އަމްރިތުސާރް، އިންޑިއާ (އެޕްރީލް 30) - އާދީއްތަ ދުވަހު އިންޑިއާގައި ގޭސް ލީކުވެ 11 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެ ހާދިސާ ހިނގީ އުތުރު ޕަންޖާބް ސްޓޭޓުގެ ލުދިއާނާގެ ސިނާއީ ސަރަހައްދެއް ކަމުގައިވާ ގިއާސްޕޫރާގަ އެވެ. ގޭސް ލީކުވި ސަބަބު ސާފެއް ނޫނެވެ.
"ލޭގެ ސާމްޕަލްތަކާއި ނޭޝަނަލް ޑިޒާޒްޓާ ރެސްޕޯންސް ފައުޖުން ނަގާ ސާމްޕަލް ބެލުމަށް ފަހު ނޫނީ ގޭސް ލީކުވި ސަބަބާއި ކޮން ބާވަތެއްގެ ގޭހެއްކަން ނޭނގޭނެ،" ފުލުހުންގެ ކޮމިޝަނަރު މަންދީޕް ސިންގް ސިދޫ ވިދާޅުވި އެވެ.

މަރުވި މީހުންގެ ތެރޭގައި ފަސް އަންހެނުން ހިމެނޭ އިރު، ބާކީ ހަ މީހުންގެ ތެރޭގައި ދެ ކުޑަ ފިރިހެން ކުދިން ހިމެނެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާތީ ސިނާއީ ގޭސް ލީކުވުމުގެ ހާދިސާތައް ވަރަށް ގިނައިން އިންޑިއާގައި ހިނގަ އެވެ.
މިދިޔަ އޯގަސްޓު މަހު އަންދްރަ ޕްރަދޭޝް ސްޓޭޓުގެ ހެދުން އުފައްދާ ފެކްޓްރީއެއްގައި ގޭސް ލީކުވެ 112 އަންހެނުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.










