 18 އަހަރު ފަހުން އިނގިރޭސި ރަސްގެފާނު ޗާލްސްގެ ހަޔާތުގެ ލަނޑުދަނޑި ހޮނިހިރު ދުވަހު ހާސިލްވާނެ އެވެ. އެމަނިކުފާނު ތަހުތަށް ވެޑުވުމާ އެކު އަނބިކަނބަލުން ކެމީލާއަށް ވެސް ރަސްމީކޮށް ރާނީގެ ލަގަބު އަރުވާނެ އެވެ.
ޗާލްސްގެ ހަޔާތްޕުޅުގައި އެއްވެސް ވަރަކަށް ދޫނުދެވޭނެ ހަމައެކަނި ކަމަކަށް އޮތީ ކެމީލާއާ ގުޅުން ހުރި ކަންކަމެކެވެ. އެ ލޯބީގެ ގުޅުމަށް އިނގިރޭސި އާއްމުންގެ ބޮޑު ނުރުހުމެއް އަމާޒުވި އިރު ވެސް ގޮތް ދޫނުކުރައްވަ އެވެ. އަދި މަންމާފުޅު ރާނީގެ ފިއްތުންތައް ކުރިމަތިވި އިރު ވެސް ދޫނުދެއްވަ އެވެ.
ހޮނިހިރު ދުވަހު ލަންޑަންގެ ވެސްޓްމިންސްޓާ އަބޭގައި ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމާ އެކު ރާނީގެ ލަގަބު ކެމީލާއަށް އަރުވާނީ އިނގިރޭސި އާއްމުންނާއި ދުނިޔޭގެ ވެރިންގެ ކުރިމަތީގަ އެވެ.
"މި ކަހަލަށް ބޮޑު ހަފުލާއަކާ ކުރިމަތިލާން ޖެހުނީމާ ކޮންމެ މީހަކު ވެސް ހާސްވާނެ،" ކެމީލާގެ ދަރިކަލުން ޓޮމް ޕާކާ ބައުލްސް "ދަ ނިއު އޭޖް" ޕޮޑްކާސްޓަށް ވިދާޅުވި އެވެ.
"މަންމަގެ އުމުރުން މިހާރު 75. މިއީ ހާސްވާނެ ވަރުގެ ކަމެއް ނަމަވެސް، މަންމަ އެއްވެސް ޝަކުވާއެއް ނުކުރައްވާ."
ޓޮމް ޕާކާ ބައުލްސް ސިފަކުރެއްވި ގޮތުގައި އުމުރުން 74 އަަހަރުގެ ރަސްގެފާނު އަދި ދޮންބައްޕާފުޅު ޗާލްސްއަކީ "ހިތްހެޔޮ، ވިސްނުން ތޫނު އަދި ޒިންމާތަކަށް ކަމޭ ހިތާ" ވެރިޔެކެވެ.
ޗާލްސް އާއި ކެމީލާ ތަހުތަށް ވެޑުވުމާ ހަމައަށް ކުރެއްވި ދިގު ދަތުރުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވެ އެވެ.
ޗާލްސްގެ ފުރަތަމަ އަނބިކަނބަލުން ޑަޔާނާ ވިދާޅުވި ގޮތުގައި އެކަމަނާގެ ކައިވެނި ރޫޅިގެން ދިޔައީ ކެމީލާގެ ސަބަބުންނެވެ. އެހެންވެ، 1990 ގެ އަހަރުތަކުގައި ކެމީލާއަކީ އިނގިރޭސިވިލާތުގައި އެންމެ ގިނަ ބަޔެއްގެ ނަފުރަތު އަމާޒުވި އަންހެން މީހާގެ ގޮތުގައި ވަނީ މަޝްހޫރުވެފަ އެވެ.
ޗާލްސް އާއި ޑަޔާނާގެ ހަގު ދަރިކަލުން، ހެރީ ސިފަކުރެއްވީ ކެމީލާއަކީ ތަހުތުގެ ދަހިވެތިކަމުގައި ދިގު "ގޭމެއް ކުޅެ، ނުބައިބައި ރޯލެއް" އަދާކުރި މީހެއްގެ ގޮތުގަ އެވެ.
އެހެން ނަމަވެސް، ކެމީލާއާ މެދު ޗާލްސް ދެކިވަޑައިގަންނަވާ ގޮތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

ޗާލްސް އަދި ކެމީލާ. -- ފޮޓޯ: ގެޓީ އިމޭޖާޒް
ޗާލްސް އާއި ކެމީލާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގެންނެވީ 1970 ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން ރޯޔަލް ނޭވީގައި ހިދުމަތް ކުރުމަށް ޗާލްސް ފުރާވަޑައިގެންނެވި އެވެ. ކެމީލާ އާއި ސިފައިންގެ އޮފިސަރު އެންޑްރީ ޕާކާ ބައުލްސް ލޯބީގެ ގޮތުން ގުޅި، ކައިވެނި ކުރީ ޗާލްސް ނޭވީގައި ހުންނެވި އިރު 1973 ގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ކެމީލާގެ ކައިވެންޏާ ގުޅިގެން ޗާލްސް ވަރަށް ހިތާމަކުރެއްވި އެވެ.
އެ ކައިވެނީގައި ޕާކާ ބައުލްސް ބޭވަފާތެރިވުމުން، މާ ގިނަ އަހަރުތަކެއް ނުވެ ކައިވެނި ރޫޅެން ފެށި އެވެ.
ޗާލްސް އާއި ޑަޔާނާ ކައިވެނި ކުރެއްވީ 1981 ގަ އެވެ. އޭރު ޗާލްސްގެ އުމުރުފުޅުން 32 އަހަރެވެ. އަދި ޑަޔާނާއަށް އެންމެ 20 އަހަރެވެ. ވެޑިން ހަފުލާގެ މެހެމާނުންގެ ތެރޭގައި ކެމީލާ ހިމެނުނެވެ.

ޑަޔާނާ އާއި ޗާލްސްގެ ކައިވެނި ހަފުލާގައި ކެމީލާ.
ޗާލްސް ޑަޔާނާއާ ކައިވެނި ކުރެއްވި ނަމަވެސް، ކެމީލާގެ ހަނދާންތަކާ ދުރެއް ނުވެ އެވެ. ކެމީލާގެ ކައިވެނި ފަދައިން، ޗާލްސް އާއި ޑަޔާނާގެ ކައިވެނި ވެސް ވަރަށް އަވަހަށް ރޫޅެން ފެށި އެވެ. އެހެން ނަމަވެސް، އެ ކައިވެންޏަށް ދެ ދަރިން ލިބިވަޑައިގެންނެވި އެވެ. އެއީ 1982 ގައި ވިލިއަމް އާއި 1984 ގައި ހެރީ އެވެ.
ކައިވެނި ރޫޅެން ފެށުމާ އެކު، ޗާލްސް އަނެއްކާވެސް ކެމީލާއާ ގުޅުން ބަދަހިކުރަން ފެއްޓެވި އެވެ. އެ ގުޅުމުގެ ތެރެއިން 1993 ވަނަ އަހަރު ކެމީލާ އާއި ޗާލްސް ފޯނުން ދެއްކެވި ވާހަކަތަކެއް އިނގިރޭސި ނޫސްތަކުން ފަޅާ އަރުވާލި އެވެ.
އެ ވާހަކަތައް ފަޅާއަރައި، އާއްމުންގެ ނުރުހުން އަމާޒުވުން، އިނގިރޭސި ރަސްގެފާނަށް ވެވަޑައިގެންނެވުމުގެ ޝަރަފު ޗާލްސްއަށް ދިނުމާ ވެސް ބައެއް ފަރާތްތަކުން ދެކޮޅުވި އެވެ.
އެންމެ ފަހުން ކެމީލާ އާއި ޕާކާ ބައުލްސްގެ ކައިވެނި ރަސްމީކޮށް ނިންމާލީ 1995 ގަ އެވެ. އޭގެ އަހަރެއް ފަހުން 1996 ގައި ޗާލްސް އާއި ޑަޔާނާގެ ކައިވެނި ވެސް ރަސްމީކޮށް ނިންމާލި އެވެ. އޭގެ ފަހުން ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް ޑަޔާނާ އަވަހާރަވީ 1997 ގަ އެވެ. އެ ހާދިސާއާ އެކު ކެމީލާއަށް އޮތް އާއްމުންގެ ނަފުރަތު އިތުރަށް ބޮޑުވި އެވެ.
އިނގިރޭސި ރައްޔިތުން ކެމީލާއާ މެދު ދެކޭ ގޮތް ބަދަލުކޮށް ޗާލްސް އާއި ކެމީލާގެ ކައިވެންޏަށް މަގުފަހިކުރެވޭ ގޮތް ހެދުމަށް އަހަރުތަކެއް ވަންދެން ޕަބްލިކް ރިލޭޝަންސްގެ ބޮޑު ކެމްޕެއިނެއް ހިންގި އެވެ.
އެންމެ ފުރަތަމަ ރާނީ އެލިޒަބަތު ވެސް އެ ކައިވެންޏާ މެދު ނުރުހުނެވެ. އެހެން ނަމަވެސް ފަހުން، އެކަން ބަލައިގަނެ އެޕްރީލް 2005 ގައި ކައިވެނި ކުރެވިގެން ދިޔަ އެވެ.

ޗާލްސް އާއި ކެމީލާގެ ކައިވެނި.
ކައިވެންޏަށް އެންމެ ފުރަތަމަ އިއުލާން ކުރީ ރާނީގެ ލަގަބު ބޭނުން ނުކޮށް، ކެމީލާއަށް ލިބިވަޑައިގަންނަވާނީ ޕްރިންސަސް ކޮންސޯޓްގެ ލަގަބު ކަމަށެވެ.
އެކަމަކު ރާނީ އެލިޒަބަތު އަވަހާރަވުމުގެ ހަތް މަސް ކުރިން ނިންމެވީ "ކުއީން ކޮންސޯޓް" ގެ ލަގަބު ކެމީލާއަށް އެރުވުމަށެވެ.
ހޮނިހިރު ދުވަހު ރަސްމީކޮށް ރާނީގެ ލަގަބު ލިބިވަޑައިގަންނަވާ ނަމަވެސް، ކެމީލާއާ މެދު އިނގިރޭސި އާއްމުން އަދިވެސް މާ ހިތްހަމައެއް ނުޖެހެ އެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި 51 ޕަސެންޓު މީހުން ކެމީލާއާ މެދު ނުހުރެ އެވެ. އަދި ރާނީގެ ލަގަބު ކެމީލާއަށް އަރުވަން ބޭނުން ވަނީ އެންމެ 14 ޕަސެންޓު މީހުންނެވެ.












