ކުރު ވާހަކަ: ނީހަ

ކުރު ވާހަކަ: ނީހަ

އެ ލަކުޑި ފޮށި ހުޅުވާލުމުން ފެނުނު ތަސްވީރުން މަންމަގެ އެތައް ހަނދާނެއް އާވެ އާލާވިއެވެ. އެ ތަސްވީރުން އެތައް ވާހަކައެއް ކިޔައިދެއެވެ. އެތައް ހަނދާނެއްގެ ފަރުދާ ކަހައިލަދިނެވެ. އާއެކެވެ. އެއީ އަހަންނާއި މަންމައާއި މުދައްރިސާއެކުގައިވާ ފޮޓޯއެކެވެ. ރިހިފުރޭމަކުން ޖަރީކޮށްފައިވާ ޅަ އިރުގެ ހަނދާނެވެ. ރަތްކުލައިން ފެވި ފައިވީ ނަމަވެސް އެ ދުވަހުގެ ހަނދާން އަހަރެންގެ ހިތުން ފިލައިގެންދާނެ ހެއްޔެވެ؟ ނޫނެކެވެ.

މަންމައަކީ މިނިވަން ކަމާއެކު ދޫންޏެއް ފަދައިން އުޅުނު މީހެކެވެ. ހައިސިއްޔަތުގެ ފާޓު ހަނިކޮށް އުޅުނު މަޖިލީސް މެންބަރެކެވެ. ސާދާ ދިރިއުޅުމާއި ރިވެތި އަހުލާގަކީ މަންމަގެ ޝަޚުޞިއްޔަތުގެ ފޭރާމެވެ. ލުއި ހިނިތުންވުމާއި ނިޔަނެތި ކަމަކީ އެ ފޭރާން ޒީނަތްކޮށްދޭ ކާނާއެވެ.

އާދައިގެ މަތިން މަންމައައީ އަހަރެން ބަލައި ސްކޫލު ދޮށަށެވެ. މީހުންނަށް ނިތް އުކަމުން، ހިނިތުންވަމުން އެކެއްގެ ކޮނޑުން އަނެއްކެއްގެ ކޮނޑުގައި ފިރުމަމުން، ސަލާންގަލާން ކުރަމުންނެވެ. މަންމަ އައިސް ހުއްޓިލީ އަހަރެން ގާތަށެވެ. އޭރު ކުލާސް މުދައްރިސް އަހަރެންގެ ގާތުގައި ހުއްޓެވެ.

Advertisement

"މިސް ބޭނުން މިލީއަށް ޓްރީޓެއްދޭން، ވަގުތުކޮޅެއް ލިބިދާނެތޯ؟" މުދައްރިސް ބަލައިލީ ސީދާ މަންމަގެ މޫނަށެވެ. "މިލީގެ މަންމަ ވެސް ބައިވެރިވާންވާނެ."

އަހަރެންގެ ގައިގައި މަންމަ އޮޅުލައިގަތެވެ. މުދައްރިސް ދެއްކި ވާހަކަތަކުން ހިނިތުންވެ ހުރެއެވެ. ކުއްލިއަކަށް މީހަކު އަހަރެންގެ ފަޔަށް އެރުނެވެ. އެރުނީއެއް ނޫނެވެ. ގަސްތުގައި އެރީއެވެ. އަހަންނަށް އެކަން ޔަގީންވީ އޭނާ ފަޔަށް ބާރުކޮށްލައި ހަދައިލި ގޮތުންނެވެ. އަހަރެން ކެތްކުރީމެވެ. އަނގައިން އަޑެއް ބޭރު ނުކޮށް އެއީ ކާކުތޯ ބަލައިލީމެވެ. އެއީ ޝާޔަންގެ މަންމައެވެ. ގާތުގައި ޝާޔަން ހުއްޓެވެ. ރުޅިވެރި މޫނެއް ދައްކައިގެންނެވެ. ޝާޔަންގެ މަންމަގެ މޫނުން ފެނުނީ މިނިކާވަގެކެވެ. އޭނާ ނުނަޒަރުން އަހަރެންނާ ދިމާއަށް ބަލައިލަމުން ތުންފަތް އަނބުރައިލިއެވެ. އޭރު މަންމަގެ ފޯނު ނަގައި މުދައްރިސާއެކު ނަފުސީއެއް ނަގަން އަހަންނަށް ގޮވަނީއެވެ. ވީދަތަށްވުރެ ބޮޑަށް ހިތަށް ކުރި އަސަރުބޮޑެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން މަންމައަށް އެކަން ވަންހަނާ ކުރީމެވެ.

މަންމަމެން ގޮވާ އަޑަށް ބަލައިލެވުނެވެ. މަޑުމަޑުން އެ ދިމާއަށް މިސްރާބު ޖެހީމެވެ. ފޮޓޯ ނެގި އިރު ވެސް އަހަންނަށް ހުރެވުނީއެވެ. ނޭނގޭ ރަނގަބީލެއްގެ އަޑު ކަންފަތުގައި ޖެހެމުން ދިޔައީމައެވެ. ގޯހުން ގޯހަށް ކަންކަން ބަދަލުވާން އުޅޭ ކަމުގެ އިހުސާސެއް ކުރެވެން ފެށީމައެވެ.

"ކީއްވެ މިލީ މި ހުރީ ދެރަވެފަ؟ މިހާ އުފާވެރި ވަގުތެއްގަ. ސްމައިލް ދޫނީ." މަންމަ އަހަރެންގެ ކޮލުގައި ހިފައިލިއެވެ.

މުދައްރިސާއި މަންމައާއި އަހަރެން ދިޔައީ ސްކޫޕަށެވެ. އެތަނަށް ވަދެ ކާ އެއްޗެހި ނަގައިގެން އައިސް މަންމަ ފެށީ ރަސްމީ އޮލަވާހަކައެކެވެ. މުދައްރިސް އިނީ އަޑު އަހާށެވެ. އަހަރެން ފާޑަކަށް ފޫހި ވެސް ވިއެވެ. މަންމަމެން ދެއްކި ވާހަކައިންނެވެ.

އަހަރެން ހިތުގައި އޭރު ވެސް ވިކަމުން ދިޔައީ ޝާޔަން މިއަދު ކުލާހުގައި ދެއްކި ވާހަކައެވެ.

"މިލީއަށް މިސްމެން މާ އޯކޭވެގެން އުޅެނީ މަންމައަކީ އެމްޕީއެއް ވީމަ. މިލީއަކީ ވަކި ކާކު؟ އެއްވެސް މޮޅެއް ނޫން. ބުޑެއް ވެސް މޮޅޭ ކިޔަންޏާ މޮޅުވާނެދޯ."

ޝަޔާންގެ އެ ޖުމުލަ އަހަރެންގެ ކަންފަތުގައި ގުގުމާން ފެށިއެވެ. އެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. ހީވަނީ އެތައް ފަހަރަކު އެ ވާހަކަ ތަކުރާރުވާހެންނެވެ. ތަކުރާރުވަމުން ގޮސް ކަންފަތް ފަޅައިގެން ދާން އުޅޭހެންނެވެ. އެއާއެކު އެކީގައި އަހަންނަށް ފެންނަމުން ދިޔައީ ޝާޔަންގެ މަންމަގެ ރުޅިވެރި މޫނެވެ. އޭނާ ތުންފަތަށް ހަދައިލި ގޮތެވެ. އަހަންނަށް ކަންފަތުގައި އަތްއެޅުނެވެ. އަނގަމަތީގައި ވެސް އަތް އެޅުނެވެ. މަންމައަށް އެކަން އެނގުނެވެ. އަހަރެން ބޯހޫރައިލީމެވެ. ކަމެއް ނުވެޔޭ ބުނެ ދޮގެއް ހެދީމެވެ. ކުރިމަތީގައި މުދައްރިސް އިނީތީއެވެ.

"މިކަން ކަލޭގެ މަންމައަށް އަންގާ. އޭރުން އަހަރުމެން ނިކަމެތި ކުދީންނަށް އަދަބު ލިބޭނީ. ސްކޫލުން ކަނޑައިލާނެ."

ކޮޓަރިއަށްވަދެ އެކަނިވުމާއެކު ޝާޔަންގެ އަޑު ހަތަރުފާރުން އިވެން ފެށިއެވެ. ކަންފަތުގައި އަތްއެޅީމަ ވެސް އެ އަޑު ތަކުރާރުވިއެވެ. މަތިންނާއި ތިރިންނެވެ. ވީވީހެން ގަދަވަނީއެވެ. ކޮޓަރީގައި ނޯވެވިގެން ބޭރަށް ނުކުތީމެވެ.

ފޯނަށް ބަލައިލެވުނެވެ. މިސްގެ މެސެޖެއް ލިބުނެވެ. އެއީ އެ ދުވަހު ނެގި ފޮޓޯއެވެ. އަހަންނަށް ފޮޓޯއަށް ރަނގަޅަށް ބަލައެއް ނުލެވުނެވެ. ސަމާލުކަން ދެވުނީ ޓީވީއިން ދައްކަމުން ދިޔަ އަވަސް ޚަބަރަކަށެވެ. އިވެމުން ދިޔަ ޚަބަރާއެކު އުޑު ބޯމައްޗަށް ވެއްޓުނުހެން ހީވިއެވެ. ދެފައި ތުރުތުރު އަޅަމުން ގޮސް ގައިވަން ވަރު ދޫވިއެވެ. މޫނުމައްޗަށް އަނދިރިވިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ. ލޯހުޅުވާލެވުނު އިރު އޮތީ ހޮސްޕިޓަލުގައެވެ. އަހަންނަށް ތެދުވެވުނެވެ. ގާތުގައި ހުރީ ދޮންތައެވެ. ރޮމުން ގިސްލަމުން އޭނާގެ ހިތްވަރުކުރި މަންޒަރު ފެނުނެވެ.

"ކޮއްކޯ! ކެތްކުރާންވާނެ،" ދޮންތަ ވަރަށް ހިތްވަރުކޮށްފައި ބުނެލިއެވެ. "ކެތްތެރިކަން އިސްކުރާންވާނެ."

"މަންމަ؟" އަހަންނަށް އަހައިލެވުނެވެ.

"ސަލާމަތެއް ނުވި. ލޯންޗުގައި ތިބި އެންމެން.. އެކަކު ވެސް.." ދޮންތަ ބަޑިފަޅައިގެން ދިޔައެވެ.

އަހަންނަށް އަޑުއަހަން ފަސޭހައެއް ނުވިއެވެ. ދޮންތަ ވެސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ބައްދައިގެން އޮވެ ރުއީއެވެ. އަހަންނަށް ވެސް ވީ އެވަރެވެ.

ކުޑަކޮށް ހަމައަކަށް އެޅުމުން ވީގޮތް ސާފުވިއެވެ. ސަރުކާރުގެ އިސްވެރީންގެ ވަފުދެއް ތިބި ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެންމެން ކަނޑުވެ މަރުވީއެވެ. ހަށިތައް ނެގުމުގެ މަސައްކަތް ކުރަމުންދަނީއެވެ.

ލޮލުން ވެއްޓުނު ކަރުނަތިކިތަކުން ފޮޓޯ ފުރޭމެ ފޯވަމުން ދިޔައެވެ. މަޑުމަޑުން ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ކަނާއަތުންގެ އިނގިލިތަކުން ކަރުނަތައް ފޮހެލީމެވެ. މަންމަގެ އެ ފޮޓޯ އެއީ އަހަންނާއެކު ނެގުނު އެންމެ ފަހު ފޮޓޯއަށްވީތީ އަހަރެން އެ ރައްކާ މިކުރަނީ މަރު ރައްކާ ކުރާ ފަދައިންނެވެ. ލަކުޑި ލާޖެހި ފޮށީގައެވެ.

އަހަންނަށް އެކަން ގުޅުވުނީ ޝާޔަންއާއި އޭނާގެ މަންމަގެ ވިހަގަދަ ބެލުމަށެވެ. އެ ދުވަހު އޭނާ ތުންފަތަށް ހަދައިލި ގޮތަށެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަށް އެހެން ވިސްނުމުގެ ފުރުސަތު އެބައޮތެވެ. އެމީހުންގެ ނީހައިގެ ސަބަބުން އަހަންނާ މަންމަ ވަކިވީއެވެ. މައިންބަފައިންގެ މަޝްހޫރުކަމުގެ ސަބަބުން ދަރިންނަށް އެކަމުގެ ހިޔަނި އެޅޭކަން ބައެއް މީހުން ގަބޫލު ނުކޮށްފާނެއެވެ. ނަމަވެސް، މިއަދު އަހަރެން އެކަން ޤަބޫލުކުރަމެވެ. މި ހަގީގީ ހާދިސާއިން އަހަންނަށް ދަސްވި ފިލާވަޅަކީ ވެސް އެއީއެވެ.

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox